24 އެޕްރީލް 2025 - 10:55
އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތް އާސެނަލް ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް 2-2 އިން އެއްވަރު ވުމުން، އެއް ވަނައިގައި އޮތް ލިވަޕޫލް ލީގު ތައްޓާ ޕޮއިންޓަކާ ގާތަށް ޖެހިލައިފި އެވެ.
ތިން ވަނަ މިނިޓުގައި ޔަކޫބް ކިވިއޯ އާސެނަލް އަށް ލީޑު ނަގައިދިނުމުން ޕެލަސް އެއްވަރު ކުރީ އެބެރޭޗީ އެޒީގެ ގޯލަކުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިއަންޑްރޯ ޓްރޮސާޑް ވަނީ އަލުން ލީޑު ވެސް ނަގައިދީފަ އެވެ.
އާސެނަލް ދެ ފަހަރު ލީޑު ނެގުމުން ވެސް ޕެލަސް ވަނީ އެއްވަރުކޮށް މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ. ދެ ވަނަ ފަހަރަށް އެއްވަރު ކުރީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ޖިއާޏް ފިލިޕޭ މަޓޭޓާ އެވެ.
މި ނަތީޖާއާ އެކު ދެ ވަނައިގައި އޮތް އާސެނަލް އަށް 34 މެޗުން ވަނީ 67 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 33 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި އާސެނަލް އަށް ބާކީ އޮތް ހަތަރު މެޗުން މޮޅުވެގެން ވެސް އެންމެ ގިނަވެގެން ހޯދޭނީ 79 ޕޮއިންޓެވެ. މިއާ އެކު ލިވަޕޫލަށް މިވަނީ، އަންނަ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މަދުވެގެން ޕޮއިންޓެއް ހޯދައިގެން، ހަތަރު މެޗު ބާކީ އޮއްވައި ލީގު ޗެމްޕިއަންކަން ޔަގީން ކުރުމުގެ ފުރުސަތު ލިބިފަ އެވެ.
އިނގިރޭސި ކްލަބްތަކަށް މި ހަފްތާ ބަންދުގައި އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތައް ވެސް އޮންނާނެ އެވެ. އާސެނަލްއާ އެއްވަރުކުރި ކްރިސްޓަލް ޕެލަސް ވެސް ވަނީ ސެމީ އަށް ހޮވިފަ އެވެ. އެ ޓީމު ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އަދި އާދިއްތަ ދުވަހުގެ ރޭ އޮތީ ނޮޓްނަމް ފޮރެސްޓާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭންޑްބޯލް
24 April 2025
ރެފްރީގެ އެހީގަ ތަމެންނަށް މިފަހަރު ލީގް ލިބިއްޖެ. 30 އަހަރު ފަހުން ވެސް ތަމަން ލީގް ނެގީ ސުޕާރީދީގެން.
ސަލީބާ
24 April 2025
ލޮލް