30 މެއި 2025 - 14:04
ސީޒަނުގެ މެދުތެރެއިން މިލާނުން ސޮއި ކުރުވި ކޯޗު ސާޖިއޯ ކޮންސެސާއޯ މަގާމުން ވަކިކޮށް ކުރީގެ ކޯޗު މެކްސް އެލެގްރީ މަގާމަށް ހަމަޖައްސައިފި އެވެ.
މިލާނުން ސީޒަން ފެށީ ޕައުލޯ ފޮންސެކާގެ ކޯޗުކަމުގެ ދަށުންނެނެވެ. އެކަމަކު ޑިސެމްބަރު 30 ގައި އޭނާ ވަކިކޮށް ބަދަލުގައި ކޮންސެސާއޯއާ ކޯޗުކަން ހަވާލު ކުރި އެވެ. އޭނާއާ އެކު އެއްބަސްވުން ހެދީ ޖޫން 2026 ގެ ނިޔަލަށެވެ. އެކަމަކު މިލާނުން ބޭނުންވެއްޖެނަމަ އިތުރު ބަދަލެއް ނުދީ މި އަހަރު ޖޫން މަހު އޭނާގެ ކޮންޓްރެކްޓް އުވާލުމުގެ އިހްތިޔާރު އެ ކްލަބަށް ލިބޭގޮތަށް މާއްދާއެއް ވަނީ ހިމަނާފަ އެވެ. އެހެންވެ ކޮންޓްރެކްޓް އުވާލިޔަސް އޭނާ އަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ.
އެލެގްރީ ވަނީ ޖޫން 2010 ން ޖެނުއަރީ 2014 އަށް މިލާނަށް ކޯޗުކޮށް ދީފަ އެވެ. އޭނާގެ ފުރަތަމަ ސީޒަނުގައި ހަތް އަހަތރަށް ފަހު އެ ޓީމަށް ފުރަތަމަ ފަހަރަށް ސެރީ އާ ގެ ޗެމްޕިއަންކަން ހޯދައި ދިނެވެ.
މިލާނަށް ކޯޗުކޮށް ދިން ދުވަސް ވަރު އޭނާގެ ބައެއް ނިންމުންތަކާ ގުޅިގެން ޕްރެޝަރު ބޮޑުވުމުން އެލެގްރީ އޭރު ބުނީ އުމުރުން 55 އަހަރުގައި އޭނާ ރިޓަޔާ ކުރާނެ ކަމަށެވެ.
އެކަމަކު މިހާރު އުމުރުން 57 އަހަރުގައި އަނެއްކާވެސް އޭނާ ވަނީ މިލާންގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފަ އެވެ.
މިލާނުގައި ހަތަރު ސީޒަން ހޭދަ ކުރުމަށް ފަހު އަލެގްރީ ދެން ހަވާލުވީ ޔުވެންޓަސްއާ އެވެ. އޭނާގެ ކޯޗިން ކެރިއަރުގައި އަދި ޔުވެންޓަސްގެ ވެސް އެންމެ ކާމިޔާބު ދުވަސްވަރަކީ ވިދިވިދިގެން ފަސް ސީޒަނުގައި ލީގު ތަށި ކާމިޔާބު ކުރި ދުވަސްވަރެވެ.
މި ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ނަޕޯލީގެ ކޯޗުކަން އެންޓޯނިއޯ ކޮންޓޭ ދޫކޮށްލާ ހިޔާލެއް ގެންގުޅޭ ކަމަށް އަޑު ފެތުރުނެވެ. ބަދަލުގައި ނަޕޯލީން އަލެގްރީ ހަމަޖައްސަން މަސައްކަތް ކުރާ ކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް ކޮންޓޭ ވަނީ ނަޕޯލީގައި މަޑުކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފްއޭއެމް
30 May 2025
އެފް އޭ އެމް ގެ އިތުރު ވާހަކައެއް ހަބަރުން ނުފެނުނު ދެރ.