05 މެއި 2025 - 23:21
މި ސީޒަނަށް ފަހު ބްރެޒިލްގެ ކޯޗު ކަމާ ހަވާލުވާން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ފުރުސަތު ދޭން އެ ކްލަބުން އެއްބަސް ވެއްޖެ އެވެ.
ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން އެއް އަހަރުގެ އެއްބަސްވުމެއްގައި ބްރެޒިލްގެ ޓީމާ ހަވާލުވާން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު އަންޗެލޮޓީ ވަނީ އެއްބަސްވެފަ އެވެ.
އެކަމަކު އަންޗެލޮޓީ ދޫކޮށްލަން ރެއާލުން މިދިޔަ ހަފުތާގައި ދެކޮޅު ހެދި އެވެ. އެ ކްލަބާ އެކު އަންޗެލޮޓީ 2023 ގައި ހެދި އެއްބަސްވުމުގައި އެއް އަހަރު އެބައޮތެވެ. އެހެންވެ އޭނާ ހިފެހެއްޓުމުގެ ހުރިހާ ބާރެއް ރެއާލަށް އެބައޮތެވެ.
އެކަމަކު މިހާރު އަންޗެލޮޓީ ދޫކޮށްލަން ރެއާލުން އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ދި އެތުލެޓިކުން ރިޕޯޓް ކުރި އެވެ.
އެ ނޫހުގައި ބުނެފައި ވަނީ ކްލަބް ދޫކޮށްލުމާ މެދު ރެއާލްގެ މެނޭޖްމެންޓާއި އަންޗެލޮޓީއާ އެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.
އެ މަޝްވަރާގައި އަދި މިހާތަނަށް ގޮތެއް ނުނިމި އޮތީ ކުރިއަށް އޮތް އެއް އަހަރަށް ރެއާލުން އޭނާ އަށް ދޭން ޖެހޭ މުސާރައާ ބެހެގޮތުންނެވެ.
އެ މުސާރަ ދޭން ރެއާލުން ބޭނުމެއް ނުވެ އެވެ. އެކަމަކު އެކަން އެ ކްލަބަށް ކުރެވޭނީ ލިޔެކިޔުންތަކުގައި އަންޗެލޮޓީ އެކަމަށް އިއުތިރާޒު ނުކުރާކަމަށް ސޮއި ކުރުމުންނެވެ. އެކަމާ ގުޅޭ ގާނޫނީ މަސައްކަތްތަކެއް ވެސް ރެއާލުން ފުރިހަމަ ކުރަން ޖެހޭނެ އެވެ.
ބްރެޒިލްގެ ފެޑެރޭޝަނުން ވެސް ވިސްނުން ގެންގުޅެނީ ޓްރާންސްފާ ފީ އެއް ނުދައްކައި އަންޗެލޮޓީ މަގާމަށް އައްޔަން ކުރެވޭނެ ގޮތަކާ މެދު އެވެ. އެހެން ޓީމެއްގެ ކޮންޓްރެކްޓްގައި ހުރި ކޯޗަކު ވެސް އަނެއް ޓީމަށް ސޮއި ކުރެވޭނީ ކޮންޓްރެކްޓް ބާތިލު ކުރުމުންނެވެ.
އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު އަންޗެލޮޓީ ބްރެޒިލްގެ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސުމަކީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒްގެ ބޮޑު ހުވަފެނެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ބްރެޒިލްގެ ޓީމުގައި އަންޗެލޮޓީ އަށް އޮންނާނެ އެންމެ ބޮޑު މަސައްކަތަކީ އަންނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ހޯދައި ދިނުމެވެ.
މުޅިން އާ ފޯމެޓަކަށް އަންނަ މަހު މެދުތެރޭގައި އެމެރިކާގައި ފަށާ ކްލަބް ވޯލްޑް ކަޕްގައި ރެއާލްގެ ކޯޗަކަށް ވާނެ މީހަކީ އަލޮންސޯ ތޯ ސުވާލު އުފެދެ އެވެ.
ދި އެތުލެޓިކުން ބުނީ ރެއާޅްގެ ވިސްނުމަކީ ކްލަބްގެ އެތެރޭގައި މިހާރު ވެސް މަސައްކަތް ކުރާ ތަޖުރިބާކާރަކަށް ވަގުތީ ކޯޗެއްގެ ގޮތުގައި ފުރުސަތު ދިނުމެވެ.
އެހެންވެއްޖެނަމަ އެ މަގާމާ ހަވާލުވާނީ ރެއާލްގެ ކުރީގެ ކޯޗު މިހާރުގެ ފުޓްބޯލް ޑައިރެކްޓާ ސެންތިއާގޯ ސޮލާރީ އެވެ.
ޒުވާން ޓީމުތަކުގެ ދެ ކޯޗުން ކަމަށްވާ ރައުލް ގޮންޒާލޭޒާއި އަލްވާރޯ އާބެލޯ އަށް އެ ފުރުސަތު ދިނުން ދުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy