ސްރީ ލަންކާއަށް ކަނޑުމަގުން އެތެރެކުރަން އުޅެނިކޮށް މީގެ ކުރިން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި.
24 މެއި 2025 - 16:36
ބާރުގަދަ ސިންތެޓިކް ކެނަބިސް ސްރީ ލަންކާއަށް އެތެރެކުރަން އުޅެނިކޮށް މި މަހު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މީހުންގެ އަތުން ފެނުނު ތަކެތީގެ ބަރުދަން 60 ކިލޯއަށް ވުރެ ބަރު ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކްތަކުން ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ ސްރީ ލަންކާއިން ސިންތެޓިކް ކެނަބިސްއާ އެކު މި މަހު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތުގެ މީހަކާއި އިންޑިއާ މީހަކާއި ތައިލެންޑު މީހެކެވެ. ކުށް ސާބިތުވެއްޖެ ނަމަ މި މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އަންނާނެ އެވެ.
ލަންކާގެ ކަސްޓަމްސް އިން ބުނި ގޮތުގައި އިނގިރޭސި ވިލާތުގެ މީހާ އަކީ 21 އަހަރުގެ އަންހެނެކެވެ. މި މަހުގެ 12 ވަނަ ދުވަހު އޭނާ އެއާޕޯޓުން ހައްޔަރުކުރީ ދެ ސޫޓްކޭހެއްގައި 46 ކިލޯގެ ސިންތެޓިކް ކެނަބިސް ފޮރުވައިގެން ލަންކާއަށް އެތެރެވާން އުޅެނިކޮށެވެ.
"މިއީ ފަހުގެ ތާރީހެއްގައި ކޮލަމްބޯގެ އެއާޕޯޓުން އެކެއްގެ އަތުން އަތުލައިގަނެވުނު އެންމެ ގިނަ މަސްތުވާތަކެތި ކަމަށް ވެދާނެ،" ކަސްޓަމްސްގެ އެޑީޝަނަލް ޑިރެކްޓަ ޖެނެރަލް ސީވަލީ އަރުކްގޮޑާ ވިދާޅުވި އެވެ.
އިނގިރޭސި މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަންހެން މީހާ އަކީ ކުރީގެ ފްލައިޓް އެޓެންޑެންޓެއް ކަމަށްވާ ޗާލޮޓް މޭ ލީ އެވެ. ތައިލެންޑުން ސްރީ ލަންކާއަށް ދިޔަ ވަގުތު ހައްޔަރުކުރި މި މީހާ މިހާރު ހުރީ ކޮލަމްބޯ އެއާޕޯޓް ކައިރީ ހުންނަ ޖަލެއްގައި ހައްޔަރުކޮށްފަ އެވެ.
ބީބީސީން ބުނެފައިވާ ގޮތުގައި މި މީހާ ވަނީ ފޮށީގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި އެ ތަކެއްޗަކީ ތައިލެންޑުގެ ބެންކޮކްގައި އޭނާ ހުރި ހޮޓަލުގައި ފޮށި ބަހައްޓާފައި ހުއްޓާ ބަޔަކު ޕްލާންޓްކުރި އެއްޗެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މަސްތުވާތަކެއްޗާ އެކު އިންޑިއާ މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ކަންކެސަންތުރާއީ ސީ ޕޯޓުންނެވެ. އުމުރުން 33 އަހަރުގެ އެ މީހާ އަތުން ހަތަރު ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.
ތައިލެންޑު މީހާ އަކީ މި މަހުގެ 18 ވަނަ ދުވަހު އެއާޕޯޓުން ހައްޔަރުކުރި 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުން ގާތްގަނޑަކަށް 8 ކިލޯގެ ސިންތެޓިކް ކެނަބިސް ފެނުނު ކަމަށް ވެސް އިދާރާތަކުން ބުންޏެވެ.
މީގެ ކުރިން ވެސް އެކި އޮޕަރޭޝަންތަކުގައި ލަންކާއިން ގިނަ އަދަދެއްގެ ހެރޮއިން ލަންކާގެ އެކި ތަންތަނުން ހޯދާފައިވެ އެވެ.
ސްރީ ލަންކާއަށް 111 ކިލޯއަށް ވުރެ ގިނަ ހެރޮއިން އެތެރެކުރި ކަމަށް އިއުތިރާފުވި އީރާނުގެ 10 ފިރިހެނަކު އުމުރަށް ޖަލަށް ލުމަށް ލަންކާގެ ކޯޓަކުން މިދިޔަ އޮކްޓޫބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ. މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އީރާނުގެ މަސްބޯޓެއްގައި މަސްތުވާތަކެތި ހިފައިގެން ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހައްޔަރުކުރި 17 މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ.
މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 2023 ވަނަ އަހަރު އީރާނުގެ ނުވަ މީހަކު އުމުރަށް ޖަލަށްލުމަށް ލަންކާގައި ހުކުމްކޮށްފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސާމް007
24 May 2025
މީ އިސްތިހާރަކާ ވައްތަރީ
ހުސެންބެ656
24 May 2025
އާން....އަހަރުމެންނައް ކޮންކަމެއް