ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލްގެ އެވޯޑް ރައީސް މުއިއްޒަށް ރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
30 މެއި 2025 - 00:52
ދުންފަތާ ދެކޮޅަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމަށް އެ މަނިކުފާނަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު ރޭ އަރުވައިފި އެވެ.
ރައީސް މުއިއްޒަށް އެ އެވޯޑު އެރުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނޮމްގެ އެވޯޑު ރައީސް މުއިއްޒާ ހަވާލު ކޮށްދެއްވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދު އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދު ވަނީ ދުންފަތާ ދެކޮޅަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖެނެރޭޝަން ބޭންއެއް އިއުލާން ކުރެއްވުމަކީ ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ރައީސް މުއިއްޒަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކޮށް، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމަށް ކަމަށެވެ.
ރައީސް ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން އެއްކޮށް ވަނީ މަނާކޮށްފަ އެވެ. އަދި ސިނގިރޭޓްގެ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެންމެ ހާއްސަ އެއްކަމަކީ ޖެނެރޭޝަން ބޭންއެއް ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ނިންމައި އެކަން އިއުލާން ކުރުމެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު މި މަހުގެ 21 ވަނަ ދުވަހު ތަސްދީގު ކޮށްފައިވާއިރު، ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން "ޖެނެރޭޝަނަލް ބޭން" އަށް އަމަލުކުރަން ފަށާނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރު ކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ.
ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައި ވެ އެވެ.
ރައީސް މުއިއްޒު ގެންދަވަނީ އެ ވިޔަފާރީގައި އުޅޭ ފަރާތްތައް ވެސް އެކަން ހުއްޓާލާފައި ކޮންމެވެސް އެހެން ކަމެއް ކުރުމަށް ވެސް މިހާރު ނަސޭހަތްތެރިވެވަޑައިގަންނަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންގްލަ
01 June 2025
ފޮޓޯ އިން އެ ފެންނަ ސައިމާ ވާޒިދް އަކީ ޝޭއިހް ހަސީނާގެ ދަރިފުޅު
ބަބްސް
31 May 2025
މަސްތުވާތަކެތި ޓަނުޓަނުން އެތެރެވެ ނުހުއްޓުވިފަ އޮތްތަނެއްގައި މިހާރު ސިނގިރޭޓްގެ ބޮޑު ކަޅު ބަޒާރެއް ވަނީ އުފެދިފަ. އެވޯޑް ހަމަ ހައްޤު. ކުރަން ހަމަ ރަނގަޅު ކަމެއް އެކަމަކު ނަމަކަށް ކުރީމަ ރަނގަޅެއް ނޫން. ޤާނޫނު ތަކުގައި އޮތީ ހުސްބާގަނޑު. ކަސްޓަމްސް އިން މަޖްލިސް ގައި ބުނީ އެޅޭނެ ފިޔަވަޅެއް ނެތޭ .. 60 މިލިޔަން ރުފިޔާގެ އަގުހުރި ސިނގިރޭޓް ބޮންޑެޑް ގުދަނަކުން ގެއްލުނު އިރު މިކަން ކުރިން ބަޔަކު ނެތް.
ޝިޔާންބެ
30 May 2025
ދިވެހީންނަކީ ފަސޭހައިން އޮޅުވާލެވޭ ބައެކެވެ.. ރައީސް އަމީނަށް ކުރި އަނިޔާ އާއި ދުންފަތާއި ގުޅުމެއްނެތްކަން ވަރަށް ސާފު. ރައީސް އަށް ކުރިއަނިޔާ ތަހުގީގު ކުރުމަށް ގޮވާލަން
ފަނޑިޔާރު
30 May 2025
އެވޯޑް ދޭންޖެހޭނީ ހެޔޮނިޔަތުގައި ކުރިކެއްތޯ ބަލާފައެވެ. އަދި އޭގެ ސަބަބުން ރައްޖޭގައި ވަގަށް މުދާ އެތެރެ ކޮށް ވިއްކާ މީހުން ވީ ގިނައެވެ. އަދި ކަސްޓަމްސް އަށް މަތިކޮށްފައި އޮތް މަސައްކަތުން ޤައުމަށް އެއްވެސް އެއްވސް ފައިދާ އެއް ނުކުރެވެ. ޖޫރިމަނާ ކުރަން ޤާނޫނުން އޮތީ މީހުންނަށް ލާރި ނުދެއްކޭ އަދަދު ތައް ޖަހާފައެވެ. މީހަކަށް ދެއްކޭ ވަރުގެ އަދަދެއް ގާނޫނުގައި ލިޔެފައި އޮތްނަމަ ކިހާރަނގަޅު ވީހެވެ.