ދުނިޔެ / އިންޑިއާ

ޕާކިސްތާނުން އިންޑިއާގެ ޖެޓެއް ވައްޓާލި ކަމަށް "ބުނެވިއްޖެ"

އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އަނިލް ޗައުހާން، ސިންގަޕޫރުގައި ކުރިއަށްދާ ޝަންގްރިއްލާ ޑަޔަލޮގް ސަމިޓަށް މިއަދު ވަޑައިގަންނަވަނީ: އޭނާ ވަނީ ޕާކިސްތާނުން އިންޑިއާގެ ޖެޓްތަކެއް ވައްޓާލުމަށް ވުރެ މުހިންމީ ވެއްޓުނު ސަބަބު ކަމަށް ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ

31 މެއި 2025 - 17:46

2 comments

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މި މަހު ކުރީކޮޅު ހިނގި ވަރުގަދަ ކުރިމަތިލުމުގައި ޕާކިސްތާނުން އިންޑިއާގެ ޖެޓްތަކެއް ވައްޓާލި ކަމަށް ބުނާ ވާހަކަ އަކީ ތެދެއް ކަމަށް ދޭހަވާ ގޮތަށް އިންޑިއާ ސިފައިންގެ ވެރިޔާ ވާހަކަ ދައްކަވައިފި އެވެ.

ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އާންމުންގެ ބަޔަކު މަރާލި ހާދިސާއެއްގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވުމަށް ފަހު އިންޑިއާއިން ދޭން ފެށި ހަމަލާތަކާ އެކު ދެ ގައުމުން ހަތަރު ދުވަސް ވަންދެން ހަމަލާ ދިނެވެ. އެކަމަކު މި މަހުގެ 10 ވަނަ ދުވަހު ކުއްލި ގޮތަކަށް ދެ ގައުމުން ވަނީ ހަމަލާތައް ހުއްޓާލައިފަ އެވެ.

މިސައިލާއި ޑްރޯން އަދި ބޮޑު ބަޑީގެ ހަމަލާތަކުގައި ދެ ގައުމުން 70 އަށްވުރެ ގިނަ މީހުން މަރުވި ހަމަލާތަކުގައި، ޗައިނާގައި އުފައްދާފައިވާ ޖެޓްތަކުން ހަމަލާދީ އިންޑިއާގެ ހަ ޖެޓެއް ވައްޓާލި ކަމަށް ޕާކިސްތާނުން ބުނެފައިވެ އެވެ.

ބްލޫމްބާގް އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް އަނިލް ޗައުހާން ވިދާޅުވީ އިންޑިއާގެ ހަ ޖެޓް ވައްޓާލި ކަމަށް ޕާކިސްތާނުން ބުނާ ވާހަކަ އަކީ "އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން" ކަމަށެވެ.

އޭނާ މިހެން ވިދާޅުވުމުން އިންޓަވިއުގައި އިތުރަށް ސުވާލުކޮށް، އިންޑިއާގެ އެންމެ ޖެޓެއް ވެސް ނުވެއްޓޭތޯ ސުވާލުކުރުމުން "ޖެޓްތަކެއް ވެއްޓުނު" ކަމަށް ދޭހަވާ ގޮތަށް ޖަވާބު ދެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ، މުހިންމީ ވައްޓާލި ޖެޓްތަކުގެ އަދަދެއް ނޫންހެން. އެކަމަކު ޖެޓްތައް ވެއްޓުނީ ސަބަބުހެން،" ސިންގަޕޫރުގައި ކުރިއަށްދާ ޝަންގްރިއްލާ ޑަޔަލޮގް ޑިފެންސް މީޓިންގެ ހަވާސާގައި ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުގައި ޗައުހާން ވިދާޅުވި އެވެ.

ނަމަވެސް އޭނާ މިކަމާ ބެހޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

އިންޑިއާ ސަރުކާރުން މިކަމާ ބެހޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ.

ހަނގުރާމަ ހުއްޓާލިތާ އެއް ދުވަސް ފަހުން މި މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ އެއާ މާޝަލް އޭކޭ ބާރްތީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވާ ގޮތުގައި "ހުރިހާ ޕައިލެޓުން ވަނީ އެނބުރި އައިސްފަ" އެވެ. އެކަމަކު އޭނާ ވިދާޅުވީ މި ތިބީ ހަނގުރާމައެއްގެ ތެރޭގައި ކަމަށާއި ގެއްލުން ވުމަކީ ހަނގުރާމައިގެ ބައެއް ކަމަށެވެ.

ސެކުއިރިޓީ ދާއިރާގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި އިންޑިއާގެ ތިން ޖެޓެއް އެ ގައުމުގެ ސަރަހައްދަށް ވެއްޓުނެވެ. ނަމަވެސް ޖެޓްތަކުގެ ބާވަތާއި ބޯޓުތައް ވެއްޓުނު ސަބަބާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ.

އިންޑިއާ ސިފައިންގެ ވެރިޔާ ޖެޓްތަކާ ބެހޭ ގޮތުން މިއަދު ވާހަކަ ދެއްކެވުމާ ހަމައަށް ވެސް، އިންޑިއާގެ އެއްވެސް ޖެޓެއް ވެއްޓުނު ކަމަަކަށް އިންޑިއާއިން ރަސްމީކޮށް ބުނެފައެއް ނުވެ އެވެ.

"މީގެ ރަނގަޅު ކަމަކީ ހެދުނު ޓެކްނިކަލް ގޯސްތަކަކީ ކޮބައިކަން ދެނެގަނެވި އެކަން ރަނގަޅުކޮށް އަނެއްކާ ދެ ދުވަސް ފަހުން ޖެޓްތައް އަލުން އުދުހި ދުރުގައި ތިބެ އަނެއްކާވެސް ހަމަލާ ދިންކަން،" ބްލޫމްބާގްގެ އިންޓަވިއުގައި ޗައުހާން ވިދާޅުވި އެވެ.

"އެ [ޖެޓްތައް] ވެއްޓުނީ ކީއްވެތޯ އެއީ އަޅުގަނޑުމެންނަށް މާ މުހިންމު ސުވާލެއް. އަދި އޭގެ ފަހުން އަޅުގަނޑުމެން ކަން ކުރި ގޮތް ވެސް."

ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިފަހަރު ހަމަލާ ބަދަލުކުރީ ކަޝްމީރުގައި ޓޫރިސްޓުންގެ ބަޔަކު މަރާލި ހާދިސާ އަކީ ޕާކިސްތާނުގެ ތާއީދާ އެކު ޓެރަރިސްޓުން ދިން ހަމަލާއެއް ކަމަށް ބުނެ އިންޑިއާއިން އިސްވެ ހަމަލާ ދިނުމުންނެވެ. ނަމަވެސް އިންޑިއާގެ ތުހުމަތު ޕާކިސްތާނުން ދޮގުކުރެ އެވެ. -- އޭއެފްޕީ

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސެލަރު....

01 June 2025

"އިންޑިއާ ސަރުކާރުން މިކަމާ ބެހޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ." އާނ ނުދައްކާނެތާ، ލަދެއް ހައްދަވާފަހުރިމީހަކުވިއްޔާ ދައްކާކަށް ނުކެރޭނެ. ޕައިލެޓް ޝިވަންގީ ސިންގްހ އަށް ވީގޮތެއްވެސް ހަތްހަރާމުން ހަރާން އޮޅުންފިލާތީ.. ޕާކިސްތާނު އަތުން ހުތުރު ގޮތަކަށް ދެފަހަރަށް ބަލިވީ. ދެންވާނީ ތިންފަށުން! ކީއްކުރާނީ މިފަދަ ބަޔަކު ރާއްޖޭގައި ބުރިޖު މިއަޅަނީ.. ހަހަހަ

The name is already taken The name is available. Register?

ދަ އެނަލިސްޓް

31 May 2025

ހަނގުރާމައިގަ ގެއްލުން ލިބޭ ފަރާތުން ގެއްލުން ލިބުނަސް އެކަމަށް އެއްބަހެއް ނުވާނެ. އެއީ އިދިކޮޅަށް ކާމިޔާބު ލިބުނުކަން ގަބޫލުކުރަން ބޭނުން ނުވުމާއި ނަފްސާނީގޮތުން އިދިކޮޅުގެ ބަލިކަށިކަން ދެއްކުމަށް. ހަގީގަތަކީ އިންޑިއާ ޕާކިސްތާން ހަމަލާތަކުގަ އިންޑިއާގެ ސްޓްރެޓެޖީ ޕާކިސްތާނުން ފެއިލް ކޮށްލިކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454