ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޕީޖީ އައްބާސް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް
30 މެއި 2025 - 23:02
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މީގެ އަހަރުތަކެއް ކުރިން ހިންގި ހަރަކާތްތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް އާންމުން ކުރި އިހުތިރާމު، ބަޔަކު އަޑީގައި ތިބިގެން ގެއްލުވައިލުމަކީ އެ އިދާރާ އަށް އެއްއިރަކު ވެސް "ޑިޒާވްވި" ނުވަތަ ވެގެން ވާނެ ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އައްޑޫގައި ހުންނަ ފުލުހުންގެ އެކަޑަމީގައި ބޭއްވި ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި އައްބާސް އޭނާގެ ވާހަކަ ފައްޓަަވަމުން އަލިއަޅުވައިލެއްވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި މީގެ އަހަރުތަކެއް ކުރިން ހިންގި ހަރަކާތްތަކާއި އެ ހިނގައި ދިޔަ ކަންތައްތަކުގެ ތެރެއިން އޭރު ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އާންމުން ކުރި އިހުތިރާމަށް ވެގެންދިޔަ ގޮތުގެ މައްޗަށެވެ. ހާއްސަކޮށް ފުލުހުންނަށް އޮތް އިހުތިރާމު އުވުނު ހިސާބުންނެވެ.
އައްބާސް ވިދާޅުވީ އޭރު ހިންގި ހަރަކާތްތަކުގެ ސަބަބުން ފުލުހުންނަށް އާންމުން ކުރި އިހުތިރާމާއި ގަދަރު ކުޑަވި ކަމަށެވެ. ފުލުހުންނަށް ތަފާތު ނަންނަމުން މުހާތަބުކޮށް ގޮވުމަކީ އާންމު ކަމަކަށް ހެދި ކަމަށާއި އެކި ތުހުމަތުތައް އަޅުވައި ފުލުހުން ބަދުނާމުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އާދެ، މިއީ، ކޮންމެ ސަބަބަކާ ހުރެ ކޮންމެ ފަރާތަކުން ކުރި ކަމެއް ކަމުގައި ވިޔަސް، އެތައް ޖީލަކަށް މިކަމުގެ އަގު އަދާކުރަން ޖެހިފައިވާ ކަންކަން،" އައްބާސް ވިދާޅުވި އެވެ.
Sincere congratulations to all the officers who have successfully completed the 39th Police Initial Training Course! This achievement marks the start of an exciting journey ahead. pic.twitter.com/Kk6qJ1SgPv
— Maldives Police (@PoliceMv) May 30, 2025
އޭނާ ވިދާޅުވީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކުރެވޭ ގިނަ މަސައްކަތްތަކާ އެކު، ފުލުހުންގެ ގާބިލުކަން ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް، ފުލުހުންގެ މުއައްސަސާއާ މެދުގައި ބަޔަކު އުފެއްދި ކިލަނބު ތަސައްވަރުން އަދިވެސް އަރައިގަނެވިފައި ނުވާކަން ކަމަށެވެ.
ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންގޮސްގެން ނޫނީ ބޭނުންވާ ނަތީޖާ ހާސިލް ނުވާނެ މިންވަރަށް ފުލުހުންގެ ތަސައްވަރު މިހާރު ނުސާފުވެފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
"މިއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް. އެއް އިރެއްގައި ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ޑިޒާވްވީ ކަމެއް ވެސް ނޫން. އަދި މި ކަމަކީ މިހާރު ވެސް ހިނގަމުންދާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުން ދީފައިވާ ބާރުތައް ތަންފީޒު ކުރުމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އިންސާނިއްޔަތުކަމާއި އިންސާފުވެރިކަން އިސްކުރުމަށް އައްބާސް މިރޭ ނަސޭހަތްތެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޖާމްބެ
01 June 2025
އާނފަހެ، ތިކިޔާ އިގިރޭސި ބަސްބަސް، އެޓެންޑް، ޑިޒާވް، ސާރޗް. މިހިރަ މިހިރަ ބަސްބަހަކީ އާއްމުކޮށް ފުލުހުންގެ ނޫސްކޮންފަރެންސް ތަކުން އިވޭ ބަސްބަސް ވީއްޔާއެވެ އަހުރެންވާ ތި ބަސްތަކެއް ނުދަންނަމެވެ. އައްބާސް ޝަރީފަށް ތިބަސް ދަސްކޮއްދިނީ ފުލުހުން ނޫންބާވައޭވެސް ހިތައް އަރައެވެ. އހ
ހަމަދު ސަލީމް
01 June 2025
ތިމާމެންނަކީ ފުލުހުންނަށްވީތީ މާ ބާރުގަދަ ބަޔެކޭ، ހީކޮއްގެން އުޅެންފެށީމަ މީހަކު ކުރާނެ އިޙްތިރާމެއް ނޯންނާނެ. ފުލުހުންގެތެރޭގަ ކޮރަޕްޝަނާ، ރިޝްވަތުނަގާފަ ކުރިމިނަލުން ސަލާމަތްކުރާނަމަ ކާކު އިޙްތިރާމްކުރާނީ.
ކަނަމަދުކާށި
31 May 2025
ފުލީ ޑިޒާވް! ގައުމު ހަލާކުކުރީ ފުލުހުން .އެއވެސް އިހުތިރާމެއް ނެތް.
ކަމެއްވީމަ އިސްރާއީލްވެސް ބަލައިނުގަނެވިގެން އެއުޅެނީ
31 May 2025
"މިއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް. އެއް އިރެއްގައި ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ޑިޒާވްވީ ކަމެއް ވެސް ނޫން. އަދި މި ކަމަކީ މިހާރު ވެސް ހިނގަމުންދާ ކަމެއް،" އޭނާ ވިދާޅުވި އެވެ. ބޭފުޅާ މިފަސްގަނޑުގަ ހުރިނަމަ ކަންވިގޮތް އެގުނީސް، އެއްބަޔަކަށް ނަސްރުލިބުނަސް އެދުވަހު ވެރިކަން ފުރޮޅާލީ ހަމަ ކޮންބަޔެއްކަން އެންމެނަށްވެސް އެނގޭ.
ކަތްދައްތަ
31 May 2025
އިޙްތިރާމްޤަބޫލު ކުރެއްވުން އެދެމެވެ. 04 ޛުލްޙިއްޖާ 1446 31 މެއި 2025 ޚާދިމަތުކުން "ކަތްދައްދަ" ތަޅާ ރޯނާ ގެންނުން ޑިޒާވްޑް ރައްޔިތެއް.
ޖިމީ ކާޓަރ
31 May 2025
7 ފެބްރުއަރީގެ ބަޢާވާތުގެ ކިލަނބުކަން ތިދެމުއައްސަސާއަކުން ނުފިލާނެ.. އެކަންތައްކުރި މީހުން އަދިވެސް އެބަތިބި ތިދެތަނުގައި
އަބްޑޫޅް +
31 May 2025
އިހުތިރާމެއް ނެތް ބައެއްގެ "އިހުތިރާމު" ނަގާލުމަކީ "ޑިޒާއު" (އެއީ ކޮންމެ އެއްޗެއް ނަމަވެސް) ވާކަމެއް.
އަބްޑޫޅް +
31 May 2025
އޭ ޕީޖީ، ކަލޭ ތިޔައީ ކާކުތަ؟ ކަލެޔަކަށް އިހުރިތިރާމެއް "ޑިޒާއު" އެއް ނުވޭ. ފާޑެއްގެ މެޑެއްޔެއް ޖަހައިގެން ނިކުތީމަ ކަލޭމެންނަކަށް އިހުތިރާމެއް ނުލިބޭނެ. ތިޔައީ، މީހުން އެކޮޅުކޮޅުން އެލުވާ، އަންދަގޮނޑި ޖަހާ، ފުޅިތޮށި ކާންދިން، އަގެއްނެތް ބައިގަނޑޭ. މިހެން ބުނީމަ ރުޅިއަންނަނީނަމަ، އަހުރެން ބަލާ އާދޭ، އިންޑިޔާ މީހުން ދިން މަނަވަރާއި، އިންޑިޔާ މީހުން ދިން ހެލިބޮކުޓާރު ހިފައިގެން. ހިތްވަރެއް ހުރިއްޔާ ބިޑި އާއި އަނދަގޮންޑި ގެންނައްޗޭ. ޕޮސޮ.
ކޮބާތޯ އެ ގޮނޑި؟
31 May 2025
-ޑިޒާއު- ވެރިކަމެއްތޯ؟ ފުރަތަމަ ސުވާލު ކޮށްލުން ކިހިނެތްތޯ؟
އަބްޑޫޅް +
31 May 2025
"ޑިޒާވް" އަކީ ކޮން އެއްޗެއްތަ؟ ކަލޭމެންނަށް ދިވެހިބަސް ނޭގެނީތަ؟ ނޫނީ، ކަލޭމެން ދިވެހި ބަހަށް އިހުތިރާމު ނުކުރަނީތަ؟ އޭ ބީރަށްޓެއްސާ، ދިވެހި ބަހުން ވާހަކަ ދައްކަގަ؟ ކަލޭ ތިޔައީ ކޮން ރަށެއްގެ ބީރަށްޓެހި ކުއްޖެއްތަ؟
ގުނައިދު ޝަރީފް
01 June 2025
ޑިޒާވް، އެޓެންޑް، ސާރޗް، މިކަހަލަ ދެތިން އިގިރޭސިބަހެއް އެގުނީމަ އެތިބީ އިޙްތިރާމް ލިބިފަކަމަށް ހީވާނަމަ އެތިބީ އިހްތިރާމް ނުކުރުމަށް ޑިޒާވް ވެފަ.
އަބްޑޫޅް +
31 May 2025
ޑިޒާވު އެއީ ކޮން އެއްޗެއްތަ؟ އަހުރެމެންގެ މާތް، ދިވެހި ބަސް ދެކެ ކަލޭމެން ރުޅި އަންނަނީތަ؟