ރިޕޯޓް

ޕްލޭނާ އެއްގޮތަށް އިގްތިސާދީ ރިފޯމް ގެނެވޭނެ ގޮތެއް ނެތް؟

ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން. ރިފޯމަށް ކަނޑައެޅި ތާރީހުތައް ފަހަނަ އަޅައިފި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމި ކަން މީޑިއާ އަށް ތިލަވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. ހަފުތާ ބަންދަށް ފަހު، ސަރުކާރު ހުޅުވުމާ އެކު އަޑު އިވުނީ އެ ނިންމުން ކުއްލި ގޮތަކަށް ބަދަލުކުރި ވާހަކަ އެވެ.

ޑަބަލް ޕެންޝަންގެ ގޮތުގައި މަހުން މަހަށް ލިބޭ އަދަދަށް ބަދަލެއް ނުގެނެސް ކުރިން އޮތް ގޮތަށް ކުރިއަށް ދާން ކެބިނެޓުން ނިންމީ އޭގެ އަސަރުކުރާ މީހުންގެ ކަންބޮޑުވުންތަކާ ހެދި އެވެ. ޝަކުވާތައް ފުނިޖެހުމުންނެވެ.

ދައުލަތުގެ ފިސްކަލް ހާލަތު ހަމައަކަށް އަޅުވަން އަމާޒުތަކެއް ކަނޑައެޅިޔަސް ސިޔާސީ ފިއްތުންތަކާއި ދައުލަތުން ކުރިއްސުރެ ލިބެމުން އައި އެއްޗެއް ދޫކޮށްލަން ބޭނުން ނުވާ މީހުންގެ ޝަކުވާތަކާ ހެދި އަދިވެސް އުޅެނީ ކުރިއަށް ނުދެވިގެންނެވެ. މި ސަރުކާރުން ކިތަންމެ ގިނަ ރިފޯމުތަކެއް އިއުލާން ކުރިޔަސް "ކުރިއަށް ކަނޑާނުލައިގެން" އުޅޭ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް އެއް ބަޔަކު ބުނެ އެވެ.

ސަރުކާރުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާ އެކު، އެކުލަވައިލާ އެ ޕްލޭން ރާވާ ގޮތަށް ކުރިއަށް ނުގެންދެވެނީ، ސިޔާސީ މީހުންނާ ހިސާބުން، އެފަދަ ކަންކަން ޕާކު ކޮށްލަން ޖެހޭތީ ކަމަށް ބުނުމުގެ ޖާގަ ލިބޭ އެތައް ކަމެއް ފެނެ އެވެ.

މި އަހަރުގެ ބަޖެޓުގައި އިގްތިސާދީ ރިފޯމުތައް ހާއްސަކޮށް ސަބްސިޑީ އާއި އާސަންދަ އާއި ވެލްފެއާގެ ތެރެއިން ގެންނަން ކަނޑައަޅާފައިވާ ސުންގަޑިތައް ފަހަނައަޅައިދާ އިރު އޭގެ ހިލަމެއް އަދި ނުފެނެ އެވެ. ބަޖެޓުގައިވާ ގޮތުން ރިފޯމުގެ އެންމެ ބޮޑު ބަދަލު ގެންނަން އޮތީ މި އޭޕްރީލް މަހު އެވެ. އެކަމަކު އަދި މިހާތަނަށް އެފަދަ ރިފޯމުތަކަކަށް އަމަލު ކުރާކަށް ނުފަށަ އެވެ.

މާލީ ގޮތުން ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް ރިޕޯމު މުހިއްމުވާ ސަބަބުތައް ވަރަށް ގިނަ އެވެ. ފުރަތަމަ ކަމަކީ، އަންނަ އަހަރުގެ އެންމެ ބޮޑު ދަރަނި، ސުކޫކުގެ ޕޭމަންޓަށްވާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދެއްކުމަށްޓަކައި ބޭނުންވާ ފައިނޭންސް ހޯދުމަށް ފިސްކަލް ހާލަތު ދެމެހެއްޓެނިވިކޮށް ދާތަން ފެންނަން ޖެހުމެވެ.

މިއަހަރު ޕްލޭން ކުރި އިސްލާހީ ފިޔަވަޅުތައް. އޭގެ 9 ޕަސެންޓު ހުއްޓިފައި --

އިސްލާހީ ފިޔަވަޅެއް ނާޅައި، ރީފައިނޭންސިން އަށް ދެވޭނެ މަގު ވަރަށް ބޮޑަށް ވަނީ ހަނިވެފަ އެވެ. އަނެއްކޮޅުން، ހާލަތު ރަނގަޅުވާ ތަން ފެނުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރަން ވެސް ފުރުސަތު ފަހިވާނެ އެވެ. ފިސްކަލް ހާލަތުގެ ތެރެއިން ހަރަދުތައް ބޮއްސުންލުން ކުޑަކޮށް، ހަރަދުތައް ކުރުމަށް ރަނގަޅު ޕްލޭނެއް ރޭވެން އޮތީ ވެސް ރިފޯމުގެ ފިޔަވަޅުތައް އަޅާއިގެންނެވެ.

"ސަބްސިޑީ އާއި ހެލްތް ސައިޑުން ހުރި ކަންކަމާއި ޕެންޝަނާއި [އެކަން ނުކުރާނެ ކަމަށް ބުނެފައިތާ އޮތީ] އެކަންކަން ނުކުރާ ކަމަށް ވަންޏާ، ބަޖެޓު ފޮތުގައި އިން 7.7 ބިލިއަން ރުފިޔާގެ ބޮޑުބައެއް ސަލާމަތެއް ނުކުރެވޭނެ. އެބައި އިތުރުވާނީ ފައިނޭންސިންއަށް،" އޭނާ ވިދާޅުވި އެވެ.

އިސްލާހީ ފިޔަވަޅުގެ ގޮތުގައި ބަޖެޓު ފޮތުގައި ހަތް ކަމެއް ފާހަގަކޮށްފައިވާ އިރު، އެ ކަންކަމުގެ "ޕްރެޝަރު" ބޮޑުވެ، އޭގެ ތެރެއިން ބައެއް ކަންކަން ނުކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ ނިންމަވައިފަ އެވެ. އޭގެ ތެރޭގައި އާސަންދަ އަށް ގެންނަން ކަނޑައަޅާފައިވާ އެންމެ މުއްސަނދިން އަންނަ އަހަރުން ފެށިގެން ވަކި އަދަދެއް އެ ނިޒާމަށް ދައްކަންޖެހޭ ޖެހޭ ގޮތް ހެދުމާއި ޕްރައިވެޓް ހޮސްޕިޓަލްތަކަށް ޕެކޭޖުތަކެއް ދިނުމާއި އަމިއްލަ އިންޝުއަރެންސް ގެންގުޅޭ ފަރާތްތަކަށް އާސަންދަ ހިދުމަތް ނުދޭން ނިންމާފައި އޮތް އޮތުން ވަނީ ބަދަލުކޮށްފަ އެވެ.

ސަބްސިޑީ ރިފޯމު ހުއްޓިފައި، އެކަން ފަހިކުރަން ގާނޫނުތައް އިސްލާހު ކުރަނީ

މި އަހަރުގެ ބަޖެޓުގެ ރިފޯމުގެ އެންމެ ބޮޑު އަދަދެއް ކުޑަކުރެވެން އޮތީ ސަބްސިޑީ އަށް ގެންނަ ބަދަލުތަކުންނެވެ. ސަބްސިޑީ އަށް ގެންނަ ބަދަލުތަކާ އެކު ބަޖެޓުން 2.1 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބަޖެޓު ފޮތުގައި ލިޔެފައިވެ އެވެ. އާސަންދައިން ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ކުޑަކުރަން އޮތް އިރު އެންސްޕާ މެދުވެރިކޮށް 240 މިލިއަން ރުފިޔާ ކުޑަކުރުމަށް ބަޖެޓު ފޮތުގައި އޮތެވެ. މިކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، ސަބްސިޑީ ރިފޯމުގެ މަސައްކަތް "ހުއްޓާލިކަން" ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް އޭގެ މަސައްކަތް ނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މި އިސްލާހީ މަސައްކަތްތަކާ އެންމެ ބޮޑަށް އުޅުއްވާ މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ތެރެއިން އިގުތިސާދީ ކަންކަން ރިފޯމް ކުރުން އެއްކޮށް ހުއްޓާނުލާ ކަމަށާއި ގާނޫނުތަކަށް އިސްލާހުތައް ނުގެނެސް ކުރިއަށް ދާން އުނދަގޫ ވުމުން މިހާރު ދަނީ އެ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ، މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކޮށްގެން ވެސް ކުރީ އެ މަސައްކަތް ކަމަށެވެ.

"އެންމެ ބޮޑު އެއް ރިފޯމަކީ ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުން. ދައުލަތުގެ މަގާމުތަކުން ރިޓަޔާ ކުރުމަށް ފަހު، ބިނެފިޓްސް ލިބެން ފެށުމާ އެކު ބައެއް ބޭފުޅުން އެބަވަޑައިގަންނަވާ ދައުލަތުން މުސާރަ ލިބޭ އެހެން މަގާމަކަށް. ދައުލަތުން އެއްވެސް އާމްދަނީއެއް ލިބޭ ނަމަ ޕެންޝަން ކެނޑޭ ގޮތަށް ހެދީމާ ދައުލަތަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ. އެ ކަން ކުރެވެން އޮތީ ގާނޫނުތައް އިސްލާހު ކޮށްގެން. އެކަން މި ފެށީ ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަނާ ހިސާބުން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވިގޮތުގައި އެ ދެ މުއައްސަސާ އަށް ފަހު ފުލުހުންނާއި ކަރެކްޝަންސް ފަދަ އެހެން އިދާރާތަކުގެ ގާނޫނަށް އިސްލާހުތައް ގެންނަން ފަށައިގަންނާނެ އެވެ. އެ އިސްލާހުތައް ގެންނަނީ މަޖިލިހުން އިސްނަގައިގެން ބަންޑާރަ ނައިބު އޮފީސް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަމާ ގުޅުން ހުރި ގާނޫނުތައް އިސްލާހު ނުކޮށް ރިފޯމް ކުރެވޭނެ ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނުނު. އެ އިސްލާހުތައް ގެނައީމާ ދެން އިތުރަށް ކިޔާނެއް އެއްޗެއް ނޯންނާނެތާ،" ނާޒިމް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވެސް ވިދާޅުވީ، ޕެންޝަން ގާނޫނު ވުޖޫދަށް އައިތާ 15 އަހަރުވީ އިރު، އެ ސްކީމުގެ ބޭރުން ވަކި ވަކި މުއައްސަސާތަކުން ހިންގާ ސްކީމުތަކުން ދޭ ފައިދާތައް އުވާލާ އިރު، ކުއްލިއަކަށް އުވާލުމުގެ ބަދަލުގައި މެދުމިނުގެ ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ބަޔަކަށް ލިބެމުން އަންނަ އެއްޗެއް ހުއްޓާލާ އިރު، އެކަމުގައި އަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅައި، އެކަން ހުއްޓޭނެ ތާރީހެއް ކަނޑައެޅުން ވަރަށް މުހިއްމު ކަމަށެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ނާޒިމް ވެސް ވިދާޅުވީ، ބަޔަކަށް ލިބޭ އެއްޗެއް ހުއްޓާލިކަން ކުއްލިއަކަށް އިއުލާން ކުރުމުން އޭގެ އުނދަގޫތަކެއް ހުންނާތީ މުހިންމު ވަނީ ދުރަށް ވިސްނައިގެން ގާނޫނުތަކަށް ބަދަލު ގެނެސްގެން އަމަލީ ކަންކަން ފެށުން ކަމަށެވެ.

ކަމާ ގުޅުން ހުރި ގާނޫނުތައް އިސްލާހު ނުކޮށް ރިފޯމް ކުރެވޭނެ ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނުނު. އެ އިސްލާހުތައް ގެނައީމާ ދެން އިތުރަށް ކިޔާނެއް އެއްޗެއް ނޯންނާނެތާ،"--- ނާޒިމް

ބަޖެޓު ފޮތުގައިވާ ގޮތުން ހަމައެކަނި، ސަބްސިޑީ އާއި އާސަންދަ އާއި ވެލްފެއާއަށް ގެންނަން ކަނޑައަޅާފައިވާ ކަންކަން މި މަހު ނުފަށައިފި ނަމަ އެކަަމުން އަހަރުގެ ބާކީ ކޮންމެ މަހަކަށް ބަޖެޓުން، 254 މިލިއަން ރުފިޔާ އިތުރުވާނެ އެވެ. އެއީ އަހަރު ނިމޭ އިރު ތިން ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ބަޖެޓު ފޮތުގައި ހުރި ތަފްސީލުތައް މެންބަރަކު ބައްލަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"ސަބްސިޑީ އާއި ހެލްތް ސައިޑުން ހުރި ކަންކަމާއި ޕެންޝަނާއި [އެކަން ނުކުރާނެ ކަމަށް ބުނެފައިތާ އޮތީ] އެކަންކަން ނުކުރާ ކަމަށް ވަންޏާ، ބަޖެޓު ފޮތުގައި އިން 7.7 ބިލިއަން ރުފިޔާގެ ބޮޑުބައެއް ސަލާމަތެއް ނުކުރެވޭނެ. އެބައި އިތުރުވާނީ ފައިނޭންސިންއަށް،" މި އާޓިކްއަށް މައުލޫމާތު ދެއްވި އިގްތިސާދީ މާހިރު ވިދާޅުވި އެވެ.

ރިޕޯމުގެ ތެރެއިން ސަލާމަތް ކުރަން ކަނޑައަޅާފައިވަނީ މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 13 ޕަސެންޓެވެ. އެހެންވެ، އެ ހަރަދު ކުޑަ ނުކުރެވުމުން އެ ވަރުގެ އަދަދަދެއް ބަޖެޓަށް ހޯދަން ޖެހުމަކީ ދައުލަތަށް އޮތް އިތުރު ތަކުލީފެކެވެ.

