ބޮޑު ހީނާ އޭޑީކޭގެ ހޮސްޕިޓަލުގައި: ހާޓް އެޓޭކަށް ފަހު އޭނާ ވަނީ އޮޕަރޭޝަނެއް ކޮށްފަ --- ފޮޓޯ: ކުޑަހުސެން ފޭސްބްކް ޕޭޖް
07 މެއި 2025 - 12:13
ދިވެހި ކުޅިވަރުގެ ލެޖެންޑް ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) އަށް މިދިޔަ ބުރާސްފަތި ދުވަހަކީ ހަމަ އެހެން ދުވަސްތަކެކޭ އެއްގޮތަށް އާދައިގެ ދުވަހެކެވެ. ކޯ ފައުންޑަރެއްގެ ގޮތުގައި އޭނާގެ ވެސް ހިއްސާ އޮވެގެން އުފެއްދި ކްލަބް ވެލެންސިއާގެ އެކަޑަމީގައި މާލެ އާއި ހުޅުމާލޭގައި ކޯޗުކޮށްދޭ ބޮޑު ހީނާ އެ ރޭ ވެސް އުޅުނީ އެކަޑަމީގެ ތަމްރީނުތަކުގަ އެވެ.
މާލޭގައި އެ ރޭ ކުރިއަށް ގެންދިޔަ އެކަޑަމީގެ ތަމްރީނުތަކުގެ ކޯޗުކޮށް ދޭން ހުއްޓާ، އޭނާގެ "ބަނޑަށް ގޭސް ގަނޑެއް އަރައި" އުނދަގޫތަކެއް ކުރިމަތިވި އެވެ.
"އެގޮތަށް ވާން ފެށީމާ އަހަރެން ގޮސް ފެން ފޮދެއް ބޯލީމަ އުނދަގޫ ކެނޑިއްޖެ. އަނެއްކާ ވެސް ބައިގަޑިއެއްހާ އިރު ފަހުން އެ އުނދަގޫ ވީމަ ފެންފޮދެއް ބޯލީމަ އެ އުނދަގޫ ފިލީ،" އޭޑީކޭ ހޮސްޕިޓަލުގައި އޮވެގެން "މިހާރު" އާ ވާހަކަ ދައްކަމުން ކުޅިވަރުގެ ހިދުމަތްތެރިޔާ ކިޔައި ދިނެވެ.
އާންމުކޮށް ގޭހުގެ މައްސަލަ ކުރިމަތި ވާތީ ހީނާ ނިންމައިގެން ހުރީ ޕްރެކްޓިހުގައި އުޅެނިކޮށް އޭނާ އަށް ކުރިމަތިވި އުނދަގޫތަކަކީ ގޭހުގެ ސަބަބުން ކުރިމަތިވި މައްސަލަތަކެއް ކަމަށެވެ.
"އަހަންނަކީ ގޭހުގެ މައްސަލަ ހުންނަ މީހެއް،" ހިނާ ބުންޏެވެ.
އެކަޑަމީގެ ސެޝަނެއްގައި ހީނާ މީގެ ކުރިން ކޯޗުކޮށްދެނީ: އޭނާ މިހާރު މަސައްކަތް ކުރަނީ ވެލެންސިއާގެ އެކަޑަމީގައި --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ރޭގެ 7 އިން 9 އަށް ބޭއްވި އެކަޑަމީގެ ތަމްރީނުތައް ނިންމާފައި ގެއަށް ގޮސް ފެންވަރައި، ކައިގެން އޭނާ އޮށޯވެލީ އެވެ. އެކަމަކު އޭގެ ފަހުން ދެން އެރި ތަދުގައި "ކުރިން ނުވާ އެހެން ގޮތެއް ކުރިމަތިވި ކަމުގެ އިހުސާސް" ކުރެވުނު ކަމަށް ހީނާ ބުންޏެވެ.
"އަންހެނުން ކައިރީގައި ބުނެފިން މި ތަދު ވަނީ އެހެން ގޮތަކަށޭ، ހިނގާށޭ ހޮސްޕިޓަލަށް ދާން. އަންހެނުން ގޮވައިގެން އަމިއްލަ އަށް ސައިކަލް ދުއްވާފައި އައީ،" އެދުރު ހިޔާ ފްލެޓްގައި ދިރިއުޅެމުން އަންނަ ހީނާ ބުންޏެވެ.
އޭނާގެ އާއިލީގެ ގެ ސޯސަން މަގުގައި ހުންނަ ހ. ހީނާގަސްދޮށުގޭ ކައިރީ ސައިކަލް ޕާކު ކުރުމަށް ފަހު، ހޮސްޕިޓަލާ ހަމައަށް ވެސް ދިޔައީ ހިނގާލައިފަ އެވެ.
އިމަޖެންސީ އަށް ވަދެ ޑޮކްޓަރަށް ދެއްކުމުން ހެދީ އީސީޖީ އެކެވެ.
"އެ އީސީޖީ އަކުން މާބޮޑު ކަމެއް ނުދައްކާ. އެހެންވެ، ގެ އަށް ދާން ތައްޔާރު ވެސް ވިން. އެކަމަކު ޑޮކްޓަރު ބުނެފި ތިހާ އަވަހަކަށް ނުދެވޭނެޔޭ. ދެން އަނެއްކާ ލޭގެ ޓެސްޓްތަކެއް ހައްދާފައި އަނެއްކާ ވެސް [އިތުރު] އީސީޖީއެއް ހެއްދީ،" ހީނާ ބުންޏެވެ.
ބޮޑު ހީނާ ހޮސްޕިޓަލުގެ ވޯޑްގައި، އޭނާ ކައިރިއަށް ކުރީގެ ދުވުންތެރިޔާ ކުޑަ ހުސައިން ޒިޔާރަތް ކުރުމަށް ފަހު --- ފޮޓޯ: ކުޑަހުސެން ފޭސްބްކް ޕޭޖް
"ދެވަނަ އީސީޖީ ހަދާފއި އެ އަށް ބަލާފައި ޑޮކްޓަރު ބުނި ތަފާތެއް އެބަހުއްޓޭ. ކާޑިއޯ ސްޕެޝަލިސްޓަކާ ވާހަކަ ދައްކާށޭ ތިމަންނަ ޖެހޭނީ. ދެން އަހަރެން ކައިރީގައި ބުނި އެޑްމިޓް ވާށޭ ޖެހޭނީ. އެ އީސީޖީން ދެއްކީ ހާޓް އެޓޭކެއް ކަމަށް."
ހާޓް އެޓޭކެއް ޖެހިފައިވާކަން ދެވަނަ އީސީޖީން ދެއްކުމުން ހޮސްޕީޓަލުގައި އޭނާ އެޑްމިޓް ކުރުމަށް ފަހު ޕްރޮސީޖާއެއް ހެދި އެވެ.
"އުކުޅުވަޅު ތޮރުފައިގެން ހޮޅިކޮޅެއް ލެއްވީ،" އެ ޕްރޮސީޖާއާ ގުޅޭ ގޮތުން ހީނާ ވިދާޅުވި އެވެ.
ސްޓެންޓު ލެއްވުމަށް ފަހު، މިހާރު ހީނާ ގެންދަނީ އަރާމު ކުރަމުންނެވެ.
މިހާރު އުމުރުން 65 އަހަރުގައި ވެސް ހީނާ ފެންނަނީ ހަރަކާތްތެރި މީހެއްގެ ގޮތުގަ އެވެ. ގިނަ ކުޅިވަރުތަކަކުން ގައުމީ ޓީމަށް ކުޅެ ކާމިޔާބީއާ ހަމައަށް ދަތުރު ކޮށްފައިވާ ހީނާ ގަވާއިދުން ބެޑްމިންޓަން ކުޅެ އެވެ. އެއީ އޭނާ ކޮންމެ ދުވަހަކު ވެސް ކުރާ ކަމެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ފުރިއިރު އަދި ފަހުން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރިއިރު ވެސް ގަވާއިދުން ބެޑްމިންޓަން ކުޅެ އެވެ.
ހީނާ މީގެ ކުރިން އެކަޑަމީގެ ޓްރޭނިންތަކުގައި ކޯޗުކޮށް ދެނީ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
ގާތްގަނޑަކަށް ފަސް އަހަރަށް ފަހު އަލުން ކޯޗު ކަމަށް އޭނާ ނުކުތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެލެންސިއާގެ އެކަޑަމީންނެވެ. އެކަމަކު ކުޅިވަރުގެ އެ ހުރިހާ ހަރަކާތްތަކާ ދުރަށް ދުވަސްތަކަކަށް އޭނާ ދުރުވެލަން ޖެހެ އެވެ. .
"ކޯޗު ކޮށްދޭން ނުކުންނަން ދެ ހަފުތާ ވަރު ރެސްޓް ބޭނުންވާނެ ކަމަށް ޑޮކްޓަރު ލަފާ ދިނީ. އަހަރެން ބުނިން އަހަންނަކީ ބެޑްމިންޓަން ކުޅެން ދާ މީހެކޭ. ޑޮކްޓަރު ވިދާޅުވީ އަލުން ކުޅެން ނުކުމެވޭނީ މަހެއްހާ ދުވަސް ފަހުންނޭ،" ކުޅިވަރުގެ އާއިލާއަކަށް ނިސްބަތްވާ ހިނާ ބުންޏެވެ.
ގާތްގަނޑަކަށް ހަތަރު ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ވެގެން އޮތުމަށް ފަހު މިއަދު އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހިނާ ބުންޏެވެ.
"އިރާދަކުރެއްވިއްޔާ މާދަމާ [މިއަދު] ގެއަށް ދެވޭނެ،" ނިންމާލަމުން ހީނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބޭ
07 May 2025
ހީނާއަށް ވަރަތްއަވަސްޝިފާއެއް މިންވަރު ކުރެއްވުންއެދެން
މޮހޮނު123
07 May 2025
ދިވެހިންގެ ތެރޭގައި، ހިތުގެ މައްލަ ގިނަވަމުންއަންނަ އެންމެ މުހިންމު ސަބަބަކީ ސިނގިރޭޓްބުއިން ނުވަތަ ދުންފަތުފެ އިސްތިއުމާލުކުރުން. ޚުޅިވަރުކުޅޭ ވަރަށްގިނަބަޔަކު ސިނގިރޭޓް ބިއި ހަދާ. އެހެންކަމުން، ޢުމުރުން 30 އަހަރު ނުވަނީސް ބުންވަރުނެތި ދެއެވެ. 40 ނުވަތަ 50 އަހަރަށް ދާއިރަށް ހިތުގެ ނުވަތަ ފުއްޕާމޭގެ ބައްޔެއް ޖެހެއެވެ.
ހުސައިން މީދުވީ
07 May 2025
ހީނާ ކޯޗަށް އަވަސް ޝިފާއަކަށް އެދެމެވެ.ރަށު މިއީ ރާއްޖޭގެ ކުރީގެ ރެފްރީއެއް.ޔޫތު ސްޕޯޓްސް ކްލަބްގެ ފައުންޑަރެއްވެސްމެއެވެ.އެއީ ފަހުން ޤައުމީ ޓީމުން ޗެމްޕިއަނުންކަމަށްވާ އަސްއަދުއާއި ޢަލީ ޢުމަރުމެންފަދަ ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިން ކްލަބެވެ.ފަހުން އެކެޑެމީ ހަދައިގެންވެސް ޒުވާން ވަރަށް ގިނަ ގުޅުންތެރިން ފުޓުބޯޅައަށް ނުކުމެއްޖެއެވެ.ހީނާގެ ކޮށްކޮ ކުޑަހީނާ(އިސްމާޢީލް އާސިފް)އަކީ އޭނާގެ ދުވަސްވަރު ހުނަރުވެރި ފޯވާޑެކެވެ.
ބެއްޔާގެ ދަރި
07 May 2025
މިހާރަކަށް އައިސް ވަރަށް ދުޅަހެޔޮ ކަސްރަތު ކުރައްވާ ބޭފުޅުންނަށް ވެސް މިކަން އެބަ ދިމާވޭ. އެހެންވީމާ މިއީ ވަރަށް ބޮޑަށް ދިރާސާކޮށް ދެނެގަންނަންޖެހޭ ކަމެއް. ހަމައެކަނި ކަސްތު ނުކުރާ މީހާ އަށް އެކަންޏެއް ނޫން މިކަހަލަ ގައިން ގަޔަށް ނާރާ، ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ބަލިތައް މިޖެހެނީ. ދެނެގަތުން މުހިންމު
މޮހޮނު123
07 May 2025
އެންމުހިންމު ސަބަކީ ދުންފަތް އިނގޭތޯ
ޢެޑްމުންޑޯ
07 May 2025
ފެންނަ މަންޒަރާއި ފޮރުވިފައިވާ ހަގީގަތް ނޭގޭތީ ތިހެން ހީވަނީ ، ކެއުމުގެ އާދަކާދަ ހުންނަގޮތާއި ، ކާވަގުތުތައް އަދި ނިދުމުގެ އާދަކާދަ ގެންގުޅޭގޮތާއި އަނބި ފިރިކަމުގެ ގުޅުން މިފަދަ މައްސަލަތަކުގެ ބޮޑުރޯލެއް އަދާކުރޭ ، ގޭތެރޭގެ ދިރިއުޅުމުގެ ޓެންޝަން ، ވިސްނާ ފިކުރުކުރުން މިވެސް ހިތުގެ ބަލިތަށް ޖެހުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާކަމެއް ،
ކުޅިވަރު
07 May 2025
ހީނާ އަށް ފުރިހަމަ ސިއްހަތެތްގައި ލައްވާ އަވަސް ޝިފާއަކަށް އެދެން.
ކޮވެލި
07 May 2025
އަހަރަކު އެއް ފަހަރު ބްލަޑް ޓެސްޓެއް ހެދުން މުހިންމު. ގަވައިދުން ހަކުރު އަދި ބްލަޑް ޕްރެޝަރު ޗެކް ކުރުން މުހިންމު. ގިނަ މީހުންނަށް ހީވަނީ ބަލިވުން އެއީ ވަކި ބަޔަކަށް ދިމާވާ ކަމެއް ހެން. މީގެ އިތުރުން ގަވައިދުން ކަސްރަތު ނޫނީ ހިނގުން.
ވިސްނުންތެރިޔާ
07 May 2025
ކޯވިޑް ވެކްސިން ޖެހުމަށްފަހު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އެތައް ހާޓް އެޓޭކާއި ސްޓްރޯކެއް. އެކަމަކު ސަރުކާރާއި ހެލްތު ޕްރޮފެޝަނަލްސް ހިމެނޭ ގޮތަށް އެކަން ގަބޫލުކުރަން އެއްވެސް މީހަކު ބޭނުމެއް ނޫނެވެ.
ވޯލް
07 May 2025
މިހެން މީހުންނަށް ދިމާވާ ކަންކަން ތަފްސީލާއެކި ކިޔާ ދިނުމަކީ ވަރަށް ރަގަޅު ކަމެއް. އޭރަށް އެހެން މީހުންނަށްެވެސް މިފަދަ ކަމެއް ދިމާވީމަ ހަދަންވޮގޮތް ވިސްނާގަނަވޭނީެވެސް. ޙއްސަކޮށް މަޝްހޫރު މީހުންނަށް ދިމާވާ ސިއްހީ މިފަދަ ކަންކަން ހިއްްސާ ކުރުން މުހިންމު. ޝުކުރިއްޔާ ހީނާ އަދި އަވަސް ޝިފާއަކަށް އެދެން.
އެޑްމުންޑޯ
07 May 2025
ހީނާ އަށް އަވަސް ޝިފާއަކަށް އެދެން
ލަކި
07 May 2025
މިގޮތަށް 35 އަހަރުން މަތީގެ މީހުން ގޭހުގެ އުނދަގޫ ވަންޏާ ކޮލެސްޓޮރޮލް އަދި ބީޕީ ބަލަން ގަވައިދުން ޖެހޭ.