13 މެއި 2025 - 06:47
އަންނަ ސީޒަނުގައި ވެސް މެންޗެސްޓާ ޔުނައިޓެޑްގައި މިހާރު ދާގޮތަށް ދާނަމަ އޭނާ އެ ޓީމުގައި ނުހުންނާނެ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑްގެ ކޯޗު ކަމާ ހަވާލުވި އަމޯރިމް އަށް ޕްރިމިއާ ލީގުގައި ރަނގަޅު މަސައްކަތެއް ނުކުރެވުނެވެ.
އަމޯރިމް ހަވާލުވެ ލީގުގައި އެ ޓީމު ކުޅުނު 25 މެޗުގެ ތެރެއިން 13 މެޗުން ބަލިވި އެވެ. މޮޅު ވެވުނީ ހަ މެޗުންނެވެ. ހޮނިހިރު ދުވަހު ވެސްޓްހޭމް ޔުނައިޓެޑް އަތުން ބަލިވި މެޗަކީ މި ސީޒަންގައި ލީގުގައި އެ ޓީމު ބަލިވި 17 ވަނަ މެޗެވެ.
އެ ޓީމު އޮތީ ލީގުގެ 16 ވަނައިގަ އެވެ. އެއީ 1972 ގައި އިނގިރޭސި ޓޮޕް ޑިވިޝަނުން އެ ޓީމު ރެލިގޭޓްވި ފަހުން، ޓޮޕް ލީގުގައި އެ ޓީމުން ނެރޭ އެންމެ ދަށް ނަތީޖާ އެވެ.
އަމޯރިމް ބުނީ ޓީމު ރެލިގޭޓް ނުވުން އެއީ ރަނގަޅެއް ކަމަށް ދެކި އެވަރަށް ފުއްދާލައިގެން ހުރުމަކީ ގޯހެއް ކަމަށެވެ.
"ލީގުގައި އަހަރެމެންގެ މަގާމު ބަދަލު ކުރެވޭކަށް އަހަރެމެންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އެހެންވީމަ [ރެލިގޭޓް ނުވެ] އެއޮތް މަގާމު ވެސް ރަނގަޅޭ. އެގޮތަށް ގަބޫލު ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް،" ސްޕޯޓިން ލިޒްބަންގައި ކުރިން ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.
އޭނާ ބުނީ ހޫނު މޫސުމުގެ ޓްރާންސްފާގައި ރަނގަޅު މަސައްކަތްތަކެއް ޔުނައިޓެޑުން ކުރަން ޖެހޭ ކަމަށެވެ. އަންނަ ސީޒަނަށް ރަނގަޅަށް ތައްޔާރުވެ ހިތްވަރާ އެކު ކުރިމަތިލާން ޖެހޭ ކަމަށް ޕޯޗުގަލްގެ ކޯޗު ބުންޏެވެ. އޭނާ ބުނީ އަންނަ ސީޒަނުގައި ވެސް މިހާރު އޮތް ހާލަތު ބަދަލު ނުވާނެނަމަ އެހެން ބަޔަކަށް މަގާމު އަދާކުރަށް ޖާގަ ދޭން ޖެހޭނެ ކަމަށެވެ.
"ހޫނު މޫސުމުގައި [ޓްރާންސްފާގައި] އަހަރެމެން އެބަޖެހޭ ވަރުގަދަކޮށް މަސައްކަތް ކުރަން. ހިތްވަރުގަދަ ވާން،" އަމޯރިމް ބުންޏެވެ.
"އަންނަ ސީޒަން މިގޮތަށް ދާކަށް. އަންނަ ސީޒަން ވެސް މިގޮތަށް ފަށަނަމަ. އަހަރެމެންގެ މަސައްކަތް ފުދޭކަމަށް އިހްސާސް ކުރެވެންޏާ އަހަރެމެން ޖެހޭނެ މި ޖާގަ އެހެންބަޔަކަށް ދޭން."
ލީގުގައި ދަށް ނަތީޖާއެއް ނެރުނަސް، ޔޫރޮޕާ ލީގުގައި ފައިނަލަށް ޔުނައިޓެޑް ދަތުރު ކުރި އެވެ. މި މަހު 21 ގައި ކުޅޭ ފައިނަލު މެޗުގައި ޔުނައިޓެޑުން ނުކުންނާނީ ޓޮޓްނަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy