މައްކާ ރޫޓް އިނީޝިއޭޓިވްގެ ފުރުސަތު ރާއްޖެ އަށް ދިނީ އެއްވެސް އެއްބަސްވުމެއް ނެތި ހާއްސަ އިސްކަމެއް ދީގެން ކަމަށް ޝަހީމް ވިދާޅުވި.
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ސައުދީގެ އިސް ބޭފުޅުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
26 މެއި 2025 - 14:58
ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް އަލަށް ތައާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީގެ ފޮރިން މިނިސްޓްރީގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވަނީ ސައުދީ އަރަބިއްޔާގެ ބައެއް މިނިސްޓްރީތަކުގެ މަތީ ފެންވަރުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ސައުދީގެ އިސް ބޭފުޅުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓުގައި ބައިވެރިވެވޭނީ ވަރަށް ގިނަ ޝަރުތުތަކެއް ފުރިހަމަ ވުމުން ކަމަށެވެ.
ސައޫދީން އެ ފުރުސަތު ދެނީ އެ ގައުމަކުން އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ނަމަ ކަމަށާއި ނަމަވެސް ރާއްޖެ އަށް އެ އަދަދާ ހަމައަށް ދެވޭނެ ދުވަހެއް ނޭނގުނަސް އެ ފުރުސަތު ލިބިފައި ވަނީ އެއްވެސް އެއްބަސްވުމެއް ނެތި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
"އެހެން ގައުމުތަކާ ކުރެވޭ މުއާމަލާތްތައް އިސްތިސްނާކޮށް، އެއްވެސް އެގްރިމެންޓެއް ނެތި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށާއި ދިވެހި ރައްޔިތުންނަށް ދެއްވާ ހާއްސަ ހަދިޔާއްގެ ގޮތުގައި،" ޝަހީމް ވިދާޅުވި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައްޖާޖީއަކަށް ޕާސްޕޯޓު ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް އިފްތިތާހު ކޮށްދެއްވުމަށް ފަހު ހަތަރު ހައްޖުވެރިއަކަށް އެ ރަސްމިއްޔާތުގައި ވަނީ ޕާސްޕޯޓު ހަވާލުކޮށްދެއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މައްކާ ރޫޓް އިފްތިތާހު ކުރުމުން ހައްޖުވެރިން ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި، ޕާސްޕޯޓްގައި ސްޓޭމްޕް ޖެހުމާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދާއިރު ލަގެޖު ވެސް ލިބޭނީ ހޮޓަލަށެވެ.
ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ރަސްމީކޮށް އިސްތިގުބާލު ކުރާނެކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، މިއީ އެ އެއާޕޯޓުގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީހީ ފަސޭހަ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy