ރާއްޖެ އިން މިދިޔަ އަހަރު ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕްގެ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި ހަރަކާތްތެރިވަނީ--- ފޮޓޯ: ނިޝާން އަލީ | މިހާރު
23 މެއި 2025 - 14:07
ރާއްޖެއިން މި އަހަރު ހައްޖަށްދާ މީހުންނަށް ހާއްސަ ކްލިނިކެއް ސައުދީގެ ހޮސްޕިޓަލަކާ ގުޅިގެން ހުޅުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިއީ، ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް މައްކާގައި ހުޅުވި ފުރަތަމަ ކްލިނިކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖުވެރިންނަށް ހާއްސާ ކްލިނިކެއް ހަދަން ސައުދީގެ ސަރުކާރުން ދިވެހި ހައްޖުމިޝަނަށް ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށެވެ.
ދިވެހި ހާޖީންނަަށް ރަސްމީކޮށް ކްލިނިކް ގާއިމު ކުރެވިގެންދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމުކޮށްފައި. ބޭސްފަރުވާ އާއި ހޮސްޕިޓަލް ބެޑް ވެސް ކްލިނިކުގައި ހުންނާނީ ގާއިމުވެފައި. މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރު،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމަނަން ނިންމައިފައިވާ ކަން ސަރުކާރުން އިއުލާން ކުރީ މި މަހު އެވެ.
ހައްޖު ވެރިންނަށް މައްކާ ރޫޓް އިނީޝިޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާ އެކު ހަމަޖެހިގެންދާނެ ހިދުމަތްތަކަކީ:
1. ހައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ހައްޖު ވިސާ ލިބޭނެގޮތް މަގުފަހިވެ، ހައްޖުވެރިންގެ ސިއްހީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އެއާޕޯޓުގައި، ހައްޖުވެރިން ފުރަންދާ ޓާމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ހައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓާ ކުރެވި، ބޯޑިން ޕާސް ވަގުތުން ލިބޭނެ ގޮތް މަގުފަހިވުން.
ރާއްޖެ އިން މިދިޔަ އަހަރު ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕްގެ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޓާމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސައުދީއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ނިންމައި، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ގާއިމުވުން.
4. ސައުދީ އެއާޕޯޓުގައި ހައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލަށް އައުމާއެކު، ހައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. ހައްޖުވެރިންގެ ފޮށިތައް އެއާޕޯޓުން ލިބެންދެން އެރައިވަލް ޓާމިނަލްގައި ހައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ހައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy