05 މެއި 2025 - 00:12
އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ސީނިއާ ލެވަލްގައި ރާއްޖޭގައި ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
އެފްއޭއެމް ލީގު ކަޕްގެ ނަމުގައި ފުޓްބޯޅައިގެ ރަސްމީ ކަލަންޑަރުން ބޭރުން މުބާރާތް މިރޭ ފެށީ، މިދިޔަ މަހު ފަށަން މަސައްކަތް ކުރި ފުޓްބޯޅަ ސީޒަން ފީފާއިން އަންގައިގެން ފަސް ކުރުމަށް ފަހު އެވެ.
ބައެއް ޓީމުތައް ޕްރީ ސީޒަން ތަމްރީނުތައް ފެށި އެވެ. ބިދޭސީ ކޯޗުންނާއި ބިދޭސީ ކުޅުންތެރިން ގެނެސް ސްކޮޑް ހަމަ ކުރި އެވެ. އޭރު ޓީމުތަކުން ތައްޔާރު ވަމުން ދިޔައީ އެފްއޭއެމުން ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށެވެ.
އެކަމަކު ފީފާއިން އެނގީ އެ އިދާރާގެ ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެސޯސިއޭޝަން ނޯމަލައިޒް ކުރުމުގެ މަސައްކަތަށް އިސްކަން ދިނުމަށެވެ. އަދި އޭއެފްސީގެ ކަލަންޑަރާ އެއްގޮތަށް އޯގަސްޓް މަހު ސީޒަން ފަށަން ލަފާ ދީފައިވާ ކަމަށް ވެސް އެފްއޭއެމުން ކްލަބްތަކަށް ފޮނުވި މެމޯގައި ވެ އެވެ.
ފީފާގެ އެންގުމަށް ބޯލަނބައި އެފްއޭއެމުން ދެން މަސައްކަތް ފެށީ ކްލަބްތަކުގެ މަސައްކަތް ބޭކާރުވިޔަ ނުދިނުމަށް މުބާރާތެއް ބޭއްވުމަށެވެ. ރެލިގޭޝަނާއި ރޭންކިން އަށް ނުބަލައި މުބާރާތެއް ބޭއްވުމުގެ ހުއްދަ ފީފާއިން ދިނެވެ.
މުބާރާތުގައި ބައިވެރިވުމަށް ފުރަތަމަ ފުރުސަތު ހުޅުވާލީ އެއްވަނަ ޑިވިޝަނުގެ ޓީމުތަކަށެވެ. އެ ފުރުސަތު ބޭނުން ހިފީ ތިން ކްލަބަކެވެ. އެއީ ފުރަތަމަ މެޗުގައި ވާދަ ކުރި ޓީސީ އާއި އޮޑީގެ އިތުން މާޒިޔާ އެވެ. އެއްވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގެ ތަރުހީބު ކުޑަވުމުން ދެވަނަ ޑިވިޝަނަށް ހުޅުވާލި ފުރުސަތުގައި ނިއު ރޭޑިއަންޓާއި މަހިބަދޫ ސްޕޯޓްސްއިން ބައިވެރިވެ ޖުމުލަ ފަސް ޓީމު ހަމަ ކުރި އެވެ.
މުބާރާތް ބޭއްވުމަށް ފީފާއިން 50،000 ޑޮލަރު ވެސް އެފްއޭއެމަށް ޖަމާކޮށްދިނެވެ. އެކަމަކު އެ ފައިސާ ހަރަދުކުރަން ޖެހޭނީ އިނަމު ފައިސާ ދިނުމަށާއި މުބާރާތުގެ އިންތިޒާމުތަކަށް ކަމަށް ފީފާއިން އެފްއޭއެމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމް "އެންކޫރާ" އިން ޝަރުތު ކުރި އެވެ.
ޓީސީ އާއި އޮޑިގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެއީ މިދިޔަ އަހަރު ފެބްރުއަރީ މަހު ދެވަނަ ޑިވިޝަނުގެ ފައިނަލު މެޗަށް ފަހު އޮޑިން ކުޅުނު ފުރަތަމަ މެޗެވެ. ޓީސީން ސީނިއާ ލެވަލްގައި މީގެ ކުރިން މެޗެއް ކުޅުނީ ޑިސެމްބަރު 2023 ގަ އެވެ.
ސީނިއާ ލެވަލްގައި ކްލަބް ފުޓްބޯޅައިގެ ހަރަކާތެއް މިދިޔަ އެއް އަހަރުތެރޭގައި ނެތް ނަމަވެސް ޔޫތު މުބާރާތްތައް އެފްއޭއެމުން ބޭއްވި އެވެ.
މޯލްޑިވްސް ސޮކަ މޭޓްސް އާއި ގުޅިގެން މިދިޔަ އަހަރު ތިން އުމުރުފުރާއަށް ހާއްސަކޮށް ބޭއްވި ދިވެހި ޔޫތު ލީގަކީ، ޔޫތު ފުޓްބޯޅައިގެން އެންމެ ބޮޑު ހަރަކާތެވެ.
ސީނިއާ ލެވަލްގައި ރަސްމީ ކްލަބް ފުޓްބޯޅައިގެ ހަރަކާތް ގަލޮޅު ދަނޑުގައި މިދިޔަ އަހަރެއްހައި ދުވަހު ނެތަސް މިދިޔަ އަހަރު ބާއްވަން ފެށި ނައިންޓީ ޕްލަސް ގޯލްޑް ކަޕުގެ މެޗުތަކުން ގަލޮޅު ދަނޑަށް ފޯރި އާއި ޖޯޝު ގެނެސް ދިނެވެ. ހާއްސަކޮށް ބ. އޭދަފުއްޓާއި އައްޑޫ ސިޓީން ކުޅުނު ފައިނަލު މެޗުގައި ދަނޑުގެ ކެޕޭސިޓީ އެއްކޮށް ފުރިގެން ބަންޑުން ވިއެވެ. ފައިނަލު މެޗުގެ ޓިކެޓް ގިނަ ބަޔަކަށް ނުލިބިގެން އެ ހިތްހަމަނުޖެހުންތައް ވެސް ވަރަށް ބޮޑަށް ފެންމަތިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޅަބެބޯ
05 May 2025
ދެން ކޮން އިރަކުން އަނެއްކާ ފުރަނީ؟؟ކިތައް ދުވަހަށޯ މިއައީ؟؟
މައްލާ ޅަހުއްތު
05 May 2025
ތިޔަ މުބާރާތް ބަލަން ވަންނަން ދިޔަ މީހުން ފިތިގެން ނޭވާ ހާސްވިއޭ އެބަކިޔާ! ގައުމުގެ 1 ވަނަ ކުޅިވަރު ފުޓްބޯޅަ ނިވާފަތްގަނޑަކަށް ހަދައިގެން މާލޭގެ ގޭންގުތައް ހިންގަން ، ދައުލަތާއި ފީފާ އަދި އޭއެފްސީން ދޭހާ ލާރި އެ ގޭންގުތަކަށް ދީ ބާކީ ހުރިލާރި ވެރިންގެ ޖީބަށް މަޅާލަނީ! ފުޓްބޯޅަ ހުންނާނީ ކުރި އެރުވިފަ.
ހަބީ
05 May 2025
ބަލަ ދެން މި މުބާރާތުގެ މެޗެއް އޮންނަ ތާރީހެއް ޖަހާލިނަމަ ތަންކޮޅެއް ހަބަރ ފުރހަމަވީސް. ހަބަރަކީ ވީހާވެސް ކުރުކޮށް ގިނަ މައުލޫމާތު ދޭންޖެހޭ ކަމެއް
ރާއްޖެފުޓްބޯޅަ
05 May 2025
މާލޭގެ 8 ކުލަބު ލައިގެން ސަޕޯޓަރަކު ނުވަންނަ ފޯރިއެއް ނެތް ލީގެއް، މިލިއަނުން ތިޔަ ކުލަބުތަކަށް ޚަރަދު ކުރަނީ ފުޓްބޯޅަ ކުރިއަރުވާކަށް ނޫންކަން ދިވެހި ރައްޔިތުންނަށް މިހާރު ވަރަށް ސާފު. ތިޔައީ މާލޭގެ ގޭންގުތައް ހިންގަން ސަރުކާރާ އެފް.އޭ.އެމް ގުޅިގެން ހިންގާ ޖަރީމާއެއް.
1335
05 May 2025
އަނބުރާ އައީ ފުޓުބޯޅައެއް ނޫން، ގޭންގްތަކުގެ ބާރުވެރިކަން
މިއައު
05 May 2025
ހޯ ހޯ. ތިއީ ހަމަ ސޭމްތިންގް. ފުޓުބޯޅަ ތިއީ ސްމޯކްސްކްރީން. ތިއީ ކުލަބު ތަކެއްވެސް ނޫން. އެމީހުންގެ އަސާސީ ޓާގެޓަކީ އެހެން ކަމެއް. ފުޓުބޯޅައަކީ މޫނު މައްޗަށް ދައްކާ ދަޅަ.
ވާވާ
05 May 2025
ގޮނޑު ހޮވައިގެން ޓީމް ހަމަ ކޮށްގެން ކުޅޭ މުބާރާތެކޭ މީހަކު ބުނި!
އޮނަރަބްލް އަފީފު ދީދީ
05 May 2025
ފުޓްބޯޅަ މުބާރާތްތަކުގައި ރާއްޖޭގެ ހުރިހާސަރަޙައްދުތަކެއްގެ ޓީމްތަކަށް ހަމަހަމައުސޫލުން ވާދަކުރަން ފުރުސަތުނުދީ ހުރަސްއަޅައިގެންތިބެ، ވަކިރަށެއްގެޓީމްތަކަށް އެކަނި ބާރުދީގެން ފުޓްބޯޅަކުރިނާރާނެތީ، މަތީގައިދެންނެވި ބަދަލުތައްގެންނަން މާލޭސަރުކާރާއި އެރަށުގައިއޮތް އެރަށު FAM ބޭނުންނުވާނަމަ ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީ އާއި ބޮޑެތި އަތޮޅުތަކުގައި ހުރި ދަނޑުތައް ކައުންސިލްގެދަށަށް ގެންނަން ކައުންސިލުންތަކުން ކަޑައަޅުއްވާ.
އޮނަރަބްލް އަފީފު ދީދީ
05 May 2025
މަތީގައިދެންނެވި ބަދަލުގެނައުމަށްޓަކާ FIFA އާއި AFC ގެ ފަންނީ މާލީއެހީތެރިކަމަށް ކުޅިވަރުގެ ވުޒާރާއިން އެދެންޖެހޭ. އަދި ބަހާލެވޭ 3 ރީޖަންގެތެރޭގައި ހޯމްއަވޭ އުސޫލުން މުބާރާތް ބޭއްވުމަށްޓަކާ ރާއްޖޭގެ ބައިނަލްއަޤުވާމީ 3 އެއަރޕޯޓްއޮތް ކ.ހުޅުމާލެ، ހދ ހަނިމާދޫ އަދި އައްޑޫސިޓީގައި ސާފްގޭމްސް ބޭއްވޭވަރުގެ 3 ސްޓޭޑިއަމް ތައްޔާރުކުރުމަށް International Olympic Committee އާއި FIFA ގެ އެހީތެރިކަންހޯދައި ވަސީލަތް ތައް ޤާއިމްކޮށް ކުޅިވަރަށް ކުރިއެރުން ހޯދިދާނެ.
އޮނަރަބްލް އަފީފު ދީދީ
05 May 2025
މިދެންނެވިގޮތަށް 3 ރީޖަންގެމައްޗަށް ކުޅިވަރު ލާމަރުކަޒުކޮށް ރީޖަންތަކަށް ރީޖަނަލް ލީޤް ބޭއްވުމުގެ ބާރުދީފައި ރީޖަނަލް އެސޯސިއޭޝަންތަކުގެ ރައީސާއި ޖެނެރަލް ސެކްރެޓަރީ އަދި ރީޖަންގެ އެންމެ މޮޅު 4 ޓީމްގެ މެނޭޖަރާއި ކެޕްޓަނުން ވޯޓްދީގެން އިންތިޙާބުކުރާ ބަޔަކުތިބޭ National Football Federation އުފައްދައިގެން ނޫނީ ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކާއި، ޤަބީލާތަކުގެ އަތްދަށުގައި ރަޙީނު ކުރެވިފައިއޮތް ކުޅިވަރުތައް ސަލާމަތްކޮށް ތިތަނުގެ ޙިޔާނާތްވެސް ނުހުއްޓުވޭނެ.