ވިކްޓަރީގެ ކެޕްޓަން ރިލޭ (ވ) އަތުން ބޯޅަ ހޯދަން އީގަލްސްގެ ސެޑިކް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
19 މާޗް 2017 - 11:26
ގައުމީ ފުޓްބޯޅަ ޓީމު މި އަހަރު ކުޅޭ ފުރަތަމަ މެޗަށް ކޯޗު ޑަރެން ސްޓެވާޓް އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑުން ވަނީ ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެކަމަކު ފަލަސްތީނާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން ފާހަގަކޮށްލެވޭ ބައެއް ނަންތަކެއް ވަނީ އުނިވެފަ އެވެ. މިދިޔަ އަހަރާއި މި އަހަރު ތަފާތު ދެއްކި ބައެއް ކުޅުންތެރިންނަށް، ތަފާތު ސަބަބުތަކާ ހުރެ ފުރުސަތެއް ނުލިބެ އެވެ.
އެފަދަ ބައެއް ކުޅުންތެރިންގެ ތެރޭގައި ނިއު ރޭޑިއަންޓުގެ އަކްރަމް އަބްދުލްގަނީ އާއި އަހުމަދު ނުހާދު (ގުއްޕެ) އާއި ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) އާއި ރިލްވާން ވަހީދު (ރިލޭ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ނާފިއު (ކަޅޭ) ހިމެނެ އެވެ.
މީގެ ތެރެއިން އަކްރަމަކީ ފާއިތުވި އަށެއްކަ އަހަރު ގައުމީ ޓީމުގައި ގަވާއިދުން ހިމެނި ގިނަ މުބާރާތްތަކެއް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔެކެވެ. ޑިފެންސް ލައިނާއި މެދުތެރޭގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިޔެކެވެ. މިދިޔަ އަހަރު ފޯމް ގެއްލި ގައުމީ ޓީމުން ޖާގަ ގެއްލުނަސް މި ސީޒަނުގައި ނިއުގައި އޭނާ ވަނީ ފުރަތަމަ ދެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ވިކްޓަރީގެ ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދަން ނިއުގެ ގުއްޕެ (ވ) މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މަހިބަދޫން ފާހަގަވި ގުއްޕެ އަކީ މިދިޔަ އަހަރުން ފެށިގެން ނިއުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިޔެކެވެ. އަރިމަތިން ޑިފެންސަށް ކުޅޭ ގުއްޕެ އަކީ މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޒުވާން އެއް ކުޅުންތެރިޔާ އެވެ. އޭނާ ފާހަގަކުރެވެނީ އިތުބާރާ އެކު ކުޅޭ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެކަމަކު 29 ކުޅުންތެރިންގެ ސްކޮޑުން އޭނާ އަށް ފުުރުސަތެއް ނެތެވެ.
ސަޑޭ ވަނީ މިދިޔަ ސީޒަނުގައި ވެލެންސިއާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ވެލެންސިއާ އިން އެފްއޭ ކަޕް ކާމިޔާބުކުރުމުގައި އޭނާގެ ދައުރު ބޮޑެވެ. އޭނާ އަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ސަރަހައްދީ ގިނަ މުބާރާތްތަކެއް ކުޅެ ތަޖުރިބާ ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިޔެކެވެ.
ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން 2012 ވަނަ އަހަރުގެ މަހިންދަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރިއިރު ކެޕްޓަންކަން ކުރި ރިލޭގެ ފޯމް ދޭތެރެއަކުން ދަށްވި ނަމަވެސް އޭނާ އަކީ ފުލް ބެކަށް ކުޅެން އަދިވެސް ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. މި އަހަރު ވިކްޓަރީގައި މިހާތަނަށް އޭނާ އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހު ގައުމީ ޓީމުގެ ޑިފެންސް ލައިނުގައި ގިނަ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް ރިލޭ އަށް ފުރުސަތެއް ނުލިބުނެވެ.
ރާއްޖޭން 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ އަދި 23 އަހަރުން ދަށުގެ ޓީމުން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބްރޮންޒް މެޑަލް ހޯދިއިރު ޓީމުގައި ހިމެނުނު ނާފިއު ދުވަސްކޮޅަކު ގެއްލުމަށް ފަހު ޓީސީ ސްޕޯޓްސް ކްލަބާ ގުޅި އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅޭ މި ކުޅުންތެރިޔާ ވަނީ، ޓީސީން ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކުރިއިރު ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕުގެ މެޗެއްގައި ޒިޔަން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގޯލްކީޕަރުންނަށް ބަލާއިރު ނިއުގެ ރިޒާވް ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އަކީ މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕުގައި ބ. އޭދަފުށީ ޓީމުގައި ފުލްކޮށް ކުޅެ މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. އަދި މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެ ތަޖުރިބާ ވެސް އެބަހުއްޓެވެ. މިވަގުތު ރާއްޖޭގައި ތިބި ކީޕަރުންނަށް ބަލާއިރު މިދިޔަ އަހަރު އެންމެ ގިނަ މެޗު ކުޅުމު އެއް ކީޕަރަށް އޭނާ ވާނެ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިމަތީގައި މިއޮތީ އޭޝިއަން ކަޕަށް ކޮލިފައިވާން ރާއްޖެ އަށް ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތެވެ. ވާދަކުރަން ޖެހެނީ ފަލަސްތީނާއި އޮމާނާއި ބޫޓާނާ އެވެ. މި ޓީމުތަކާ ދެކޮޅަށް މީގެ ކުރިން ކުޅެ ތަޖުރިބާ ހޯދާފައިވާ އަދި މިވަގުތު ވެސް ރަނގަޅު ފޯމުގައި ތިބި ކުޅުންތެރިންނަށް ކޯޗު ފުރުސަތު ދިނުން މުހިއްމެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭ ހިމެނެން ކޮންމެ މެޗެއް ވެސް އެހާމެ މުހިއްމު އިރު، ރަނގަޅު ފުރަތަމަ އެގާރައެއްގެ އިތުރުން، ވަރުގަދަ ބެންޗެއް ވެސް އޮންނަން ޖެހެ އެވެ. މިފަދަ މެޗުތަކާ ކުރިމަތިލާއިރު ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ނުހަނު ބޮޑުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާންތެރިޔާ
21 March 2017
ތިޔަ ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލަން ހަދައިގެން މިޤައުމުގެ ފުޓުބޯޅަވާނީ ހަލާކު. އެއްފަހަރަކުން ބޮންތިއަކަށް ނޭރޭނެ. ޒުވާން ކުޅުންތެރިންނަށް ބޭރު ޤައުމުތަކާ އެކު ކުޅެން ގިނަ ފުރުސަތު ދީގެން މިކަން ކުރިއަރާނީ. އަކްރަމްގެ ތަޖުރިބާ ހުއްޓަސް މިހާރަކު ކުޅުމެއްނެތް އޭނަޔާ އެއް މަޤާމަށް ދެން ކުޅެންހުރި ކުޅުންތެރިޔާއާއި ބަލާއިރު. ފުޓުބޯޅައިގަ ރިސްކްވެސް ނަގަންޖެހޭނެ. ސަބަބަކީ ކުއްލިއަކަށްވެސް އެއްކަލަ ތަޖުރިބާ މަދު ޒުވާން ކުޅުންތެރިޔާގެ ބޭނުން ހިފަންޖެހިދާނެތީ. ދަގަނޑޭވެސް ރިޓަޔަރ ކުރަން ބޭނުންވޭ. އޭނައަށް އަހަރުމެން އެންމެން ރެސްޕެކްޓް ކުރަންޖެހޭ. ޤައުމީ ޓީމަށް މާތް ﷲ ކާމިޔާބީ މިންވަރު ކުރައްވާށި.
ހާލު
21 March 2017
ޒުވާން ކުޅުންތެރިންއަށް ފުރުސަތު ދިނުން ރަނގަޅު. ދެރައީ މެޗު ކުޅެން ކުޑަ ދުވަސްކޮޅަކަށް ވީމަ ޕްރެކްޓިސް ފެށުން. އެފް އޭ އިން މިކަން ރަނގަޅު ނުކުރަނީ ކީއްވެބާ؟
ދިރާސާ
20 March 2017
އަދިވެސް ދަގޭ އިމްޜާން މެން ނުލާ ކާމިޔާބު ނުހޯދޭނެ ގެރެންޓީ..
ޞޮދެ
19 March 2017
މުއްކި ކޮބާ
ރިލޭ
19 March 2017
ރިލޭ ނެގުމަކީ އޭރުވެސް ގޯހެއް، ހުނަރު ހުއްޓަސް އޭގެ ބޭނުން ހިފަން ނޭނގުނު މީހެެއް އެއީ
އައްޕި
19 March 2017
އަދި ފުރުސަތު ލިބޭނެ ހިތްވަރު ދެރަކޮށްނުލާ! ކުރިއަށް ވަރަށް ގިނަ މެޗުތައް އެބަހުރި.
ޖަމާލު
19 March 2017
ހޮކޭ އަކީ އޭރުވެސް މިހާރުވެސް ރާއްޖޭގަ ހުރި އެއްމެމޮޅު ވާތު ބެކު. އެކަމް އެސޮރަށް ވެސް ވަނީ އަލީ ބާރުލިބުނު ދުވަހު ބަދަލު ހިފާލާފަ ގައުމީޓީމްގަ ނުހިމަނަ ދުވަސް ތަކެއް ދުންވާލައިފަ.
ޓޮޓީ
19 March 2017
ހުރިހާވެސް މަންސަލައަކީ މާ ބޮޑަށް ޒާތީވާތީ. ކާމިޔާބު ނުލިބެނީވެސް އެސަބަބާހުރެ. މިހާރު އެފްއޭއެމްގަ މިތިބި މިކަންތައް ވަރަށް ބޮޑު ބައެއް.
ހާމަ333
19 March 2017
މިއީ ސުވާލު އުފައްދަންޖެހޭ ކަމެއްވެސް ނޫން ފުޓްބޯޅަ ދަންނަ މީހަކު ވެއްޖިއްޔާ...ގައުމީ ކޯޗެއް ހުންނަނީ ވަކި ބޭނުމަކު....ގައުމީ ޓީމަށް ނަގަންޖެހޭ މީހުންނާއި ގޭމް ޕްލޭން އާއި އޭނަ ކުޅުވަން ބޭނުންވާ ސްޓައިލް އެނގޭނީ ކޯޗަށް...ތަނެއްގަ ތަޖުރިބާ ހުރި މީހަކު ހުއްޓަސް އަދި އެ ނުވެދާނެ ކޯޗުގެ ގޭމްއަށް ފިޓްވާ މީހަކަށް....ބްރެޒިލްގެ ގައުމީޓީމަށް ތިއާގޯ ސިލްވާވެސް ނުނަގާ....ސޯ އަދި އަކްރަމް ނުނެގުމަކީ މައްސަލައެއްނޫން....އެހެން ނޫނަސް މާ ބޮޑަށް ޑްރިބްލް ކުރަން ހަދައިގެން ބޯޅަ ގެއްލި ބައިކޮޅަށް ލަނޑު ވަދެފަހުރީ އެންމެފަހުން ކުޅުނު މެޗުތަކުގަވެސް....
އަހާށޭ
19 March 2017
ހާމަ333 ތިޔަހެން ބުންޏަކަސް މިފަހަރު ތިކަމެއް ގަބޫލެއް ކުރެވޭކަށް ނެތް. ގިނަ މެޗުތަށް ރާއްޖޭގެ ޓީމުތަށް ކުޅުނުއިރު ޤައުމީ ކޯޗުހުރީ އޮސްޓްރޭލިޔާގައި. ތިޔަ ޓީމަށް ބަލާލާއިރު ހީވަނީ މުޅިން ނަގަންވިސްނާފައި ތިއޮތީ ޓީސީ އާއި މާޒިޔާހެން. ފަލަސްތީން ކަހަލަ ވަރުގަދައަށް ކުރިޔާލާ ތައްޔާރުވަމުންދާ ޓީމުތަކާއި ކުރިމަރިލާއިރު ތަޖުރިބާހުރި އަދި މޮޅު ކުޅުންތެރިންގެ ބޭނުން ހިފުން މުހިންމުކަމުގައި ދެކެމެވެ.
ކޯޗް
19 March 2017
29 ކުޅުންތެރިންގެ ތެރޭ ހުރިހާ ކުޅުންތެރިން ނުހިމެނެވޭނެ. ކޮން ކުޅުންތެރިންނެއް ބާކީ ކޮއްފަ މި ކުޅުންތެރިން ނަގާނީ