ފަލަސްތީނުގެ ޣައްޒާގައި ކާނާ ބަހާ ތަނެއްގެ ކައިރީގައި ކުދިންތަކެއް ކިއޫ ހަދައިގެން: ޣައްޒާގައި ވަނީ ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ
28 އެޕްރީލް 2025 - 11:41
ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮންނަތާ ދެ މަސް ވާން ގާތްވެފައި ވަނިކޮށް އެ މައްސަލައިގައި މިއަދު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ފަށާނެ އެވެ.
އދ.ގެ އެންމެ މަތީ ކޯޓުގައި އދ.ގެ ފަރާތުން ހުށަހެޅުންތައް މިއަދު ރާއްޖޭ ގަޑިން މެންދުރު ފަހު 1:00 ގައި ހުށަހެޅުމާ އެކު ފަސް ދުވަހުގެ މުއްދަތަކަށް އޮންނަ އަޑުއެހުންތައް ފަށާނެ އެވެ. އޭގެ ފަހުން ފަލަސްތީނުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާނެ އެވެ.
އޭގެ ފަހުން، 15 ފަނޑިޔާރުން ހިމެނޭ ކޯޓުގައި 38 ގައުމަކުން މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާނެ އެވެ. އޭގެ ތެރޭގައި އެމެރިކާ، ޗައިނާ، ފްރާންސް، ރަޝިޔާ އަދި ސައޫދީ އަރަބިއްޔާ ހިމެނެ އެވެ.
މީގެ އިތުރުން ލީގު އޮފް އަރަބް ސްޓޭޓްސް އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި އެފްރިކަން ޔޫނިއަން އިން ވެސް ހުށަހެޅުންތައް ހުށަހަޅާނެ އެވެ.
އދ.ގެ އާންމު މަޖިލީހުން މިދިޔަ ޑިސެމްބަރު މަހު ވަނީ އެހީ ވެއްދުން މަނާކުރާ މައްސަލަ، އިސްކަންދޭ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި އިސްތިޝާރީ ލަފަޔަކަށް އެދި އައިސީޖޭގައި އެދިފަ އެވެ. ނޯވޭ އިން ހުށަހެޅި އެ ގަރާރަށް އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުނެވެ.
ފަލަސްތީނުގެ އާންމުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަށް އދ. އާއި އެ ޖަމާއަތުގެ އިދާރާތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކަށް އިޒްރޭލުން ގާނޫނީ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ސާފުކޮށްދިނުމަށް އދ. އިން ވަނީ ފަނޑިޔާރުންގެ ކިބައިން އެދިފަ އެވެ.
ޣައްޒާގެ 2.4 މިލިއަނުގެ އާބާދީއަށް ބޭނުންވާ ކާނާ އާއި ބޭހާއި އެންމެ އަސާސީ ބާވަތްތަކަށް ވެސް އިޒްރޭލުން ގެންދަނީ ވަރަށް ބޮޑަށް ހުރަސްއަޅަމުންނެވެ.
ޣައްޒާއަށް ހަމަލާދޭތާ 15 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލުމަށް ފަހު މިދިޔަ މަހު 18 ގައި އަލުން ހަމަލާތައް ފެށީ އެ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެހީގެ ސާމާނު ވެސް ހުއްޓުވުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
28 April 2025
ވެވަށްވެއްޓުނު ގެރި ނެގުމެކޭ ތިޔަޝަރީޢަތެކޭ އެއްވަރު. މިހާރުވެސް އެއްވެސް ކާއެއްޗެއްނެތްތަނަކަށް ތިޔަ ޝަރީޢަތްނިމޭއިރު ބަނޑުހައިހޫނުކަމުގައި ގިނަމީހުންތަކެއް މަރުވެދާނެކަމުގެ ބިރުއެބައޮތް. އދއަށް ވެސް ތިޔަ އެނގުނީ ކާބޯތަކެތި ނުވައްދާތާ 2 މަސްފަހުންތަ ތިޔަކަންކުރަން. ނަމެއްގައި މަތިރީތިކުރަން ކޮށްގެން އުޅޭކަމެއް. ތިޔައަނެއްކާ އެމެރިކާ ވީޓޯ ކުރާނެ. ބަލަ އިޒްރާއީލަށް ގާޒާއަށް އަމުރު ހިންގުމުގެ ހައްގެއްނެތް އިރު އެމީހުންބުނާގޮތް ހަދަން އދ އަށް ޖެހޭތަ