ޕާމާގެ ވަލޭރީ ކައިރިން ދެމި ގަންނަން ނަޕޯލީގެ ލުކާކޫ (ކ) މަސައްކަތްކުރަނީ: މި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެން. -- ފޮޓޯ: އޭއެއެފްޕީ
19 މެއި 2025 - 08:41
އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ރޭ ކުޅުނު މެޗާއި، ދެ ވަނައިގައި އޮތް އިންޓަ މިލާން ކުޅުނު މެޗު އެއްވަރުވެގެން ނިމުމާ އެކު، ލީގު ޗެމްޕިއަން ކަނޑައެޅުން، އަންނަ ހަފުތާގައި އޮންނަ ލީގުގެ ފަހު މެޗުތަކާ ހަމަޔަށް ފަސްވެއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި 79 ޕޮއިންޓާ އެކު އޮތް ނަޕޯލީ ރޭ އެއްވަރުވީ ޕާމާއާ 0-0 އިންނެވެ. ދެ ވަނައިގައި 78 ޕޮއިންޓާ އެކު އޮތް އިންޓަ އެއްވަރުވީ ލާޒިއޯއާ 2-2 އިންނެވެ.
މިހާރު ޕޮއިންޓް ޓޭބަލް އޮތް ގޮތަށް ބަލާއިރު، އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ކަލިއާރީއާ ދެކޮޅަށް ކުޅޭ މެޗުން ނަޕޯލީ މޮޅުވެއްޖެ ނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އިންޓަ އަށް ލީގު ލިބޭނީ ނަޕޯލީ އެ މެޗުން މޮޅުނުވެ، އަދި އިންޓަ ކުޅޭ މެޗުން ކޯމޯ އަތުން މޮޅުވެގެންނެވެ. ދެ ޓީމު ކުޅޭ މެޗުތައް އެއްވަރުވެއްޖެ ނަމަ ލީގު ލިބޭނީ ނަޕޯލީ އަށެވެ. ނަޕޯލީ ބަލިވެ، އިންޓަ އެއްވަރުވެއްޖެ ނަމަ ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެ، އެ ހާލަތުގައި ލީގު ޗެމްޕިއަން ކަނޑައަޅާނީ، ދެ ޓީމުގެ މެޗުގައި ކުޅޭ މެޗަކުންނެވެ.
ރޭ އަމިއްލަ ދަނޑުގައި އިންޓަ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ޔާން ބިސެކްގެ ގޯލުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލީޑު ނަގައިފަ އެވެ. އޭގެ ފަހުން 72 ވަނަ މިނެޓުގައި ޕެޑްރޯގެ ގޯލުން ލާޒިއޯ އެއްވަރުކުރި އެވެ. މެޗު ނިމެން 10 މިނެޓަކަށް ވެފައިވަނިކޮށް ޑެންޒެލް ޑުމްފްރިސް އިންޓަ އަށް އަލުން ލީޑު ނަގައިދިނެވެ. ލާޒިއޯ އިން އެއްވަރުވީ 90 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޕެޑްރޯ ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ ތެރޭ އިންޓަގެ މާކޯ އަރްނަޓޮވިޗަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އަދި އޭގެ ފަހުން އޭނާ ޖެހި ގޯލެއް އޮފްސައިޑް ވެސް ވި އެވެ.
އަދިވެސް އަމިއްލަ ބާރު އޮތް ނަމަވެސް ނަޕޯލީ އަށް ރޭ މޮޅުނުވެވުމަކީ، އެ ޓީމަށް ކުރިމަތިވި މާޔޫސްކަމެކެވެ. އެންމެ ފަހުން ޖެނޯއާއާ ދެކޮޅަށް ކުޅުނު މެޗު ވެސް 2-2 އިން އެއްވަރުވީ އެވެ. މި ދެ މެޗުން ފުލް ޕޮއިންޓް ހޯދުނު ނަމަ އެ ޓީމަށް މިހާރު އޮތީހީ ލީގު ކަށަވަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޓުބޯލްއެމްވީ
19 May 2025
އިޓަލީ ލީގު އަނެއްކާވެސް އެބަ ރަނގަޅުވޭ.. 1990އާއި 2000ގެ ކުރީ ކޮޅު އޮތް ލެވަލްއަށް ދާން މާގިނަ ދުވަހެއް ނުނަގާނެ މިހާރު މިދާގޮތަށް ދަންޏާ.. މިހާރު އަނެއްކާވެސް އެއްބަޔަކަށް ޖެހިޖެހިގެން 2 ފަހަރު ލީގު ނެގުން ދަތިވެ. ޔޫރަޕުގެ މުބާރާތްތަކުގަ ކުޅޭ އިޓަލީ ޓީމިތަކުގެ ހިލަކަން ފެންނަން ފަށައިފި.