ބެޓިސްގެ ކޯޗު މެނައުލް ޕެލެގްރިނީ: އޭނާ ބުނީ އެންޓޮނީ ފެންވަރު ސާބިތުކޮށްދީފި ކަމަށް --- ފޮޓޯ: އޭއެފްޕީ
28 މެއި 2025 - 12:29
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ބަދަލެއް ހިފާލަން އެންޓޮނީ ބޭނުންވާ ކަމަށް ރެއާލް ބެޓިސްގެ ކޯޗު މެނައުލް ޕެލެގްރިނީ ބުނެފި އެވެ.
ސަތޭކަ މިލިއަން ޑޮލަރުގެ އަގުބޮޑު ޓްރާންސްފާއެއްގައި އަޔަކެސް ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ފޯވާޑަށް ޕްރިމިއާ ލީގުގައި ޖެހުނީ އެންމެ ފަސް ލަނޑެވެ. އެއީ ދެ އަހަރާއި ބައިގެ މުއްދަތުގައި އޭނާ އަށް ޖެހުނު ލަނޑުގެ އަދަދެވެ.
އެކަމަކު ޖެނުއަރީ ޓްރާންސްފާގައި ބެޓިސް އަށް ބަދަލުވެ ލަލީގާގެ 17 މެޗުގައި އޭނާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ.
މިރޭ ކުޅޭ ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލާ ހަމައަށް ބެޓިސް ކުރި ދަތުރުގައި ބްރެޒިލްގެ ފޯވާޑް ވަނީ އިތުރު ހަތަރު ލަނޑު ޖަހައިފަ އެވެ.
ބެޓިސްގެ މެޗެއްގައި އެންޓޮނީ (ކ) އަށް ޕެލެގްރިނީ އިރުޝާދު ދެނީ
ޔުނައިޓެޑްގެ އަމިއްލަ ސިޓީގެ ވާދަވެރިޔާ މެންޗެސްޓާ ސިޓީ އަށް ވެސް ކުރިން ކޯޗުކޮށް ދިން ޕެލެގްރިނީ ބުނީ އޮންޓޮނީ އަށް ޔުނައިޓެޑްގައި ރަނގަޅަށް ނުކުޅެވުނީ ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އެއީ ބެޓިސް އަށް ބަދަލުވުމުގެ ކުރިން އެންޓޮނީއާ އެކު ދެއްކި ވާހަކަތަކުގައި އޭނަ ބުނެފައިވާ ވާހަކަތަކެއް ކަމަށް ޕެލެގްރިނީ ބުންޏެވެ.
"އޭނާ ބޭނުން ވަނީ ބަދަލެއް ހިފަން. މިތަނުގައި [ބެޓިސްގައި] އަހަރެން ގަބޫލުކުރަނީ އޭނާ އަށް އެކަން ކުރެވުނު ކަމަށް. އޭނާ އެކަން ހާސިލްކުރި. 100 މިލިއަނުގެ އަގެއްގައި ހުރި ކުޅުންތެރިއެއްގެ ގޮތުގައި ކުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެންޓަނީ އަކީ މޮޅު ކުޅުންތެރިއެއް. އަހަންނަށް ޔަގީން ބެޓިސްގައި އޭނާގެ ކެރިއަރު ކުރިއެރުވުމަށް އެހީއަކަށްވިކަން،" ޗެލްސީއާ ދެކޮޅަށް މިރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން ޕްރެސްގައި ވާހަކަ ދައްކަމުން ޕެލެގްރިނީ ބުންޏެވެ.
ބެޓިސްގައި އެންޓޮނީ ބަހައްޓަން ޕެލެގްރިނީ ބޭނުންވެ އެވެ. އެކަމަކު އެވަރުގެ ހަރަދެއް ބެޓިސްއިން ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެ ޓީމުން ހަރަދު ކުރަނީ މެދުފަންތީގެ ބަޖެޓެއްގެ ތެރެއިންނެވެ.
އެންޓޮނީ
މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ޗެލްސީއަކީ ވެސް އެންމެ މަތީ ފަންތީގެ ބަޖެޓެއްގައި ހިންގާ ކްލަބެކެވެ. އެންމެ މަތީ ފަންތީގެ ބަޖެޓެއްގައި ހިންގާ މެންޗެސްޓާ ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް ދިން ކޯޗު ބުނީ ފައިނަލް މެޗު ފަށަން ކަށިގަނޑު ފުމެލާ ހިސާބުން ބޮޑު ބަޖެޓެއްތޯ ބަޖެޓެއްތޯ ކުޑަ ބަޖެޓެއްތޯ ނުބުނެވޭނެ ކަމަށެވެ.
"ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް. މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ވެސް އެ ފުރުސަތުގެ ބޭނުން ހިފަން އަހަރެމެން މަސައްކަތް ކުރާނީ،" ޕެލެގްރިނީ ބުންޏެވެ.
"ޓީމުގައި އޮތީ ކިހާވަރެއްގެ ބަޖެޓެއްތޯ އަޅާކިޔުމުގެ މާނައެއް ނެތް. 90 މިނެޓްތެރޭގައި މެޗުން މޮޅުވުމުގެ ފުރުސަތު އަހަރެމެންނަށް ވެސް އޮންނާނެ އިދިކޮޅު ޓީމާ އެއްވަރަކަށް."
ޗެލްސީ އާއި ބެޓިސްގެ މެޗު އޮންނާނީ ޕޮލެންޑްގަ އެވެ. މެޗު ފަށާނީ ރާއްޖޭގަޑިން މެންދަމު 12 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy