ބަންޑާރަ ނައިބު އޮފީހުގެ ބިލް ރައީސް ތަސްދީގު ކުރައްވަނީ
29 މެއި 2025 - 19:29
ސިވިލް ސާވިސްއިން ބަންޑާރަ ނައިބު އޮފީސް ވަކިކޮށް އަދި ވިދިވިދިގެން 20 އަހަރު ހިދުމަތް ކުރުމުން ޝަރަފުވެރިކަމާ އެކު، ވަޒީފާއިން ވަކިވުމުގެ އިނާޔަތް ލިބިދޭ ގޮތަށް ބަންޑާރަ ނައިބު އޮފީހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިހާރު ސިވިލް ސާވިސްގެ ދަށުން ހިންގާ އަދި އެތަނުގެ މުވައްޒަފުންނަށް ސިވިލް ސާވިސްގެ އުސޫލުތައް ހިނގާ ތަނެކެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހާ އެއްގޮތަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކަކީ ވަކި ގާނޫނެއްގެ ދަށުން ހިންގާ ތަންތަނެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އެތަން ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ބައެއް ދަތިތައް އެ އޮފީހަށް ކުރިމަތިވެ އެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ވަކީލުން ހޯދުމުގެ އުނދަގޫތަކެވެ.
ޕީޖީ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކުގެ މުސާރައާ އަޅާ ބަލާއިރު، ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރަތައް ސިވިލް ސާވިސްގެ އުސޫލުގެ ދަށުން ދޭތީ ކުޑަ އެވެ. އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގެ ނަމުގައި އާ ބިލެއް ސަރުކާރުން ހުށަހެޅީ މިކަމަށް ހައްލެއް ހޯދުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެ ބިލް ތަސްދީގު ކުރެއްވުމާއެކު، ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އާ ގާނޫނަށް އަމަލުކުރަން ފެށުމުން ގާއިމުވެގެންދާނެ ބަންޑާރަ ނައިބުގެ އޮފީހުގެ ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާތީ، ކަމާގުޅޭ އިސްލާހުތައް އެކުލަވާލައި، އަންނަ މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ބިލްގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ލީގަލް ސާވިސް އާއި އެޑްމިނިސްޓްރޭޓިވް ސާވިސް އެވެ. އަދި މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލްގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކޮށް ހިންގުމުގެ އިހުތިޔާރު ވެސް ގާނޫނުން ދޭން ވަނީ ބިލްގައި ހިމަނައިފަ އެވެ. އަދި ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތް ވެސް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބަންޑާރަ ނައިބުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް އަދި ވާޖިބުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވަޒީފާ އަދާކުރަން ޖެހޭ ހަމަތައް ބިލްގައިވެ އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވި ބިލްގައިވާ ގޮތުން 20 އަހަރު ނުވަތަ އެ އަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ނަމަ އިނާޔަތާ އެކު ރިޓަޔާ ކުރެވޭނެ އެވެ. މީގެ އިތުރުން، ބަންޑާރަ ނައިބު އޮފީހުގައި 10 އަހަރު ހޭދަކޮށްފައިވުމާއެކު ދައުލަތުގެ އެހެން އިދާރާއެއްގައި ހިދުމަތްކުރި މުއްދަތު 20 އަހަރު ނުވަތަ އެއަށް ވުރެ ދިގުވާ ނަމަ ވެސް ޝަރަފްވެރިކަމާ އެކު ރިޓަޔާ ވެވޭގޮތަށް ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
30 May 2025
ސިވިލް ސާވިސް އިން މުޒާހަރާ އަށް ނިކުންނަން ވީ އެވެ .
ސުންބުލި
30 May 2025
މަ ބުނީ ސިވިލްސާވަންޓުންގެ މުދާރަ ބޮޑުކުރަން 2025 ވަނަ އަހަރުގެ ބަޖެޓަށް ލީ ބަޔަށް ވީ ގޮތް އެނގޭހޭ?
ރިފޯމް
30 May 2025
ޚަރަދުކުޑަކުރާ ގޮތް. ރިފޯމް އެޖެންޑާގެ ދަށުން ޚަރަދުތައް ކުޑަކުރުމަށްޓަކައި މުސާރަ ބޮޑުކުރުމުގެ މަގު ފަހިކޮށްދީފި.
ނުކިއްސަރު
29 May 2025
ވަރަށް ބޮޑަށް ބޭއިންސާފު މިކުރީ ކޮބާ ސިވިލް މުބައ
ވަކީލާ
29 May 2025
ދައުލަތުގެ މުސާރަ ނަގައިގެން އަމިއްލަ މައްސަލަތަކުގައި ވަކާލާތުކުރުމަށް ރަސްމީ ގަޑި ހޭދަކުރާ ބަންޑާރަ ބޮޑު ވަކީލުންނަށް ފަށްފަށުން މަރުހަބާ. އިތުރަށް ބޮޑު މުސާރަ ދެން ލިބޭނެ އަމިއްލަ މަސައްކަތްކުރަން. ދައުލަތް ތަމްސީލު ކުރާއިރު ހޮޅި ވާހަކަ ދެއްކުމާއި އިސްތިއުނާފުގައި ކާމިޔާބު ނުލިބޭނެ ގޮތަށް ތާކުންތާކު ނުޖެހޭ ނުކުތާ ނެގުމުގައި މެކުހަށް.
ޕަޕީޕާ
30 May 2025
ޖޭ ބޮކި ދިއްލޭ ދިއްލޭ. ދެން ފިއްތާލަން ވީނު ދޯ