"ބަޖެޓު ފާސްކުރި އިރު ވެސް އޮތީ ފުދޭވަރަކަށް ޗެލެންޖިން ފައިނޭންސިން ޕްލޭނެއް. އަދި އިތުރު ހަތް ބިލިއަން ހޯދަން ޖެހިއްޖެ ނަމަ ކިިހިނެއް އެކަން ކުރާނީ،" އޭނާ ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން، ފްރައިވެޓް ސެކްޓަރުގެ ބިލްތައް ނުދެއްކި، އިގްތިސާދީ ހަރަކާތްތައް ހިންގުން މަޑުޖެހެ އެވެ. މުހިއްމު ބައެއް ހަރަދުތައް މަޑުޖައްސާލަން ޖެހިދާނެ ހާލަތެއް ކުރިމަތިވެދާނެ އެވެ. މިހާރު ވެސް ބަޖެޓުގެ ހަރަދުތަކުގެ ހިސާބުތަކުން ކޮންމެވެސް ވަރަކަށް އޭގެ އަސަރުތައް ފެނެ އެވެ. އެކަމުގެ އެއް އިންޑިކޭޓަރަކީ ޖީއެސްޓީ އެވެ. ޖީއެސްޓީއަށް މާބޮޑު ބަދަލެއް ނާންނާތީ، އެކަމުން ދައްކުވައިދެނީ އިގްތިސާދީ ހީނަރުކަން ކަމަށް އިގްތިސާދީ މާހިރު ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ފުރުސަތު ބޮޑު

މި އަހަރުގެ ބަޖެޓުގެ ކަނޑައަޅާފައިވާ ގޮތަށް ރިފޯމު ފިޔަވަޅުތައް ނާޅައިފި ނަމަ، ބަޖެޓު އިތުރުވެ، ސަޕްލިމެންޓްރީ ބަޖެޓަކާ ހަމައަށް ދާން ޖެހޭނެކަމަށް ރާއްޖޭގެ މާލީ ހާލަތު ދިރާސާކުރައްވާ ފަރާތްތަކުން ފާހަގަކުރެ އެވެ. އެކަމަކު، ސަޕްލިމެންޓްރީ ބަޖެޓާ ނުލައި މި ފަހަކަށް އައިސް އެއްވެސް އަހަރަކު ސަލާމަތެއް ނުވި އެވެ. އޭގެ ސަބަބުން މެކްރޯ އިކޮނޮމިކް އިމްބެލެންސް ރަނގަޅު ނުކުރެވި، އިންވެސްޓަރުންނަށް ފިސްކަލް މެނޭޖްމެންޓު ވިއްކަން އުނދަގޫވާނެ ކަމަށް "މިހާރު" އާ މައުލޫމާތު ހިއްސާ ކުރެއްވި އިގްތިސާދީ މާހިރު ވިދާޅުވި އެވެ.

ބަޖެޓަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސަން މި އަހަރު ބަޖެޓަށް ނުވަ ބިލިއަން ރުފިޔާ ހޯދަން ޖެހޭ އިރު، އިސްލާހީ ފިޔަޅުތައް ނޭޅުމުން އެ އަދަދު 12 ބިލިއަނަށް އިތުރުވާނެ ކަމަށް ލަފާކުރެ އެވެ. އެކަން ހާސިލުކުރުމަކީ ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓު ފޮތް. ދަރަނި

އޭނާ ވިދާޅުވީ، މިވަގުތު ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ސާޕްލަސް ބަޖެޓެއް ދެއްކި ނަމަވެސް، އެކަން އެގޮތަށް އެވަނީ، ސަރުކާރުން ކޮންމެހެން ކުރަން ކަނޑައެޅި ފިޔަވަޅުތަކާ އެކު ހަރަދު ކުޑަކޮށްގެން ނޫން ކަމަށެވެ.

"ކެޕިޓަލް ހަރަދު ހުރީ 70 ޕަސެންޓް ދަށްވެފައި. އެކަމަކު 70 ޕަސެންޓު ވެސް ދަށްވާތަން ފެނިގެން ނުވާނެ ފަންޑެޑް ޕްރޮޖެކްޓްތައް ވެސް ކުރިއަށްދާ ނަމަ. ގިނަ ޕްރޮޖެކްޓްތަކުގައި ބޮޑެތި ހަރަދު ފެންނާނީ އެފަދަ ޕްރޮޖެކްޓްތަކުން. ހީވަނީ، ފަންޑެޑް ޕްރޮޖެކްޓްތައް ވެސް ރެކޯޑު ނުވެ އަދި ހުރިހެން. ޑޮމެސްޓިކް ބަޖެޓުން ހިންގާ މަޝްރޫއުތައް ވެސް ފައިސާ ނެތިގެން ނުހިންގަނީ އޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަޖެޓުގެ ކެޕިޓަލް ހަރަދުގެ އިތުރުން އާމްދަނީއަށް ލިބުނު އަދަދު އިތުރުވުމުން ވެސް ސާޕްލަސްއަށް މަގުފަހިވާނެ ކަމަށާއި އެކަމަކު ބަޖެޓުގެ ހަރަދުގެ އަސްލު މަންޒަރު ފެންނާނީ އަހަރުގެ މެދަކާ ހަމައިން ކަމަށެވެ. މިދިޔަ އަހަރު ވެސް ފުރަތަމަ ތިން މަހު ބަޖެޓުގެ ޕްރައިމަރީ ބެލެންސް އުޅުނީ ސާޕްލަސްގަ އެވެ.

ޑޮމެސްޓިކް ދަރަނި ކުޑައެއް ނުވޭ، ބޭންކުތަކުން 30 ޕަސެންޓް ފަންޑު ސަރުކާރަށް

އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) ގެ މިދިޔަ އަހަރުގެ އާޓިކަލް ފޯ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން 30 ޕަސެންޓު ފައިސާ ދައުލަތުން ބޭނުން ކުރުމެވެ. މިކަމުގެ ސަބަބުން، ޕްރައިވެޓް ސެކްޓަރު ފުޅާކޮށް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން ފުރުސަތު ހަނިވާ ކަމަށް ރިޕޯޓުގައި ވެ އެވެ. ބައެއް ބޭންކުތަކުގެ ބޭންކް ކެޕިޓަލްގެ 400 ޕަސެންޓާ ހަމައަށް ސަރުކާރުން ބޭނުން ކުރާ ކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ. ސަރުކާރުން ބޭންކުތަކުގެ ފައިނޭންސް ބޭނުން ކުރާ އެންމެ އާންމު ގޮތަކީ ޓީބިލު ވިއްކައިގެންނެވެ.

"މިސާލަކަށް ބޮޑު ކުންފުންޏެއް ނުވަތަ ސަރުކާރު ބަނގުރޫޓުވެ، އެކަން އިއުލާނުކުރާ ހިސާބަކަށް ގޮސްފި ނަމަ ސިސްޓަމެޓިކް ބެންކްރަޕްސީއަކަށް މަގުފަހިވާނެ. ސަރުކާރު ބަނގުރޫޓުވާ ހިސާބުން ކިތައް ކުންފުނި ބަނގުރޫޓުވާނެ. މި ހާލަތަށް ނުދާނެ ގޮތަކަށް ކަންކަން ރާވަން ޖެހޭނީ" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ދައުލަތުން ޑޮމެސްޓިކް މާކެޓުން ގަންނަ ޓީބިލްގެ އަދަދު ޖެނުއަރީ މަހު ހުރީ 81 ބިލިއަން ރުފިޔާގަ އެވެ. މި މަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކަނީ، އެ އަދަދު 85 ބިލިއަން ރުފިޔާ އަށް އިތުރުވި ތަނެވެ. އެހެންވެ، މިދިޔަ ތިން މަހު ޑޮމެސްޓިކް މާކެޓު މެދުވެރިކޮށް ދައުލަތުން ވަނީ ހަތަރު ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފަ އެވެ.

އެތެރޭގެ ދަރަނީގެ ބައެއް ހިސާބުތައް

"މިހާރު" އަށް މައުލޫމާތު ދެއްވި މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ، ޓީބިލް ވިއްކި އަދަދު އެހާ ބޮޑަށް އިތުރުވީ، މިދިޔަ މާޗް މަހު އެމެރިކާގެ ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލް އަށް ދެއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނު ދެއްކުމަށް ޓީބިލް ވިއްކައިގެން ފައިސާ ހޯދުމުން ކަމަށެވެ.

އެމްއެމްއޭ އިން މޮނިޓަރީ ޕޮލިސީ އަށް ގެނައި ބަދަލުތަކުގެ ތެރެއިން ޑޮލަރު ރިޒާވަށް ވަންނަ ވަރު އިތުރު ކުރި ނަމަވެސް، ދަރަނި ދެއްކޭނީ، އެ އަދަދަށްވާ ރުފިޔާ އެމްއެމްއޭ އަށް ވެއްދުމުންނެވެ. އެހެންވެ، ލޯނެއް ދެއްކުމުގެ ކުރިން އެ އަށް ބޭނުންވާ ފައިސާ ދިވެހި ރުފިޔާއިން ހަމަކުރަން ސަރުކާރަށް ޖެހޭނެ އެވެ.

ބަޖެޓު ފޮތުގައި ހުރި ތަފްސީލުތައް ބަޖެޓު ކޮމިޓީގައި މެންބަރަކު ބައްލަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ، ފިސްކަލް ސިޔާސަތުގެ "ޑިސިޕްލިން" ނެތް މަންޒަރު ކަމަށެވެ. އަދި މިވަގުތު ރިފޯމު ނުގެންނަ ކޮންމެ ދުވަހަކީ، ހާލަތު އިތުރަށް ގޯސްވާނެ ދުވަހެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.

"މިސާލަކަށް ބޮޑު ކުންފުންޏެއް ނުވަތަ ސަރުކާރު ބަނގުރޫޓުވެ، އެކަން އިއުލާނުކުރާ ހިސާބަކަށް ގޮސްފި ނަމަ ސިސްޓަމެޓިކް ބެންކްރަޕްސީއަކަށް މަގުފަހިވާނެ. ސަރުކާރު ބަނގުރޫޓުވާ ހިސާބުން ކިތައް ކުންފުނި ބަނގުރޫޓުވާނެ. މި ހާލަތަށް ނުދާނެ ގޮތަކަށް ކަންކަން ރާވަން ޖެހޭނީ" އޭނާ ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރަކުން ވެސް މި ޑިލޭ ކުރަނީ ފިޔަވަޅުތައް. ޑިލޭ ކުރެވިދާނެ. މި ސަރުކާރުން ވެސް މި ޑިލޭ ކުރަނީ. އެކަމަކު ޑިލޭ ކުރުމުން އިމްޕެކްޓް ބޮޑުވާނީ. އެހެންވީމަ ރިފޯމުތައް އަވަސްކުރަންވީ."

ދައުލަތުގެ ދަރަނި މިއަހަރުގެ ނިމޭ އިރު 150 ބިލިއަން ރުފިޔާއަށް އަރާ އިރު ދަރަނި އަދާކުރުމަށް މި އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެހެންވެ، މި އަހަރު ވެސް އާމްދަނީގެ ނިސްބަތުން ދަރަނި އަދާކުރަން ކުރާ ހޭދަ ގާތްގަނޑަކަށް 25 ޕަސެންޓަށް އިތުރުވީ އެވެ. އަންނަ އަހަރުން ފެށިގެން ދަރަނި އަދާކުރާ ވަރު އާމްދަނީގެ 30 ޕަސެންޓަށް ވުރެ ބޮޑުވާނެ އެވެ. އޭގެ މާނަކީ ދައުލަތަށް ވަންނަ ކޮންމެ 100ރ. އަކުން 30ރ. ހޭދަކުރަން ޖެހެނީ ދަރަނި އަދާކުރުމަށެވެ

އެ ވަރުގެ ބޮޑު ހަރަދެއް ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭ އިރު އެ ހާލަތަށް އަދިވެސް ސަރުކާރުން ތައްޔާރެއް ނުވެ އެވެ. މި އަހަރު ވެސް ހޯދަން ހިމަނައިފައި ފައިނޭންސިން ހަމަޖެހޭގޮތް ނުވާ ކަމަށް އިގްތިސާދީ މާހިރުު ވިދާޅުވި އެވެ. އެކަން ހާސިލުކުރަން އެހާ ބޮޑަށް އުނދަގޫވީ، ރިފޯމު ފިޔަވަޅުތައް ލަސްކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަބްސަޑީ އާއި އާސަންދައިގެ ރިފޯމުގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލައި، އަނެއް ބައި ކުންފުނި އެއްކޮށްލުމުގެ ބައެއް މަސައްކަތްތައް މިދިޔަ އަހަރު އިއުލާނު ކުރި ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތްތަކެއް ވެސް މިހާތަނަށް ކުރެވިފައެއް ނުވެ އެވެ.

ރާއްޖޭގެ، ޓޫރިޒަމް ސެކްޓާ ކުރިއަށް ދިޔަކަމުގައިވީ ނަމަވެސް، ހާލަތު ފުރިހަމައަށް ބަދަލު ކުރެވޭނީ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ އެކުގައި ކަމަށް މިއަހަރުގެ ބަޖެޓަށް ދެއްވި ލަފާފުޅުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ފާހަގަކޮށްފައިވެ އެވެ. އަންނަ އަހަރުގެ ސުކޫކު ދެއްކުމަށް ފަހިކުރުމަށް ވެސް މިއީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެންވެ، މިކަމަށް ހައްލުތަކެއް ހޯދަން ސަރުކާރުން މިއީ އިސްލާހީ ފިޔަވަޅުތައް އަޅަންވީ ވަގުތެވެ. އެކަން ފަށަން މާ ލަސްވެސް ވެއްޖެ އެވެ. އެކަމަކު ލިބޭނެ ގެއްލުން ކުޑަ ކުރުމަށްޓަކައި އެ ފިޔަވަޅުތައް ފެށުން ނޫން އިތުރު ގޮތެއް ނެތެވެ.

ދެން އޮތީ މަޖިލިހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވާ ގޮތަށް ގާނޫނުތަކަށް އިސްލާހު ކޮށްގެން ހަރަދު ކުޑަކުރެވޭނެ ނިޒާމެއް ހޯދާާށެވެ. އެކަމަކު ގާނޫނުތަކަށް އިސްލާހު ގެންނަ ކަމުގައިވީ ނަމަވެސް، ތަންފީޒާ ހިސާބުން އެކަން ހުއްޓޭ ނަމަ އޭގެ މާބޮޑު މާނައެއް ނެތެވެ. އަނެއްކޮޅުން އަބަދު ލިބިލިބި ހުރި އެއްޗެއް ދޫވާން އާންމު މީހާ ވެސް ބޭނުން ނުވާ މައްސަލަ ވަކި ކުޑައެއް ނޫނެވެ. އެހެންވެ، ބޭނުންވަނީ ހާލަތަށް އިސްކަންދީ، ފިޔަވަޅުތައް އެޅުމުގެ ހިތްވަރެވެ.

10 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މ‫ުޙައްމަދު

22 April 2025

ވ‫ަރަށް ފުރިހަމަ ރިޕޯޓެއް. ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާނީ އަހަރުމެން ރައްޔިތުން އިލެކްޝަންތަކުގައި ފައިސާ އަށާއި ވަޒީފާގެ ގެ އެދުން ދޫކޮށް ޤައުމުގެ އަދި އަހަރަމެންގެ ދަރިންގެ މުސްތަޤްބަލް އިސްކޮށްގެން. އަމިއްލަ އެދުމަށް ވުރެ މުޖްތަމަޢު ކުރިއަށް ނެރެގެން. ސޮދަގާތުން ދިރިއުޅުމުގެ ބަދަލުގައި މިންނަތާއި މަސައްކަތުން ދިރިއުޅެން ދަސްކޮށްގެން.

The name is already taken The name is available. Register?

ބަބްސް

22 April 2025

ޕްލޭނާ އެއްގޮތަށް ކުރެވޭ އެއްކަމެއް އޮވޭ ... ސިޔާސީ މުއަޒިފުން އިތުރު ކުރުން.

The name is already taken The name is available. Register?

ކަކުނިބޯ

22 April 2025

ޜިފޯމް ކުަރަންހެހެނީ ރައްޔިތުންނެއްނޫން. ޓްއަރިޒަމްސެކްޓަރ އެވެ. 1. ދައުލަތުގެ ބަޖެޓުން ޓްއަރިޒަމްއަށް ކުރާހޭދަ އެހެން ސިނާއަތެއް ކޮޅަށްޖަހަން ހޭދަކުރުން 2. ޜާއްޖޭގައި ހުރި ގްލޯބަލް ޕޮސް ތައްނެގުން ޤާނުނުން ރިސޯޓްތަކަށް ދީފައިވާހާއްސަހުއްދަ ނައްތާލުން 3. ޜިސޯޓްތަކުން ރީމް ވިއްކުނުއަގޭބުނުމުގެ ބަދަލުގައި މީރާއިން ޤަބޫލުކުރާއަގުހަމަޖެއްސުން އެގޮތުން ރާއްޖެ 3 ޒޯންނަށްބަހާ 1 ތަރިން 7 ތަރިޔަށް ގިންތިކޮށް ވިއްކޭނޭ އެންމެދަށްއަގު ކަނޑައެޅުން

The name is already taken The name is available. Register?

ފޫހި

22 April 2025

ކުރަންވީ ކަމަކީ ހަމަ ހަގީގަތުގައި ދެ ވަޒީފާ އިން ލިބޭޕެންޝަން އެއްވަޒީފާއަށް ދޭގޮތަށް ނިންމުން. ކުރީގައި އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރަކަށް އުޅެމުން އަދި އިމާމުކަމުގައިއުޅޭ. ޕެންޝަން ލިބޭއިރު މި ދެވަޒީފާއަށްވެސް ޕެންޝަން ދިން. އެކަމަކު އެތަނުން އެއްވަޒީފާއަށް 20 އަހަރުވެސް ނުވޭ. މިނޫނަސް މިގޮތަށް ދެ ވަޒީފާއަށް ދީފަ އެބަހުރި. ދެން އޮތީ ދިފާއީ ބާރުގެ ބޭފުޅުންނާ ގާޒީން ރިޓަޔަކޮށްފަ އަނެއްކާ ދައުލަތުގެ ވަޒީފާއަށް ނަގާފަ ހުރިހާ ފައިސާއެއް ދިނުން

The name is already taken The name is available. Register?

ބަޑިތަކުރު

22 April 2025

މި ޚަބަރު މި ނޫހުން ފެނިގެން ފުރަތަމަވެސް ބުނިފަދައިން ހަރުތަނެއްގައި ޖެހުނީމާ ހުރިހާކަމެއް މިދިޔައީ ތޮޅިއަށެވެ. ކުރަންވީ ކަމަކީ ދައުލަތުން ދޭންފެށި އެއްޗެއް ހުއްޓާލުމުގެ ބަދަލުގައި ޕެންޝަން ޤާނޫނުގައި މަސައްކަތެއް ނުކުރާ މީހުންނަށްވެސް ދައުލަތުން ފައިސާދޭން ކަނޑައަޅާފައިވާފަދައިން ޑަބަލް ޕެންޝަންގެ ގޮތުގައި މިހާރު ދޭ އިނާޔަތްތައް ދެމެހެއްޓެވިގޮތެއްގައި ދެވޭނެ އުސޫލުތަކެއް ޕެންޝަން ޤާނޫނުގައި ހިމަނާފައި އޭގެ ބޭރުން އެހެން ޤާނޫނުތަކާއި ގަވާއިދުތަކ

The name is already taken The name is available. Register?

ގޮނުއަނގަ

22 April 2025

"ސަރުކާރުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާ އެކު، އެކުލަވައިލާ އެ ޕްލޭން ރާވާ ގޮތަށް ކުރިއަށް ނުގެންދެވެނީ، ސިޔާސީ މީހުންނާ ހިސާބުން، އެފަދަ ކަންކަން ޕާކު ކޮށްލަން ޖެހޭތީ ކަމަށް ބުނުމުގެ ޖާގަ ލިބޭ އެތައް ކަމެއް ފެނެ އެވެ." ހުރިހާ ކަމެއް ހައްދުމްނަޓާފަ މިއޮތީ ލިބުނު ޕާޓީ ނިޒާމުން. ވެރިމީހާއަކީ ބައެއްގެ ޢަޅުވެތިކަމުގައި ހުންނަމީހެއް. ވަކިހިސާބަކުން ފިއްތާލީމާ ކަންކަން ހުއްޓލަން ޖެހެނީއޭ ކިޔަނެ ކަމެއްނެތް. ފުރަތަމަ އިސްލާހުވާންވީ މަޖިލިސް.

The name is already taken The name is available. Register?

އަފްރާސިޔާބު

22 April 2025

އެހެނެއްނޫން މިވާ ގޮތަކީ ވެރިމީހަކީ ހޮވުމަށްފަހު ރައްޔިތުންގެ މަތީން ހަދާންނެތި ހިތަށް އެރިގޮތަކަށް ރައްޔިތުންގެ މާލިއްޔަތު ދަމާމީހަކަށްވީމާ މިގައުމުގައި ކަންކަން އިސްލާހު ނުވަނީ. ތިމާ ހިތަށްއެރީމާ މަޖިލީހުގެ މެންބަރުން ގަނެލައި ތިމާ ބޭނުންވާ މީހަކަށް (މަސައްކަތެއްނެތަސް) ވަޒީފާދީ ހިތަށް އެރިވަރަކަށް މުސާރަދޭ ވެރިއެއް މި ދުނިޔޭގައިވާނަމަ އެބަޔަކީ އަރަބި ރަސްކަލުން. އެގޮތަށް މިގައުމު ހިންގަންޖެހުނީމާ އާސަންދަ އަކާ އެނޫންވެސް އެހީތައް ކަނޑަންޖެހެނީ

The name is already taken The name is available. Register?

ޑރ ވާންޗޯ

22 April 2025

މީ ގައުމަކަށްވުރެބޮޑަށް މަޖްލިސް އަދި ސަރުކާރުގެ ޑަބަލްޕެންސަންލިބޭ މީހުން ހިންގާ ފިހާރައެކެވެ.

The name is already taken The name is available. Register?

އެކޮއި

22 April 2025

މަޖްލީހުގެ ދޮރާށިން އެތެރެއަށް ވަދެވިއްޖެ ކޮންމެ ކުއްޖަކަށް، މަޤާމު ގެއްލޭފަހުން ދޭންޖެހޭ ބޮޑު މުސާރައާ އިނާޔަތުގެ ވާހަކަ ނައީ ކީއްވެގެންތޯ؟ ހަމައެކަނި އެކުދިންނަށް ދޭން ލާޒިމުކޮށްފައިވާ މުސާރަ ކަނޑާލިއަސް ދައުލަތުގެ ބަޖެޓުން މަހެއްގެ މައްޗަށް އެތައް މިލިޔަނެއް ސަލާމަތްވާނެ. އެކުދިންގެ ލިސްޓެއް އެކުލަވާލާ ތާވަލެއް ހަދާލުމުން މަންޒަރު ވަރަށް ސާފުކޮށް ފެނިގެންދާނެ

The name is already taken The name is available. Register?

ހީހީހަކާކް

22 April 2025

ފިނޭންސް ގަ ތިބި މީހުން ކުރި ކަމަކީ އެކަމަށް ޒިންމާ ކޮށްލި ވާނެ މަގާމެއް ހަދާލީ ވާނުވާ ނޭނގި ވަޒީފާއާ މީހަކު ހަވާލު ވެއްޖެ ދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454