18 މެއި 2025 - 17:07
މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދަށް ވުރެ އާމްދަނީ އިތުރުކޮށް، ބަޖެޓު ސާޕްލަސްގައި ހިފަހައްޓަމުން އައިސްފައިވާއިރު، ސަރުކާރުން ސަބްސިޑީ ދިނުމަށް ކުރާ ހޭދަ 21.2 ޕަސެންޓު ދަށްވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން، މި މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ސަބްސިޑީއަށް ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީ ދިނުމަށް ހޭދަކުރި 1.38 ބިލިއަން ރުފިޔާ އާ އަޅާ ބަލާއިރު، 21.2 ޕަސެންޓު މަދު އަދަދެކެވެ.
ސަބްސިޑީ އާއެކު ދައުލަތުގެ ޖުމްލަ ރިކަރަންޓު ހަރަދު ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ. މިދިޔަ އަހަރު 11.9 ބިލިއަން ރުފިޔާގައި ހުރި ރިކަރަންޓު ހަރަދުތައް، މި މަހުގެ 8 އާ ހަމައަށް ވަނީ 11.3 ބިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ.
ޖުމްލަ ރިކަރަންޓު ހަރަދު ދަށްވެފައިވިޔަސް، މުސާރަ އާއި ޕެންޝަނަށް ކުރި ހޭދަ މިދިޔަ އަހަރަށް ވުރެ ދަށްކުރެވިފައެއް ނުވެ އެވެ.
މިގޮތުން، މުސާރަ އާއި ޕެންޝަނަށް މިދިޔަ އަހަރު ހަރަދުކުރި 4.5 ބިލިއަން ރުފިޔާ، މި އަހަރުގެ އެ މުއްދަތުގައި ވަނީ 4.8 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
ނަމަވެސް، ކެޕިޓަލް ހަރަދުތައް ވެސް ވަރަށް ބޮޑަށް ދަށްވެފައިވާތީ، ދައުލަތުގެ ޖުމްލަ ހަރަދުން، މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ ސަލާމަތްކޮށްފަ އެވެ.
ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބަލާއިރު، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، 14.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދައުލަތުން ކޮށްފައިވާ ހަރަދު ދަށްވެ، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ސާޕްލަސް ވަނީ 1.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ބަޖެޓުގެ އޯވަރޯލް ބެލެންސްގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.
އެ ރިޕޯޓުގައިވާ ގޮތުން، މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 ޕަސެންޓު ވަނީ 8 މެއިގެ ނިޔަލަށް ދައުލަތަށް ލިބިފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 6.8 ޕަސެންޓު އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
20 May 2025
ރައްޔިތުން ބިކަވުން 42 ޕަސެންޓް މައްޗަށް.
އޮނަރަބްލް ކުރުސީ މުދިންބެ
18 May 2025
އާސަންދަ ސަބްސިޑީސް ވެސް ކުޑަވެއްޖެ . ސަބުސިޑީސް އިން އުނިކުރި 21 ޕަސެންޓު ހޭދަކުރީ އިތުރު ކުރި ސިޔާސީ މީހުންގެ މުސާރައާއި އެލަވަންސްތަކަށް .
އިކްލީލް
18 May 2025
މިގޮތުން، މުސާރަ އާއި ޕެންޝަނަށް މިދިޔަ އަހަރު ހަރަދުކުރި 4.5 ބިލިއަން ރުފިޔާ، މި އަހަރުގެ އެ މުއްދަތުގައި ވަނީ 4.8 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. ޤައުމިއްޔަތު މިނިސްޓްރީގަ ކިތައް ސިޔާސީ މުވައްޒަފުންނޭ؟ ބުޅާ މިނިސްޓްރީގަ ކިތައް ސިޔާސީ މުވައްޒަފުންނޭ؟
އެމްސް
18 May 2025
4 ލައްކަ ބިދޭސީންނަށް ކާޑުގެ ބާވަތްތަކާއި ތެލުންވެސް ބަރާބަރަށް ސަބްސިޑީޒް ލިބެއެވެ!