ބަންޑާރަ ނައިބު އަހުމަދު އުޝާމް -
15 މެއި 2025 - 16:40
ސިވިލް ސާވިސްއިން ބަންޑާރަ ނައިބު އޮފީސް ވަކިކޮށް އަދި ވިދިވިދިގެން 20 އަހަރު ހިދުމަތް ކުރުމުން ޝަރަފުވެރިކަމާ އެކު، ވަޒީފާއިން ވަކިވުމުގެ އިނާޔަތް ލިބިދޭ ގޮތަށް ބަންޑާރަ ނައިބު އޮފީހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އަލަށް ގެނައި އިސްލާހުތަކާއެކު ބިލް މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލް ފާސްކުރުމަށް އިއްޔެ ވެސް ވޯޓަށް އެހިނަމަވެސް، ބިލް ބަލައިނުގަނެ އިސްލާހު ކުރުމަށް އަނބުރާ އިއްޔެ ކޮމިޓީއަށް ފޮނުވާލީ އެވެ.
އޭގެ ފަހުން، ޖުޑީޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ މައިގަނޑު ދެ ބަދަލެއް އެ ބިލަށް ގެނެސްފަ އެވެ.
އޭގެ ތެރެއިން އެއް ބަދަލަކީ ޝަރަފުވެރިކަމާ އެކު، ރިޓަޔާވެވޭ އުމުރު ކުރު ކުރުމެވެ. ބިލް ކުރިން އޮތް ގޮތުން އިނާޔަތާއެކު ޝަރަފްވެރިކަމާއެކު ރިޓަޔާވެވޭނީ އެ އޮފީހުގައި 25 އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު މުއްދަތަކަށް ހިދުމަތް ކުރުމަށް ފަހުގަ އެވެ.
ބިލަށް ފަހުން ގެނައި ބަދަލުގައިވާ ގޮތުން 20 އަހަރު ނުވަތަ އެ އަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ނަމަ އިނާޔަތާ އެކު ރިޓަޔާ ކުރެވޭނެ އެވެ. މީގެ އިތުރުން، ބަންޑާރަ ނައިބު އޮފީހުގައި 10 އަހަރު ހޭދަކޮށްފައިވުމާއެކު ދައުލަތުގެ އެހެން އިދާރާއެއްގައި ހިދުމަތް ކުރި މުއްދަތު 20 އަހަރު ނުވަތަ އެއަށް ވުރެ ދިގުވާ ނަމަ ވެސް ޝަރަފްވެރިކަމާ އެކު ރިޓަޔާ ވެވޭ ގޮތަށް ވަނީ ހިމަނައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ ސިވިސް ސާވިސް އިން ބޭރުން ވަކި ހިދުމަތެއް ދޭ އިދާރާއެއްގެ ގޮތުގައި ހިންގުމަށް ހުށަހަޅާފައިވާ ބިލަށް ދެ ވަނަ އިސްލާހެއްގެ ގޮތުން ކޮމިޓީން ގެނައި އިސްލާހަކީ ސޮލިސިޓާ ޖެނެރަލްގެ މަގާމު އުވާލުމެވެ.
އޭގެ ބަދަލުގައި ހަމައެކަނި ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަ ގޮތަށް ވަނީ ހިމަނައިފަ އެވެ. އެ މަގާމަކީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށް ވަކިކުރާ މަގާމެކެވެ.
ތަޅުމުގައި ވެސް ބިލަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ. އެއީ ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަލާނީ ޑެޕިއުޓީ އެޓާނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލާއި ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް މުވައްޒަފުން ކަމަށް ބުނާ އިސްލާހެކެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިހާރު ސިވިލް ސާވިސްގެ ދަށުން ހިންގާ އެ ތަނުގެ މުވައްޒަފުންނަށް ސިވިލް ސާވިސްގެ އުސޫލުތައް ހިނގާ ތަނެކެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހާ އެއްގޮތަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކަކީ ވަކި ގާނޫނެއްގެ ދަށުން ހިންގާ ތަންތަނެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ތަން ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ބައެއް ދަތިތައް އެ އޮފީހަށް ކުރިމަތިވެ އެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ވަކީލުން ހޯދުމުގެ އުނދަގޫތަކެވެ.
ޕީޖީ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކުގެ މުސާރައާ އަޅާބަލާއިރު، ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރަތައް ސިވިލް ސާވިސްގެ އުސޫލުގެ ދަށުން ދޭތީ ކުޑަ އެވެ. އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގެ ނަމުގައި އާ ބިލެއް ސަރުކާރުން ހުށަހެޅީ މިކަމަށް ހައްލެއް ހޯދުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މިއަދު ފާސްކުރި ބިލްގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ލީގަލް ސާވިސް އާއި އެޑްމިނިސްޓްރޭޓިވް ސާވިސް އެވެ. މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލްގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކޮށް ހިންގުމުގެ އިހުތިޔާރު ވެސް ގާނޫނުން ދޭން ވަނީ ބިލްގައި ހިމަނައިފަ އެވެ. ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތް ވެސް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބަންޑާރަ ނައިބުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް އަދި ވާޖިބުތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވެ އެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވަޒީފާ އަދާކުރަން ޖެހޭ ހަމަތައް ބިލްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްކޫ
17 May 2025
ހުރިހާ އޮފީހެއްވެސް ސިވިލް ސާރވިސް އިން ވަކިކޮށް ސިވިލް ސާރވިސް އިން މިންޖުވާން އެބަޖެހޭ، ބޭކާރު އޮފީހެއް
ކޯޓު އޮފިސަރު
15 May 2025
ބައެއް ކޯޓުތަކުގެ މުވައްޒަފުން ގަނަތަޅުވާ، މުޅި ރޭދުވާ ކޯޓުގަ އުޅެންޖައްސާ، ފަނޑިޔާރުންގެ މަސައްކަތް މުވައްޒަފުން ލައްވާ ކުރުވާ، ފަނޑިޔާރުންނަކީ މެޑަލްޖަހަން ތިބޭ ބަޔަކަށް ހަދާ، ފަނޑިޔާރުން އެއްކޮފީން އަނެއްކޮފީއަށް ދުވާއިރު ހުކުމް ލިޔެދީ ފަނޑިޔާރު ދައްކަންވީ ވާހަކަ ބުނެެދީ، ފަނޑިޔާރަށް ދިރާސާކޮށްދީ، ފަނޑިޔާރަށް ސައި ހަދައިދީ، ފަނޑިޔާރު ހިމާޔަތްކޮށްދީ، ފަނޑިޔާރަށް ސިޓީލިޔެދީ ހުރިހާ ކަމެއް ކުރުވާއިރުވެސް ލިބެންޖެހެނީ 15 އަހަރުކުރިންވެސްދޭ މުސާރަ
ދޮންމަރިޔަބު
17 May 2025
މިޔޮތީ ބަންޑާރަ ނައިބު އޮފީހު ކުދިން ކުރާ މަސައްކަތް ވެއްޖެޔާ ވަރަށް ގޯސް. މިކަން ކުރާތީ މުސާރަ ބޮޑުވެގެން ނުވާނެ. އެހެނީ ތިޔަ ކުރަނީ ކުރަން ނުޖެހޭ ހޯހޯ ކަންތައްތައް
ފަނޑިޔާރު1
18 May 2025
އެމީހުން އެހާ ހިސާބަށް ކިޔައިގެން ތިބީ ކަމެއްވިމަތާ. ތިމާވެސް އެހިސާބަށް ކިޔަވައިގެން ކުރިމަތި ލާބަލަ
ރާއިން
15 May 2025
ދައުލަތުގެ ވަޒީފާގައި އުޅޭ އެންމެންނަކީވެސް ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބޭ ބައެއް. ވީއިރު ދައުލަތުގެ މާލިއްޔާއިން މުސާރަދޭ އެންމެންނަށްވެސް އެއީ ލޭބަރެއްގެ ވަޒީފާގައި ނުވަތަ ސެކިއުރިޓީ އެއްގެ ވަޒީފާގައި މަސައްކަތްކުރާ މީހެއް ނަމަވެސް ރިޓެޔަރ ކޮށްފަ ދާއިރު ލިބޭ ޢިނާޔަތް އެންމެންނަށްވެސް އެއްގޮތް ކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
ރިޓަޔަރު
18 May 2025
އެންމެންނަށް އެއްގޮތް ކުރާނީ ކިހިނެތް. މަޖްލިސް މެމްބަރުންނަށް ވެސް ދެނީ ކީއްކުރަން. ހަމަހަމަވާންވާނެތާ. ކޮންތާކު މިޖެހެނީ.
އުދުހޭ
15 May 2025
މީ ކާކަށް ފެހި ކޯޓެއްތޯ؟
ލަކީ
15 May 2025
އިނާޔަތްގަނޑެއްވެސް ލިބޭގޮތަށް
ބަންޑާރަނައިބުގެ
15 May 2025
ބަންޑާރަނައިބުގެ އޮފީހުގެ ވަކީލުން އަމިއްލަ މަސައްކަތްކުރުން ޤާނޫނީ ގޮތުން ހުއްދަވީ. ލޮލް.
އައު
18 May 2025
މީ އާކަމެއްތަ