ސްރީ ލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގައި 2022 ވަނަ އަހަރު ތެލާއި އަސާސީ އެކި ބާވަތްތައް ދަތިވި ދުވަސްވަރު، ތެޔޮ ގަންނަން މީހުން ކިއޫގައި: އިގްތިސާދު މިހާރު ކުރިއަރަމުން ދާއިރު އިތުރަށް ވަރުގަދަކުރުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުން. -- ފޮޓޯ: އޭއެފްޕީ
08 މެއި 2025 - 06:35
މާލީ ދަތިކަމުގެ ތެރޭގައި އޮތް ސްރީ ލަންކާގެ ދަނޑުވެރިކަމާއި ޓޫރިޒަމާއި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ވޯލްޑް ބޭންކުން 1 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.
ސްރީ ލަންކާ ބަނގުރޫޓުވިކަން އިއުލާނުކުރީ ބޭރުގެ ލޯނުތައް ދެއްކުމަށާއި ކާނާ އާއި ތެލާއި ބޭސް ފަދަ އެންމެ އަސާސީ ތަކެތި ގަތުމަށް ފުދޭ ވަރަށް ވެސް ބޭރު ފައިސާ ނެތުމުން، 2022 ވަނަ އަހަރު އެވެ.
ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާ ކޮލަމްބޯގައި ބައްދަލުކުރެއްވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ މި ލޯނުގެ މަގުސަދަކީ ލޯކަލް އިންޑަސްޓްރީތައް ހަރުދަނާކުރުމާއި ޕްރައިވެޓް ކެޕިޓަލް ހޯދުން ކަމަށެވެ.
"އިގްތިސާދު ހަމަޔަކަށް އެޅެމުން އަންނައިރު އަދި އިގްތިސާދީ ކުރިއެރުން ފެށޭއިރު ވަޒީފާތައް އުފެއްދުމުގެ މައިގަނޑު ކަންކަން ހުންނާނީ ހަމަޖެހިފައި،" ބަޔާނުގައި ބަންގާ ވިދާޅުވެފައިވެ އެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި މިއީ ތިން އަހަރު ތެރޭ ދޫކޮށް ނިންމާ ލޯނެކެވެ.
"މިއީ އިސްލާހީ މަސައްކަތް ހަލުވިކޮށް، އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން މަގު ތަނަސްވަސްކޮށްދޭންވީ ވަގުތު - ހާއްސަކޮށް، ގިނަ ވަޒީފާ އުފައްދައިދޭނެ ދާއިރާތަކުގައި،" ބަންގާ ވިދާޅުވި އެވެ.
ލަންކާގެ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ރައްޔިތުންގެ ރުޅިވެރިކަން ބޮޑުވެ އެތައް މަހެއްވަންދެން ކުރި މުޒާހަރާތަކަށް ފަހު 2022 ވަނަ އަހަރު އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން މަޖުބޫރުވި އެވެ. އޭނާގެ ފަހުން ރައީސްކަމަށް ވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ހޯއްދަވައިފަ އެވެ.
އައިއެމްއެފްގެ ހަތަރު އަހަރުގެ ބެއިލްއައުޓް ލޯނުގެ ސަބަބުން ލަންކާގެ އާމްދަނީ އިތުރުވެ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ޑިފޯލްޓުވި 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަލުން ޝެޑިއުލް ކުރުމުގެ މަގު ސަރުކާރަށް ވަނީ ފަހިވެފަ އެވެ.
ވޯލްޑް ބޭންކުން މިދިޔަ މަހު ބުނެފައިވާ ގޮތުގައި އިގްތިސާދީ ކާރިސާއިން ލަންކާ އަރައިގަނެ ކުރިއަށްދާން ފެށިޔަސް ލަންކާގެ ވަރަށް ގިނަ ބަޔަކު އަދިވެސް އުޅޭނީ ފަގީރުކަމުގަ އެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ލަންކާގެ އިގްތިސާދީ ކުރިއެރުން 4.4 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް އެ އަދަދު ފަހަނަޅައި 5 ޕަސެންޓަށް ކުރިއެރުން ދިޔަ ކަމަށެވެ. މިއީ 2022 ވަނަ އަހަރު ލަންކާގެ އިގްތިސާދަށް ކުރިމަތިވި ބޮޑު ހީނަރުކަމަށް ފަހު ލިބުނު ފުރަތަމަ ކުރިއެރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
08 May 2025
އާބާދީ ކުޑަ ޔަސް ރާއްޖެ އަށް 1 އަހަރު ތެރޭ 1 ބިލިއަން ޑޮލަރު ނަގާ ހުސް ކޮށް ލުމަކީ ފަސޭހަ ކަމެކެވެ. ބޮޑު ބައެއް ދާނީ ކޮރަޕްޝަނަށެވެ. ދެން އެ ފައިސާ ދައްކަން ވީމަ އެކި ނަމުގަ ޓެކްސް ނަގާ ބޮޑު ކޮށްލާނީ އެވެ. މިއީ މިކަން ހިނގާ ގޮތެވެ.