ބައްސާމް އާއި ޖަވާޒު: ޖަވާޒު ހެކިބަސް ދެމުން ބުނީ އެފްއޭއެމްގެ ފައިސާ ކަންކަން އިސްކޮށް ބެލީ ބައްސާމް ކަމަށް
11 މެއި 2025 - 12:42
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާލިބޭ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުއާ ދެކޮޅަށް ހިންގާ ޝަރީއަތުގައި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ހެކިބަސް ދެއްވައިފި އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި އޮތީ ޖަވާޒުގެ ހެކި ބަސް ނެގުމެވެ. ޖަވާޒަކީ ބައްސާމާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކެކެވެ.
ބައްސާމްއާ ގާތް ގުޅުމެއް އޮތް ޖަވާޒު މިއަދު ޝަރީއަތުގައި ހެކިބަސް ދެއްވަމުން ވިދާޅުވީ އެފްއޭއެމްއަށް ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އަބަދުވެސް ހަރަކާތްތެރިވީ ބައްސާމް ކަމަށާއި އެކަން ބައްސާމްގެ ބެލުމުގެ ދަށުން ކުރަމުން ދިޔައީ އެސޯސިއޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓުން ކަމަށެވެ.
އެފްއޭއެމްގެ އިދާރީ ކަންކަމާއި ފައިސާ މުއާމަލާތްތައް ކުރެވޭ ގޮތުގެ ތަފްސީލު ކިޔައިދެއްވަމުން ޖަވާޒު ވިދާޅުވި ގޮތުގައި އެ އެސޯސިއޭޝަނަށް ބޭރުގެ ފަރާތްތަކުން ފައިސާ ލިބެމުން ދިޔައީ އެމެރިކާ ޑޮލަރުންނެވެ. އަދި ދިވެހި ސަރުކާރުން ދޭ ފައިސާ ލިބެމުން ދިޔައީ ރުފިޔާއިންނެވެ.
ޑޮލަރުން ލިބޭ އާމްދަނީ ރުފިޔާއަށް މާރުކުރާ ކަމަށާއި އެއީ، އެފްއޭއެމުން ފައިސާގެ މުއާމަލާތްތައް ކުރަމުން ދިޔައީ ރުފިޔާއިން ކަމަށްވާތީކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، 2016 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނަށް މުސާރަ އާއި އެހެން އިދާރީ ހަރަދުތައް ހަމަޖައްސަމުން ދިޔައީ ވެސް ރުފިޔާއިން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ޖަވާޒުގެ ހެކިބަސް ނެގުން އެކަންޏެވެ. ދެން އެ މައްސަލާގައި އަޑުއެހުމެއް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
ބައްސާމް ވަނީ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވައިފަ އެވެ. ދައުވާތަކަށް ބައްސާމް އިންކާރުކުރަނީ ވަކީލް ވިދާޅުވި ގޮތުގައި، ދައުވާގައި ބުނަނީ ކަން ހިނގާފައިވާ ގޮތް ނޫން ކަމަށް ވާތީ އެވެ.
ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
އެ ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އެ ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެ މައްސަލައިގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމް އަށް ލިބިފައި ނެތުމުން އެއީ އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދަައުވާ ވެސް ކުރި އެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އެހެން ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ. އެ މައްސަލާގައި ހިޔާނާތުގެ ދައުވާ އުފުލާފައިވަނީ އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަބުލާކި
11 May 2025
ކ.މާލޭ އެކިމީސްމީހުން ކަރަޕުސަން ހިންގައިގެން ނޫޅޭ ދުވަހެއް އެބަދޭތަ.
ކޮރަލް
11 May 2025
އަހަރު ވެއްޖެ އެވެ. ދައުރު ނިމި ވޯޓް ހޯދަން ނާންނާ ށެވެ. ފުރަތަމަ ކޮރަޕްޝަން ގެ މައްސަލަ ތައް ބަލާށެވެ. އޭގެ ފަހުގަ ވޯޓް ހޯދަން އަންނާށެވެ.
އަހްމަދް
11 May 2025
ހުރިހާކަމެއް ބައްސާމު ބޮލައް ޖަހާފަ ފިލަން ދިމާކޮށްފަ މިތިބީ. އެދުވަހު ތިޔަ ހުރިހާ ޖަރީމާއެއް ހިންގީ ތިޔަ އެންމެން ގުޅިގެން، ބައްސާމު ބޮލައް ޖަހާފަ ފިލިގެން ނުވާނެ..
ވާންޖެހޭ ގޮތާ، ކަންހިންގާގޮތް ވަރަށް ތަފާތު
11 May 2025
އެއީ އެކަން ވާންޖެހޭ ގޮތެއް ނޫންކަން އިނގޭ، މިތާ އިންސާފެއް ނުލިބޭ، އެހެންވީއިރު އެމީހުން އެމީހުނަށް ދޫކޮށްފަވެސް ތަރއްގީކޮށް ކުރިޔަށް ދާންޖެހޭނެދޯ.
ޖުރުހަމް
11 May 2025
އަހަރެން ވަކީލްކުރަނީ ހެއްދެވިފަރާތަށް، ނަމަވެސްއިންސާނެއްގެ ހައިސިއްޔަތުން ކުރެވުނު ރަނގަޅުކަމެއް ކުރާނަ، ކޮންމެ ނުބައިކަމެއް އޭގެ ޒާތުގެ ބާތިލްވެ ނިމިގެންދާނެކަން އަހަރެން ހިތުގެއަޑިން ގަބޫލުކުރަން،
ވިސާމް72
11 May 2025
ދުނިޔެ ކަން ހިގާ ގޮތް. ހުރިހާ ކަމެއް ގަ ބައިވެރިވެ އެންމެ ކާރީގަ ހުރި މީހާ މިއަދު މިދެނީ އިދިކޮޅައް ހެކިބަސް.
އޭނަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާ
11 May 2025
މީނަގެ ކިބައިން ސަލާމަތްވެ، އެބިންތަށް ތަރައްގީކޮށް ކުރިޔަށްދަމާ، އޭނަ ހޭވި ހަޑި ބާއްވާފަ، އެޔާހެދި ދެން އެއްވެސް ކަމެއް ނުކުރެވިފަ ތިބެންވީ
ރަދީފްއޮފިޝަލް.
11 May 2025
ހެހެހެހެހެ.އަނބި މީހާ ވެސް ނާހާނެ ކިހިނެއް ލިބުނު އެއްޗެއްތޯ.
ރައުދުގެވެސްއާއިލާ
11 May 2025
ހެޔޮކޮށް ބައްސާމުއާއި ރައީސް ޔާމިންއަކީ އެއް ޑީއެންއޭ. ކަށީގެ މަދުގައި ހިފާފައިހުރީ.