ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މީގެ ކުރިން މާލޭގައި ބޭއްވި މުޒާހަރާއެއް.-- ފޮޓޯ: މިހާރު
11 މެއި 2025 - 18:16
ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އެތަނުގެ މުވައްޒަފުން ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެކަން ހިނގާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.
ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލަ އެ އިދާރާއަށް ރިޕޯޓްކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯ އިން ފެންނަނީ ކްލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އޭނާގެ ކިބައިން ސަލާމަތްވާ އެ ކުއްޖާ އުޅޭތަން ވެސް ފެނެ އެވެ. އެކަން ހިނގިއިރު އެ ތަނުގައި އިތުރު މުވައްޒަފަކު ވެސް އުޅޭއިރު، އިތުރު ކުއްޖަކު އެތަނުގައި ހުރި މޭޒު ކައިރީގައި އިނެވެ.
އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy