ރައްޔިތުންގެ މަޖިލިހުގައި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައެއް މެމްބަރުން
03 މެއި 2025 - 20:19
ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތާ ގުޅިގެން، ސަރުކާރުން އަމަލުކުރަމުންދާ އިސްލާހީ އެޖެންޑާއަށް ބޮޑު ބަދަލެއް ގެނެސް، ސަބްސިޑީ އާއި ޕެންޝަން ދިނުމުގެ އުސޫލު ބަދަލުކުރުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް، ސަބްސިޑީ އާއި އާސަންދަ އަދި ޕެންޝަން ފަދަ ވެލްފެއާ ކަންކަން ހަރުދަނާކޮށް، އިސްރާފުތައް ކުޑަކުރުމާ އެކު އާބާދީގެ އެންމެ ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން މި އަހަރު ގާތްގަނޑަކަށް 8 ބިލިއަނެއްހާ ރުފިޔާ ބަޖެޓުން ސަލާމަތް ކުރަން ވަނީ ހިމަނައިފަ އެވެ.
ނަމަވެސް، އަހަރުގެ ފަސް ވަނަ މަސް ފެށިގެން ދިޔައިރު ވެސް، އެކަމަކުގެ އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ. ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމި ނިންމުން ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އިސްލާހީ އެޖެންޑާގައި ހިމެނޭ މަސައްކަތްތައް ލަސްވުމާ ގުޅޭގޮތުން، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި އެޖެންޑާގައި ހިމަނާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން އަޅަން ބޭނުންވާ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.
އޭގެ ތެރޭގައި، އާސަންދައިގެ ތެރެއިން ނިޒާމީ ސިފައެއްގައި ހިނގާ އިސްރާފުތަކަށް ހައްލުކޮށް، ބޭހަށް ކުރާ ހޭދަ ކުޑަކުރަން މިހާރު އަޅަމުންދާ ފިޔަވަޅުތައް ރައީސް ފާހަގަކުރެއްވި އެވެ.
"އެކަމަކު ދެން ހުރި ކަންކަމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" އެ މަނިކުފާނު ހާމަކުރެއްވި އެވެ.
ނަމަވެސް، މިހާރު ކުރިއަށް ނުގެންދަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތަފްސީލެއް ރައީސް ވެސް އަދި ފިނޭންސް މިނިސްޓްރީން ވެސް އަދި ހާމައެއް ނުކުރެ އެވެ.
އެ ފިޔަވަޅުތަކުގެ ބަދަލުގައި، އެ އަދަދުތައް ބަޖެޓުން ސަލާމަތް ކުރާނީ، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ އަހަރަށް ސަރުކާރުން ރާވާފައިވާ 2،000 އަށް ވުރެ ގިނަ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ، ޕްރޮފިޓް މާޖިން ކުޑަކޮށް ހަވާލުކޮށްގެންނެވެ.
"މިސާލަކަށް ބަނދަރެއް ހަދަންޏާ ޖަހާފާނެ، ޕްރޮފިޓަށް ލާންވާ ބައި ލާފަ މިސާލަކަށް 50 މިލިއަން. އެކަމަކު އަޅުގަނޑުމެން އެޓް ކޮސްޓުގަ ނޫނީ ނިޔާލީ އެޓްކޮސްޓްގަ ހިންގައިގެން އެބަ ސަލާމަތް ކުރެވޭ 15 ނޫނީ 20 މިލިއަން ރުފިޔާ،" ރައީސް ތަފްސީލުކޮށް ދެއްވި އެވެ.
ފަސް ވަރަކަށް ކުންފުނިތަކާ ހަވާލުކޮށްގެން، ސީދާ ފައިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާނީ، އެ މަޝްރޫއުތަކުން ފައިދާއެއް ނެރެމުގެ ވިސްނުމުގައި ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، އެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނާއި ތަކެތި އެސްޓީއޯ މެދުވެރިކޮށް ބަލްކުކޮށް ގެންނަން ނިންމާފައިވާ ކަމަށާއި އެ ކަމުން ވެސް ހަރަދުން ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި އާއެކު، އެ މަނިކުފާނު ވިދާޅުވީ، ދައުލަތުން ވެލްފެއާ ކަންކަމަށް ކުރާ ހޭދައިން ސަލާމަތް ކުރަން ރާވާފައިވާ ބައި، މި މަޝްރޫއުތަކުގެ ތެރެއިން ހޯދޭނެ ކަމަށެވެ.
