ކުރީގެ ޕީޖީ ޝަމީމް: އޭނާއަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
24 މެއި 2025 - 13:03
ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 14 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށާއި ހޯމަ ދުވަހުގެ ކުރިން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ބައެއް މާއްދާތަކުގެ ދަށުން ނަމަ 30 ދުވަސް ތެރޭ ދައުވާކުރަން ޖެހެ އެވެ. އަދި އިސްތިއުނާފަށް ވެސް މި ބާވަތުގެ މައްސަލަތަކުގައި ލިބޭނީ 30 ދުވަހެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ ގެ ކައިރިންނެެވެ. އެ މަންޒަރު ހުރީ ސީސީޓީވީ ކެމެރާއަށް ވެސް އަރައިފަ އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ ކުރި ހަތް މީހުންނަކީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމް އެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ. އެ ހުރި ތަފާތަކީ އެކި އިމާރާތްތަކުގެ ސީސީޓީވީ ކެމެރާގެ ގަޑި ހަމަކޮށްފައި ހުރި ގޮތުން އައިސްފައި ހުރި ފަރަގު ކަމަށްވެ އެވެ.
ނަމަވެސް ހުކުމްގައިވާ ގޮތުން އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހެ އެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވިދާޅުވި އެވެ.
ޝަރީއަތުގެ މަރުހަލާގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރި ސަބަބާ މެދު ސުވާލުކޮށްފައި ނެތް ނަމަވެސް ހުކުމްގައި ގާޒީ ލިޔުއްވާފައިވާ ގޮތުގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުން އެންމެ މުހިންމު ހެއްކާ މެދު ޝައްކެއް އުފެދި، ދެވޭ ބުރަދަން ދަށްވެ އެވެ.
އެ ވީޑިއޯގައިވާ ފުށުއެރުމުގެ ނަތީޖާއަކީ ކުށުގެ އަމަލު ހިންގީ ދައުވާ ލިބޭ ފަރާތްތައް ކަމާ މެދު އެކަށީގެންވާ ޝައްކެއް އުފެދުން ކަމަށް ހުކުމްގައިވެ އެވެ.
އެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ފާހަގަވުމުން އެކަމަށް ދައުލަތުން އެޑްރެސް ނުކުރުމަކީ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށާއި އެކަން ސާފުވާ މިންވަރަށް ޝަރީއަތަށް ހެކި ހުށަހެޅުނު ނަމަ، މައްސަލައިގެ ނިންމުން ތަފާތުވާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
25 May 2025
މިއީ ބަޔަކު ވިސްނާފަ ނިންމަންޖަހޭ ނިންމުމުެއްތޯ؟؟؟؟ ދައުލަތުގެ ޕްރޮސިކިއުޓަރަށް ހަމަލާ ދިގެން މައްސަލަ ދަށު ކޯޓުން ސާބިތު ނިވިއަސް މިއީ އޮޓޮމެޓިކުން އިސްތިއުނާފްު ކުރަންޖަހޭ ކަހަލަ ކަމެއް. މީގެންވެސް މިއެންގޭނީ ދައުލަތުގެ ކަންކަން އޮތް ހިސާބު.
މުހައްމަދު މަފާޒް
25 May 2025
ބަޔަކު ރައީސް މުއިއްޒްގެ ބޮލުގައި ގޭންގްތައް އަޅުވަން އުޅުނަސް އެކަން ނޭޅުވެނީ މިހެންވެ. އެމީހުންނަށް ދޭން ޖެހޭ އަދަބު ދޭތީ. އެކަންކަން ދޫނުކޮށް ބަލާތީ.
ޒީނަތް އައްބާސް
25 May 2025
ގޭންގްތަކުގެ ކަންކަން މިދަނީ ރަނގަޅަށް ބަލަހައްޓަމުން. ބޭނުން ހާ އެއްޗެއް ނެހެދޭތަން މިފެންނަނީ.
ޝަހުމް އާދަމް
25 May 2025
ބަޔަކު ބުނި ޝަމީމަަށް އިންސާފް ވެސް މިސަރުކާރު އައިފަހުން ނުލިބޭނެޔޭ. އެކަމަކު މިކަންކަން މިދަނީ ރަނގަޅަށް ނޫންތޯ؟
އަމީން ފައިސަލް.
25 May 2025
ވަރަށް އުފާވެރި ހަބަރެއް. ކަންކަން މިދަނީ ރަނގަޅަށް ކަމުގެ އިހްސާސް އެބަވޭ.
މުސްނިދު
25 May 2025
މިސަރުކާރު އައިފަހުން އިންސާފް ހޯދަން ކުރާ މަސައްކަތް ހަގީގަތުގައި މިދަނީ ވަރަށް ބޮޑަށް އިތުރުވެގެން.
އިސްމާލި
25 May 2025
ސޯ، މި ބުނާ ގޮތުން ސީސީޓީވީ ފުޓޭޖުން އެ ކަން ކުރި މީހާ ރޮލަށް ފެންނަން ހުރެމެ، އެމީހާ އެކަން ކުރަނިކޮށް އެކި ސީސީޓީވީ ކެމެރާތަކައް އަރާފައި ހުރެމެ ވެސް، އެ ކެމެރާގެ ގަޑި ހަމަ ނުވެ އިނީމައި އެމީހުން ސަލާމަތް ވީ އޭތަ އެ ބުނީ. މަ އަޑުއަހާ ގޮތުގައި ކޯޓުތަކުގައި އެކި ބާވަތުގެ މައްސަލައަށް އެކި އަގު ކެޓެގަރީތައް ހުރޭ.
ގަބުޅި ބައުދަލާ
25 May 2025
ނޫސްވެރިން ނެތްނަމަ ހިންދާލަންކަމަށްކަންވެސް ނޭނގެ ދޯ ނިޔަތުގައި އޮތީ؟ ހައުދަހައިވާ ނުބައިވެގެންވާ ކަންކަމޭ އެހެންކަމުގައި ވަނީ ނަމަ މި ހުންނަނީ.
މެހެރުބާނު
25 May 2025
މިހާ ދުވަސް ނަގަންޖެހޭކަމަކަށް ނުދެކެން ފުލުހުންގެ އެންމެ ފެންވަރު ރަނގަޅު ތަހުގީގެއް ކޮށްފަ އޮތް މައްސަލަޔެއްގައި. ޙިކުމަތްތެރިކަން މިންވަރުކުރައްވާފައިވާ ބަޔަކު މި މައްސަލަ މަތީ ކޯޓަކުން ބެލުން އުންމީދަކީ.
މެސީ1
25 May 2025
ފާޅުގަ ކުރާ ޖަރީމާތައް ކޯޓުތަކުން ސާބިތު ނުވާކަމައް ނިންމާ ނިންމުމަކީ ވަރައް ނުރައްކާތެރި ސިގްނަލްއެއް