މާލެ ހިޔާ ފްލެޓުގެ އެތެރެ.-- ފައިލް ފޮޓޯ: މިހާރު
30 އެޕްރީލް 2025 - 12:26
މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތައް އަލުން ހެދުމަށް އެ ތަންތަން ތަޅާލީ، މި ވަގުތު އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ގޮތެއް ހަމަޖައްސައިދީފައި ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ވަނީ ސިނަމާލެ ފްލެޓް ރީ-ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރަން ހަމަޖައްސާފައިވާ ފްލެޓްތަކުގެ ކޮންސެޕްޓް ފާސްކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ ފުރަތަމަ ފްލެޓު އަޅަން ފަށާނީ ކުރިން ރުމާލު-2 ޖަގަހަ ހިންގި ބިމާއި އެ ތަނާ ޖެހިގެން އޮންނަ ޓޯޔާޑު ހިންގި ތަނުގައި ކަމަށެވެ. އެ ތަނުގައި ފްލެޓުތައް އެޅުމަށްފަހު، މިހާރު މާލެ ހިޔާ އަދި ސިނަމާލޭގައި ދިރިއުޅޭ މީހުންނަށް ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީހުން ދިރިއުޅެމުން އަންނަ އެ ފްލެޓުތައް ތަޅާލާނީ އޭގެ ފަހުން ކަމަށް އާޒިމް ވިދާޅުވި އެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ މިހާރު ފާސްކޮށްފައިވަނީ ކޮންސެޕްޓް ކުރެހުން ކަމަށެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވާ ހޮންކޮންގުގެ އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީ އިން އަންނަނީ ޑީޓެއިލް ކުރެހުންތައް ނިންމައި ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
މަސައްކަތް ފެށޭނެ މުއްދަތެއް އެނގޭނީ އެ މަރުހަލާތައް ނިމުމުން ކަމަށް އަރީޝް ވިދާޅުވި އެވެ.
މާލެ ހިޔާ އަދި ސިނަމާލެ އަލުން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކޮށްފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، މޭޔަރަކަށް ހުންނެވިއިރު އޮގަސްޓް 17، 2023 ގަ އެވެ.
އެ އެއްބަސްވުމުގެ ދަށުން 1،500 ހައުސިން ޔުނިޓް ތަރައްގީކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތައް ހިމެނޭ 23،476 އަކަ މީޓަރުގެ ބިމެއްގަ އެވެ. ނަމަވެސް، އެ ސަރަހައްދުގައި ހޭންޑްބޯޅަ ކޯޓު އޮތުމުން 3،310 އަކަ މީޓަރު ވަނީ އުނިކޮށްފަ އެވެ. އެހެންވެ، ފްލެޓުގެ އަދަދު 1،360 އަށް ވަނީ މަދުވެފަ އެވެ.
ކައުންސިލުން ބުނީ މި 20 ފްލޯގެ އެއް ޓަވަރު އަޅަން ބޭނުންވާ ބިން ކޮންޓްރެކްޓަރާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގައި ދެން ހިމެނޭ ފްލެޓްތައް އިމާރާތްކުރަން ހަމަޖެހިފައިވާ ބިން ހުރީ ސަރުކާރުގެ އެކި އިދާރާތަކުގެ ރަޖިސްޓްރީގަ އެވެ. އެހެންވެ، ކައުންސިލުން އަންނަނީ އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހެދި ސިނަމާލެ އަދި މާލެ ހިޔާގެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށީ 2000ގެ ކުރީކޮޅުގަ އެވެ. މިހާރު އޭގެ އެޕާޓްމަންޓުތަކަށް ކުލި ދައްކައި ނިންމުމަށްފަހު ވަނީ އަމިއްލަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޓު
01 May 2025
ކިހާ ބޮޑު މުސީބާތެއް! ކޯޓު ނަގާފައި ފްލެޓްގެ އިންޑޯގައި އަލުން ހަދާބަލަ!
ޒައިކް23
30 April 2025
2000 ގައެއް ނޫން 98 99 ހިސާބުގަ އެތާނގަ މީހުން އުޅެން ފެށީ
ރާއްޖެތެރޭގޮލާ
30 April 2025
ސިނަމާލެ އާއޮ މާލެހިޔާގަ ގިނައީ ކުއްޔަށް އުޅޭ މީހުން.. ގޮތެއް ހޯދަދޭންޖެހޭނީ އެމީހުންނަށް. ކުއްޔަށް ދިން އޯނަރުންނަކަށް ނޫން..
އާޟިން
30 April 2025
މިހާރު 4ބުރި ލާރިދައްކާ ހަމަކޮއްފަ ތިބިމީހުންގެ ބިމެއް ދޯއެއީ މިހާރު. އެބިންވެރިންނަށް ފައިދާ ލިބެންޖެހޭނެދޯ ؛(
ސަކީނާ1
30 April 2025
ސިނަމާލެ ދޫކުރީ 1990 20 ޖުލައި ގަ. މައުލޫމާތައްޓަކައި ހަގީގަތް ހަމަބުނެލީ / ލިޔެލީ
ޢަލީ ކުރުސީ
30 April 2025
ފްލެޓް ކޮންސަލްޓެންޓް ނަގައިފިންތަ އާޒިމް؟ އެމް.ޑީ.ޕީ ގެ ހައެއްކަ މީހުން ނަގަންވާނެ މިކަމަށްވެސް!
އަލީބެ
30 April 2025
ތިއިން ފުލެޓެއްގެ ވެރިޔަކު އޭންތާކު ނޫޅޭ. މުޅިންވެސް ބިދޭސީންނަށް ކުއްޔަށްދީފަ ނޫނީ ފޯއްކޮށާ ފެކްޓްރީހިންގަން ބޭރުމީހުނަށް ދީފަ. އެވަރުންވެސް ދައުލަތުން މަރާމާތު ކުރަންޖެހޭ ތަނެއް. ދުވަހަކު ތަނުގެ ވެރިން އެއްޗެއް ދޭކަށް ނުޖެހޭ. ދިނަސް ދެނީ 200 ރުފިޔާ. އިމާރާތްތައް މަރާމާތުކޮށް ބަލަހައްޓާނެ ގޮތްތަކެއް މިހާރު ރާވަންޖެހޭ. ފައިސާނެގިޔަސް ހިޔާފުލެޓްވެސް ބެލެހެއްޓެނީކީނޫން.
ބަލީބެ
30 April 2025
ވާނުވާ ނޭނގި އަނގަތެޅި އަކަސް ނުވާނެ. ތަނުގެ ވެރިފަރާތްތައް ވަނީ ދައުލަތުން ބުނި އަގެއް ދީފަ. މިހާރު އެތަން ކުއްޔަށް ދިނަސް، ވިއްކާލިޔަސް އަލީބެ އާއި ބެހޭ ކަމެއް ނޫން.
ޢިބޫ
30 April 2025
ހެޔޮނުވާނެ، ޕާކިންގ ބިލްޑިންތަކެއްއަޅާ މާލޭގެ މަގުމަތި ހުސްކޮށްދީބަލަ
ވެބްގަބޯ
30 April 2025
އަނެއްކާ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތަކަށް ކުލިދައްކަން އެތަންތަނުގެ ވެރިން ތައްޔާރައް ދޯ ތިބެންޖެހޭނީ ފުލެޓް ތަކަކީ މިލްކު ވާނޭތަނެއްނޫން ދޯ ތަޅާލާފައި އަނެއްކާވެސް ހަދާފައި މިޖެހެނީ އާފެށުމަކުން އެތަނަށް ކުލިދައްކަން ދޯ ސަރުކާރުން އެތަން ހަދާފައި ހިލޭތޯ އެތަނުގެ ވެރިންނަށް ދެނީ.؟ ރައްޔިތުންނަށް ސާފުކޮށް ދޭންޖެހޭނެއެވެ ސަރުކާރުން ތިތަނާމެދު އަމަލުކުރާނޭގޮތެއް ރައްޔިތުންނަށް އޮޅުންފިލުވައިދީ.؟
ވެގްބަބޯ
30 April 2025
ކީއްވެ މިލްކު ނުވާންވީ؟ ބުނި ވަރަކަށް ރުފިޔާ ދައްކާ ހަލާސް ކޮށްފައި އެހެރީ. އައު އިމާރާތް އަޅާފައި އެޙަރަދަށް އެއްޗެއް ނެގުން އެއީ އައު ކަމެއް. އެކަމުގައި މައްސަލައެއް ނެތް. ހަސަދަވެރި ވިޔަސް ބޮޑުވަރުތީ ދެން ވެބްގަބޯ
ވޮޗްމޭން
30 April 2025
ތި ފްލެޓްތަކުގައި އަސްލު ވެރިން މިހާރު ދިރިއުޅެނީ ކިތައް އެޕާޓްމެންޓްގައި ތޯ؟ ކޮންކަހަލަ ބަދަލެއްތޯ ދެނީ؟ މިފަދަ ކަންކަމަށް ހަރުދަނާ ގާނޫނުތަކެއް އަވަހަށް ބޭނުންވޭ.