"ބެލެންސް ގެނެވޭ އެބަ. ކޮންމެހެން ރައްޔިތުންނަށް ދޭ އެއްޗެއް އުނިކޮށްލުމުގެ ބަދަލުގައި މި ހިންގަން ހުރި މަޝްރޫއުތަކުގެ ތެރެއިން އަޅުގަނޑުމެން އާ މޮޑެލްގެ ތެރެއިން މަޝްރޫއު ހިންގައިގެން އެ ބައި ސަލާމަތް ކުރާނީ. އެއީ އަޅުގަނޑުމެންގެ ޕްލޭނަކީ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލޭން އޭ
04 May 2025
ޑަބަލް ޕެންޝަނަކީ ރައްޔަތުންގެ ފައިސާއިން ވަރަށް ބޭއިންސާފުން ދޭއެއްޗެއް ރަނގަޅު ހައްލެއް ބޭނުން
އެމްސް
04 May 2025
އިޤްތިސާދީ ރިފޯމް އެޖެންޑާގަ، ކަންމަތީ ފިހާރަ، ކެފޭ، ގެސްޓްހައުސްތައް ހުސް ބިދޭސީން ލައިގެން ނުހިންގޭނެކަމަަށް އޮންނާނެތޯއެވެ؟
އަނޫފް ހަމީދު
04 May 2025
ދެން ކީކޭ އިދިކޮޅުން ބުނާނީ؟ ޓީވީ ތަކަށް އަރާ ރައްޔުތުން ހަނާ ކޮށްލީ އޭ ކިޔާފަ ދެއްކި ވާހަކަ ދެން ނުދެއްކޭނެ ދޯ. ސޭޑް
ހަސަން އަލީ.
04 May 2025
މިޔާއެކު ރައްޔިތުންނަށް ދެން ދައްޗެއް ނުވާނެ. ރައީސް މުއިއްޒް އަހަރުމެންނާ ދޭތެރޭ ވިސްނާވަރު މި ސާފްވަނީ.
އެމްސް
04 May 2025
އެެހެންނަމަ އާމްދަނީގެ ގިނަފުރުސަތުތައް ޚާއްސަވާނީ ދިވެހީންނަށެވެ!
ނޫރާ އިސްމާއިލް
04 May 2025
ރައްޔިތުންނަށް ދަތިވާނެ ގޮތަށް ރައީސް މުއިއްޒް ނުކުރާނެ ކަން މި ހާމަވަނީ.
އެމްސް
04 May 2025
ރަޢިއްޔަތުންނަށް ހުރިހާކަމެއްވެސް ދަތްޗެވެ! ކަންކަން ފަހީ މިޤައުމުގެ ޢާއްމުކަންކަން ތެރެއަށް ވެރިވެގަނެގެން އުޅޭ ބިދޭސީންނަށެވެ! ލޯކަލް މާރުކޭޓް އާއި، ބާޒާރު މަތްޗާއި، ޢާއްމު ހުރިހާ ވިޔަަފާރިތަކަށް ބަލާލިޔަސް މިމަންޒަރު ފެންނާނެއެވެ! ނުވިތާކަށް މުޅިން އަމިއްލައަށް މަސައްކަތް ނަގައިގެން ހިންގަން މަގުމަތްޗަށް ގިނަވެފަތިބި ބޭރުމީހުންގެ ޢަދަދަށް ބަލާލާށެވެ! މިއަކީ މިނޫން އެހެން އެއްވެސް ޤައުމަކު ކުރެވޭނެ ކަންކަމެއްވެސް ނޫނެވެ!
ކެރެދި ބެއްޔާ
04 May 2025
ޢިގުތިސާދީ ރިފޯމް އެޖެންޑަރ އަށް ބަދަލު ގެންނައިރު ފުރަތަމަ ކުރަންޖެހޭ ކަމަކީ މަނިކުފާނު 1. ބޭރަށް ކުރައްވާ ބޭކާރު ދަތުރުތައް މަދުމުރުން. 2. ރައީސަށް ކަނޑައަޅުއްވާ ބަޖެޓްް އޯޑިޓެއް ކުރައްވާ ޙަރަދު ކުޑަކުރުން. 3 އާރަށު ދަތުރު މަދުކުރެއްވުން 4. ކަރަޕްޝަން ނައްތާލާ ޓެކްސް ފައިސާ ކޮންޓްރޯލް ކުރުން. 5 ވައްކަން ނުރެވޭނެހެން އީ. ގަވަރނަންސްގެ ބޭނުން ހިފުން 6. ސިޔާސީ ކޮހުން ބޭރުކޮށް ސަރުކާރު ކުޑަކުރުން 7. މަހަކު އެއްފަހަރު މީޑިޔާ އާއި ބައްދަލަކުރުން.
މެލޭސިޔާ ހުސޭނު
04 May 2025
ޢަނެެއްކާ ކުންފުނިތައް އިތުރަށް ހަލާކު ކުރަން ކުރާކަމެއް..ދެންކީކޭ ބުނާނީ