ބައްސާމް މިއަދު ޝަރީއަތުގެ މަޖިލީހުގައި: އޭނާ ދެވަނައަށް އައްޔަން ކުރި ވަކީލު ވެސް މައްސަލައިން ވަނީ ތަނާޒުލްވެފައި
16 ޖެނުއަރީ 2025 - 09:51
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދެވަނަ ގާނޫނީ ވަކީލު ވެސް މައްސަލައިން ތަނާޒުލްވެއްޖެ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކެއް މީގެކުރިން ބާއްވާފައިވާއިރު، ބައްސާމް ފުރަތަމަ އައްޔަންކުރި ގާނޫނީ ވަކީލު ވަނީ އެ މައްސަލައިން ތަނާޒުލްވެފަ އެވެ.
އޭގެފަހުން ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިން އާއި ހިނާޔާތްތެރިވުމުގެ އިތުރު ދައުވާ އުފުލާފައިވެ އެވެ. އަދި ބައްސާމް ވަނީ އޭނާގެ ދިފާއުގައި އެހެން ވަކީލަކު އައްޔަންކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ބައްސާމަށް ކުރާ ހަތަރު ދައުވާގެ ޝަރީއަތް އެކީގައި ކުރިއަށް ގެންދާށެވެ.
އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބައްސާމް ފަހުން އައްޔަން ކުރި ވަކީލު ވެސް މައްސަލައިން ތަނާޒުލްވެފައިވާ ކަން މިއަދު ސިޓީއަކުން ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، ވަކީލަކު އައްޔަން ކުރަން އިތުރު ފުރުސަތެއް ބޭނުންވޭތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ބައްސާމް ވިދާޅުވީ ޝަރީއަތުގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. އެހެންވެ، ގާޒީ ވަނީ އާ ވަކީލަކު އައްޔަން ކުރަން ބައްސާމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު މި މަހުގެ 30 ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމާ ހަމައަށް ވަކީލަކު އައްޔަން ނުކުރެވޭނެ ނަމަ، ދައުވާތަކަށް އަމިއްލައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. މި ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައި ވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމް އަށް ލިބިފައި ނެތުމުން އެއީ އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދަައުވާ ވެސް ކުރީ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
ދެވަނަ ފަހަރަށް ބައްސާމަށް ހިނާޔާތުގެ ދައުވާ އުފުލާފައިވަނީ އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މަނީ ލޯންޑްރިންގެ ދެވަނަ ދައުވާ އުފުލީ އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ އަށް ކޮޓަރި އާއި 10 ފާހަނައިގެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭގޮތަށް ދައްކަންޖެހޭ ޖުމްލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާ، އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައިގެން އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.
މަނީ ލޯންޑްރިންގެ އެ ދައުވާ ސާބިތުވެއްޖެނަމަ 100,000ރ. އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ. އެ ދައުވާތަކުގެ އިތުރުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމާއި އެ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޯ ބެސްޓީ
18 January 2025
ބައްސާމޫ ވަކީލުބެ ދޫކޮށްލާފަ، ދެން ޖާމިނުވާނެ ފަރާތެއް ހޯދަން އުޅޭ!!
ހުސެއިނާސް
17 January 2025
ބައްސާމު ކަލޭ ދުވަސް ދިޔައީ
އޮޑިހަނު
16 January 2025
1.2 މިލިއަނަށް ޚިޔާނާތްތެރިވީމަވެސް 1 އަހަރާ 7 މަހާ 6 ދުވަހުގެ ޖަލު ހުކުމެއް އަސާސީ ހުކުމަކަށް؟!! ތިކަންކަން ތިގޮތަށް ނިންމި ބޭފުޅުންނާ ބެހޭ ގޮތުންނާއި އެބޭފުޅުންގެ ވަނަވަރު އެބަޖެހޭ ނޫސްވެރިން ރިޕޯޓެއްގެ ގޮތުގަ ގެނެސްދޭން.
ކަތްދައްތަ
16 January 2025
ތިޔަހެން ދައްމަމުން ދިހަޔަކުން ދިހަޔަކުން ދެމުން ދެމުންގޮސް އެންމެފަހުން ބުނާނީ މައްސަލަ ކުނިވެއްޖޭ. އިތުރަށް ބަލާނެ ތަނެއްނެތޭ. ފުލެޓުވެސް ކަލެއަށޭ. މިއޮތީވާ ގައުމެއް.
ބައްސާމުގެމުފާ
16 January 2025
ބައްސާމުގެ ބީއެމްޑަބްލިއު ހުދު ކާރު ވަނީ އީގަލްސްގެ ކެނޑިޑޭޓަށް ވިއްކާލާފަ. މުދާތައް ވިއްކުން ހުއްޓުވާ.
އިސްމާލި
16 January 2025
ބައްސާމު ކޫލް. ދެން ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް، ޔަޢުނީ، ޑީލް އެއް ހަދާލާ. އޭރުން ތިޔަ ކަމުން އިސާހިތަކު ސަލާމަތްވެދާނެ. ތި އެއްބަސްވުން ހަދަން ތި ނެގި ފައިސާ އިން ސުޕާރީކޮޅެއް ބަހާލަން ޖެހިދާނެ./
ކަލޯ ބެއްޔާ
16 January 2025
މިއީ މި މީހުންގެ ފެންވަރު! މި ސޮރާއި ޖާމިލުވާނެ ވަކީލު ގަނޑެއްވެސް ނުވި
ސުނާރު
16 January 2025
ކޮއިފުޅާ ބައްސާމް އަދި ގޮތެއްހުހެއްނުވޭ! ކަލޭގެ ވަތުކިބަ އިންފަންޓީނޯ އެބަހުރި، އެގޮލާ އަދި ވަކީލުކަމާވެސް ހަވާލުވާނެ
މިސްޓަރ ރިހާކުރު
16 January 2025
"ރިހާކުރުފުޅި" މިއީ ރާއްޖޭގެ ޖުޑިޝަރީގައި ޖެހިފައި އޮތް އެންމެ ބޮޑޫ ލައްގަނޑު. މިކަން ކިރިޔާވެސް ސަލާމަތްވަނީ މިހާރުގެ ސްޕްރިމް ކޯޓް.
ވޯލް
16 January 2025
ވައްކަން ކުރިކަން އެއޮތި ފެންނަން. ދެން ފާޑުފާޑުގެ އުކުޅު ކުޅޭނެކަމެއް ނެތް. ދައުލަތާ އެކު އެއްބަސްވުން ހދާ ރައްޔިތުންނާއި މުޅި ކުޅިވަރުގެ ދާއިރާގެ އެންމެ ކިބައިން މާފަށް އެދި ނެގި ފައިސާ ދައްކަން އެއްބަސްވެ ދެންވެސް ދުނިޔޭގަިއ ވައްކަން ނުކުރާނެ ކަމަށް އަޒުމް ކަނޑައަޅާ އެގޮތުގައި ދުނިޔޭގައި ބާކީއޮތް ދުވަސްތައް ހޭދަ ކުރެވޭ އުޅޭ.