މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
05 ޖޫން 2025 - 15:44
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާ ރިކޯޑު މިންވަރަށް އުފުލިފައިވާކަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހިއްސާއެއް ވިއްކުމަށް 900ރ. ހުށަހަޅާފައިވާއިރު، ގަތުމަށް 765ރ. ވަނީ ހުށަހަޅައިފަ އެވެ. މިދިޔަ މާޗު މަހު 670ރ. ގައި ހުރި ހިއްސާގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވި ސަބަބުތަކުގެ ތެރޭގައި ބީއެމްއެލްގެ މާލީ ކުރިއެރުމާއި ކަސްޓަމަރުންގެ އިތުބާރު ހިމެނެ އެވެ.
ބީއެމްއެލް އިން 2024 ގައި ވަނީ ރެކޯޑު އަދަދެއްގެ ހިއްސާގެ ފައިދާ ބަހައިފަ އެވެ. އެއީ ހިއްސާއަކަށް 55ރ. ގެ މަގުން 296 މިލިއަން ރުފިޔާ އެވެ. އަދި ބޭންކުގެ އަހަރީ އާންމު ޖަލްސާ އަށް ރެކޯޑު އަދަދެއްގެ ހިއްސާދާރުން (76 ޕަސެންޓަށް ވުރެ ގިނަ ހިއްސާ ތަމްސީލްކުރާ ހިއްސާދާރުން) ބައިވެރިވެފައިވުމާ އެކު، ގިނަ އަހަރުތަކަކަށް ފަހު ބޭންކުގެ ހިންގާ ގަވާއިދަށް ވަނީ އިސްލާހުތައް ވެސް ގެނެސްފަ އެވެ.
ދުނިޔެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ގޮންޖެހުންތަކުގެ ތެރެއިން ވެސް މިދިޔަ އަހަރު އެ ބޭންކުން ވަނީ 643 މިލިއަން ރުފިޔާގެ ޓެކްސް ދައްކައި 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފަ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ބޯޑު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބޭންކަށް ކަސްޓަމަރުން ކުރާ އިތުބާރު ދައްކުވައިދޭ އެންމެ ބޮޑު އެއްކަމަކީ ކަސްޓަމަރުންގެ އަދަދު އިތުރުވުމާއި ޑިޕޮސިޓް އިތުރު ވެގެން ދިއުން ކަމަށް ވާއިރު، މިދިޔަ އަހަރު 21،000 އަށް ވުރެ ގިނަ ކަސްޓަމަރުން ބީއެމްއެލްއާ ގުޅިފައި ވެ އެވެ. އަދި އެ އަހަރު ނިމުނު އިރު ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 32 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ރާއްޖޭގެ ބޭންކިން ދާއިރާގެ ޑިޕޮސިޓަށް ބަލާއިރު 58 ޕަސެންޓަކީ ބީއެމްއެލްގެ ހިއްސާ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވި ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވިގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ މުއްދަތުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 1.7 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 72 ގެ އިތުރު ވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ލިބުނު ފަދަ މާލީ ކުރިއެރުމެއް މި އަހަރު ވެސް އެ ބޭންކަށް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ބީއެމްއެލްގެ ހިއްސާގެ އަގު ވެސް އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.
އެންމެ 10 މިލިއަން ރުފިޔާގެ ރައުސުލްމާލަކުން ފެށި ބީއެމްއެލްގެ ރައުސުލްމާލު މިހާރު ވަނީ 14 ބިލިއަން ރުފިޔާ އަށް ވުރެ މަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންރިތިކަޅޭ
05 June 2025
ނެޓް ޕުރޮފިޓް ގެ ގޮތުގައި2.25 ބިލިޔަން ފައިދާ ލިބޭ އިރު ހިއްސާއަކަށް ޖެހޭ އަދަދު ސާފްނުވޭ އަދި އެއްމެ55 ހިއްސާ އަކަށް ދިނުމަކީ ބަލައިގައްނަން އުދަގޫކަމެއް.
ޝެލަރީ
05 June 2025
މިފަސްއަހަރު ނިމޭއިރު ތިޔަބޭންކް ސަލާމަތްކޮދޭތި ރަށްޔިތުން ފަނުފުލުންދުއްވާ ނުލައްވައްޗޭ
އޮނަރަބްލް އަފީފު ދީދީ
05 June 2025
ދައުލަތާއި ރައްޔަތް ޙިއްސާވާ ޕަބްލިކް ކުންފުނި (ބިއެމްއެލް) ގައި އޮތް ދައުލަތުގެ ޙިއްސާގެތެރެއިން ބޮޑުބައެއް އާންމު ރައްޔިތުންނަށް ވިއްކާ ބޭންކް އޮފް މޯލްޑިވްސްގެ މުސްތަޤުބަލް އުޖާލާކުރަން މިހާރު މަސައްކަތްނުކޮށްފިނަމަ، މޯލްޑިވިއަން، އެމްޓީޑީސީ އަދި ފެނަކަ ފަދަ ކުންފުންޏަކަށް މިތަންވެސް ވެގެން ހިގައިދާނެކަމުގެ ބިރު އެބައޮތް. އެހެންކަމުން ބޭންކް ގެ މައްޗަށް ވެރިކަމުގައި ތިބޭމީހުންގެ ނުފޫޒުފޯރުވުން ހުއްޓުވުމަށްޓަކާ މިކަމަކީ ވަރަށް މުހިންމުކަމެއް.
އޮނަރަބްލް އަފީފު ދީދީ
05 June 2025
ބޭންކްގައި އޮތް ދައުލަތުގެ ޙިއްސާގެތެރެއިން މިހާތަނަށް ޙިއްސާ ގަނެފައިނުވާ ކޮންމެމީހަކަށް 100 ޙިއްސާ (އަދި ޙިއްސާ ގަނެފައިވިޔަސް އެމީހަކަށް 100 ހަމަކުރަން ބޭނުންވާ އަދަދު ގަންނަން ފުރުސަތުދީގެން) ވިއްކިދާނެ. މިއީ ބޭންކުގެ ހިންގުން ހަރުދަނާ ކުރަންވެސް ފުރުސަތުލިބޭނެ އަދި ބޭންކްގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ބާއްވައިގެން ކުރިއަށް ދިއުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތަކަށް ވެސް ވާނެ. ހަމަ މިގޮތަށް އެސްޓީއޯ އިންވެސް ޙިއްސާ ވިއްކި ދާނެ.
އުނގުވިޔަފާރި
05 June 2025
900ރ އަށް ސެއަރ ގަނެގެން އަހަރަކު 55ރ ލިބޭނެކަމަށް، ލިބުނަސް 900ރ ހަމަވާނީ 16 އަހަރުން. !!!!!!.
ގުދުގުދާބެއްޔާ
07 June 2025
މިއީ މަބުނާ ވާހަކަ! 900ރ ބޭރުގައި އިންވެސްޓްކޮއް ހިއްސާގަތީމާ މަހަކަށް 900ރ ގެ ދެގުނަ ފައިދާ ލިބޭ! ހިއްސާގަނެ ހިއްސާގެ އަގު އަރާވަގުތު އެވިއްކާލީމާ ދެގުނަ ފައިދާ ވޭ އެނުވާނެ ރިބާއަކަށް! އެ ރިބާއަށް ވާނަމަ ބޭންކްއޮފް މޯލްޑިވްސްގެ ހިއްސާވެސް ވާނީ ރިބާއަކަށް!
މުހައްމަދު ރިޝްވާން
05 June 2025
މީގަ ވިސްނަންވީ ފައިދާވޭތޯ ނުވޭތޯ. ހިއްސާދާރުންނަށް ފައިދާ ވަންޏާ ހިއްސާގެ އަގު މައްޗަށް ދާނެ. ބޭންކުން ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ދޭ. މީ ހަމަ ގަންނަން ރަނގަޅު ހިއްސާއެއް.
ޑރ ވާންޗޯ
05 June 2025
ހިއްސާގެ އަގު ކަނޑައަޅަނީ ގަތުމަށް ހުށައަޅާއަގުން، ވިއްކުމަށް ކޮންމެއަގެއްވެސް ހުށައެޅިދާނެ. އެކަމަކު އެއަގަށް އެކަކުވެސް ނުގަންނަނަމަ އެއީ ހިއްސާގެެއަގެއްނޫން. 765ރ އަކީ ބީއެމްއެލްގެ ހިއްސާއެއް ގަތުމަށް ހުށައަޅާފައިވާ އެންމެބޮޑުއަގު.