ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ކުރި މީހުން: އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައި
22 އެޕްރީލް 2025 - 11:38
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮހެވެ. އޭނާއަށް އެ ހަމަލާދޭ މަންޒަރު ސީސީޓީވީ ފުޓޭޖަށް ވެސް އަރާފައި ހުއްޓެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު މައްސަލައިގައި ޝަރީއަތް ފެށިއިރު، ޝަމީމް ވެސް ހެކިބަސް ދެއްވާފައިވެ އެވެ.
ހުކުމްކޮށްފައި ވަނީ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށެވެ. އެގޮތަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ.
ހުކުމްގައި ބުނީ، އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހޭ ކަމަށެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް ގާޒީ އިބްރާހިމް އިހްސާން ކުރެއްވި ހުކުމުގައިވެ އެވެ.
ޝަރީއަތުގެ މަރުހަލާގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރި ސަބަބާ މެދު ސުވާލުކޮށްފައި ނެތް ނަމަވެސް ހުކުމްގައި ގާޒީ ލިޔުއްވާފައިވާ ގޮތުގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުން އެންމެ މުހިންމު ހެއްކާ މެދު ޝައްކެއް އުފެދި، ދެވޭ ބުރަދަން ދަށްވެ އެވެ.
● ވީޑިއޯގެ ޓައިމްލައިން ދިމާކުރުމުގައި ފާޅުކަން ބޮޑު ފަރަގެއް ހުރިކަން އެނގިފައިވާއިރު އެކަމަށް ސަމާލުކަން ނުދީ އެކަން ހިނގި ސަބަބު ޝަރީއަތަށް ސާފުކޮށްދީފައިނުވާ ކަމަށް
● ހެއްކަށް ބާރުލިބޭ އިތުރު ހެކި ނެތި ހަމައެކަނި އެ ހެކީގެ މައްޗަށް ބިނާކޮށް މި ފަރަގު އޮވެ ދައުވާ ސާބިތުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް
● ވީޑިއޯގައިވާ ފުށުއެރުމުގެ ނަތީޖާއަކީ ކުށުގެ އަމަލު ހިންގީ ދައުވާ ލިބޭ ފަރާތްތައް ކަމާ މެދު އެކަށީގެންވާ ޝައްކެއް އުފެދުން ކަމަށް
ހުކުމްގައި ބުނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުރި މީހަކަށް ހަމަލާދީ އޭނާ މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ފާހަގަވުމުން އެކަމަށް ދައުލަތުން އެޑްރެސް ނުކުރުމަކީ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށެވެ.
"މިކަން ކުރިން އެނގި މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްކަން ޝަރީއަތަށް ސާފުވާ މިންވަރަށް ހެކި ހުށަހެޅުނު ނަމަ، މި މައްސަލައިގެ ނިންމުން ތަފާތުވީހެވެ." ހުކުމްގައިވެ އެވެ.
ދައުވާ އުފުލި މީހުންގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި މައިސާންގެ މައްޗަށް ދައުވާކުރީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެ އެވެ.
ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށް ފަހު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާސަ
23 April 2025
މައްސަލާގެ ލިޔެކިޔުންތަކަށް ކޮފީ އެޅުމަށްވުރެ ތި އައިޑިޔާ ރަނގަޅު ކަމަށް ބެލެވޭ. ދެންފަހަރު ބުނާތި ދައުވާ ލިބޭމީންގެ އެކިފަހަރު ނެގުނު ބަރުދަން ތަފާތުވީމަ، އެކަން ސާފުކޮށް ނުދީއޮތީމަ ސާބިތު ނުވާކަމަށް.
އަހުމަދުބޭ
23 April 2025
މިފަދަ ތާކުން ތާކު ނުޖެހޭ ހުކުމް ތަކުގެ ސަބަބުން މުޅިގައުމު މިހަލާކްތެރެއަށް ގެބިގެން މިދަނީ؟ ހުރިހައި ކެމެރާތަކަކީ ގަޑި އަށް ސެޓް ކޮއްފައިވާ ކެމެރާތަކެއްނޫން، ބައެއްފަހަރު ކަޑީގެ ތަފާތުހުރޭ، އޭގެ މާނައަކީ ކުއްވެރިން ދޫކުރަންޖެހޭ ސަބަބެއްނޫން، ކިހިނެތް މިވަރުން ކަންކަން ރަނގަޅުކުރާނީ
ފަރަންޖީ
23 April 2025
ތީ ދެންމާކުރިން އިނގޭ ނިންމުމެއް ދޯ؟ ހުރިހާ ކެމެރާތަކަކީ ލޯކަލް ގަޑިއާއި ސިންކު ކޮށްފަ ހުންނަ ކެމެރާތަކެއްނޫން. އަހަރެމެން ގޭގައި ހުރި ކެމެރާގައި އެބައުޅޭ 3 ގަޑިއިރުގެ ތަފާތު. އެހެންވިޔަސް ކެމެރާއިން ސާފުކޮށް އޭނައަށް ހަމަލާދޭތަން ފެންނަންޏާ ބުއްދިސަލާމަތުން ހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެ އެއީ ގޯހެއްކަން. އެމީހަކަށް އިންސާފު ލިބެންޖެހޭނެކަން.
ޟމމމ
22 April 2025
ދިވެހި ގައުމާ ދައުލަތް އޮޔާ ދަނީތަ! ހުރި ހިތާމައެއްގެ ބޮޑުކަމާ.
ޑީޕް ސުޓޭޓް
22 April 2025
ގުޅިގެން ހިންގާ ޖަރީމާ
އެންމެން ހެޕީ
22 April 2025
އެނިމުނީނު އެކަން .......ދެން މާލެ ތެރެއަށް ދޫކޮއްލާ.....އަހަރުމެން ތިބެން ޖެހެނީ ގޭބަންދުގަ.
މާކޮސް
22 April 2025
ދިވެހިންގެ ރާއްޖެ ދިވެހިންނާއެކު ދިވެހިންގެ ގޮތުގައި ކުރިޔަށް
ހަލިލް
22 April 2025
ކޮރަޕްޓްއީ ވަކިވަރަކައްނުން ދޯ. ސުވާލު ކުރެވޭނެ ދުވަހެއް ގައިމުވެސް އަންނާނެކަން ހަނދާން ކޮށްދެމެވެ.
ދރާސާ
22 April 2025
ފުޓޭޖު ރިކޯޑު ކުރެވޭ ޑީ.ވީ.އާރު އަކީ އެއްވެސް ސަބަބަކާއި ހެދި ޕަވަރ ގޮސްގެން އަލުން ގުޅާ ކޮންމެ ފަހަރަކު ޓައިމް ޑިފަރެންސް ދައްކާ އެއްޗެއް.މިފަދަ ކަންކަން އޮޅުން ނުފިލާ ތިބެ އަދުލު އިންސާފޭ ކިޔައި ފަނޑިޔާރު ކަމުގެ ގޮނޑިޔަށް އަރާތީ ދެރައީ.ފުޓޭޖެއްގެ ގަޑި ދިމާ ނުވެގެން ނަމުގެ ފިއްޔެއް މަދުވެގެން ނުރައްކާތެރި ކުއްވެރިން ދޫ ވަންޏާ އަދުލު އިންސާފޭ ކިޔާނެ ކަމެއް ނެތް. ރައްޔިތުން ނުކުމެ ވަގު ބޮލަށް ކުލަ ޓައްޕު އަޅަނީ މިކަހަލަ ހުކުމް ކޯޓްތަކުން ނެރޭތީ.
ޢަލީ ކުރުސީ
22 April 2025
އަދިވެސް ޓެންކަރާ މިސައިލް ގެނެވޭތޯ ބަލާ! ޢާންމުން މިއުޅެނީ ގޭންގުތަކާއި ކުއްވެރިންގެ ކިބައިން ސަލާމަތް ނުވެގެން. މިނިވަންކަމާއި އިސްތިޤްލާލަކީ ހަމައެކަނި ޕޯޖްގީޒުން އަރައިގެން ގެއްލޭ އެއްޗެއް ނޫން! ޢަންމު ރައްޔިތުންނަށް ނެތް މިނިވަން ކަމެއްވެސް ރައްކާތެރިކަމެއްވެސް!