މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި މީހަކު ކުޑަ ލައްވައި ހަރަމްފުޅުގައި ބީހިލަން އެ ކުއްޖާ އުފުލާލައިގެން: މިއަދުގެ އީދު ހުތުބާގައި ވަނީ ދަރިންނަކީ ހެޔޮލަފާ ބަޔަކަށް ހެދުމަށް އެންމެން މަސައްކަތްކުރުމަށް ގޮވާލާފައި. .-- ފޮޓޯ: އޭއެފްޕީ
06 ޖޫން 2025 - 07:37
ދަރިންނަކީ ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ހެދުމަށް މިއަދުގެ އީދު ޚުތުބާގައި ގޮވާލައިފި އެވެ.
އީދު ޚުތުބާގައި ބުނީ ހައްޖުގެ އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހިމްގެފާނުގެ ވާހަކަތައް ކަމަށާއި އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާ ކަމަށެވެ. އިބްރާހިމްގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް އެ ލޮބުވެތި ދަރިކަލުން ގުރުބާންކުރެއްވުމަށް މާތްﷲ ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ގޮތް ޚުތުބާގައި ފާހަގަކުރި އެވެ.
އިބްރާހިމްގެފާނާއި އިސްމާއިލްގެފާނު ވެސް މި ތާނގައި މާތްﷲ އަމުރުފުޅަށް ކިޔަމަންވެވަޑައިގަތް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އެއީ މާތްﷲގެ އަމުރުފުޅަށް ކިޔަމަންވެވަވަޑައިގަންނަވާ މިންވަރު ބެއްލެވުމަށް އެ ދެބައިކަލުންނަށް ކުރިމަތިކުރެއްވި އިމްތިހާނެއް ކަމަށާއި ކޮންމެ ކަމަކަށް މާތްﷲ އަމުރުފުޅު ކުރެއްވިޔަސް، އެކަމަށް ފަސްޖެހިވަޑައިގަތުމެއް ނެތި އެ އަމުރުފުޅު ތަންފީޒުކުރައްވާނެކަން ދެއްކެވި ނަމޫނާ ހާދިސާއެއް ކަމަށެވެ.
"މި އީދުގައި އުޟްޙިޔާ ކަތިލުން ޝަރްއުކުރެވިފައި ވަނީ މިހެންވެގެންނެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައިި ބުނީ އިސްމާއިލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި މައިންބަފައިންނަށް ކިޔަމަންގަންނާން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށެވެ. އެއީ އިސްމާއިލްގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތުގެ ރަނގަޅުކަމާއި ހެޔޮކަން ކަމަށް ޚުތުބާގައި ބުންޏެވެ.
"އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސްނާހާ ވާހަކަ އަޑު އިވެ އެވެ. އަހަރެމެންގެ ދަރީން ހެޔޮލަފާ ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދާށެވެ،" ޚުތުބާއި ބުންޏެވެ.
މި އަހަރުގެ ކުޑަ އީދު ދުވަހު މާލޭގައި ބޭއްވި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ބައިވެތިވުމަށް ކުޑަކުދިންނާއި ބޮޑެތި މީހުން ނަމާދުކުރާ ސަރަހައްދަށް ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޚުތުބާގައި ބުނި ގޮތައި، މިއަދުގެ އީދު ފާހަގަކުރާއިރު، އިބްރާހިމްގެފާނާއި އިސްމާއިލްގެފާނު ވެވަޑައިގަތް މަތިވެރި ގުރުބާނީން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށާއި އެއީ މާތްﷲ ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެކެވެ.
"އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ އެންގެވުންތަކާ ދުރުހެލިވުމެވެ. ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސްނޭހުމެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ކީރިތި ރަސޫލާ ﷺ ގެ ސަހާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަތީ އަދި އިސްލާމްދީނަށް ފައުޖުފައުޖުން މީސްތަކުން ވަނީ އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫން ކަމަށެވެ. އެ ބޭކަލުންގެ ހަށިކޮޅުތައް ވަރުގަދަކަމަކުން ވެސް ނޫން ކަމަށާއި އެކަމަކު، އެ ބޭކަލުންގެ އިހުލާސްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުން ކަމަށް ޚުތުބާއި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅު ސޮރު
07 June 2025
ކޮންމެ މަޔަކާ ބަފައަކީ އިބްރާހީމުގެ ފާނު ފަދަ ބައެއް ނޫން. އެއްވެސް ވިސްނުމެއް ނެތި، މައިންބަފައިން އަދި ވެރިން ބުނާ ގޮތް ހަދަން ގޮވާ ނަސޭހަތުގެ ގޮތުގައި ނުފޫޒު ފޯރުވަނީ ސިކުނޑި ބޭނުންނުކުރާ ޖީލެއް އުފައްދަން. މިކަމުގެ ގެއްލުން މިހާރުވެސް ގައުމު ދަނީ ތަހައްމަލު ކުރަމުން. އަދި މުސްތަޤްބަލުގައި މިހެން ދާނަމަ އެކަން ބޮޑުވާނެ. ކަމަކަށް ގޮވަންޏާ ގޮވަންވީ އެކަކު އަނެކަކަށް އިހްތިރާމުކުރާ، އިހުސާސްތައް ދެނެގަންނަ އޯގާތެރި މުޖުތަމައެއް އުފައްދަން.
އެއްވަނަ ފަތަރާސީ
06 June 2025
އާދެ، ދަރިން ކިޔަމަން ނުކުރެވުމުން އެކަމުގެ ރުޅި އެހެން އެންމެންނަށް ނުބާލާ!
ގެދާނޯމޮސް
06 June 2025
އާއިލާ ރޫޅިގެން ދަނީ ދެފަރާތުގެވެސް އިހްމާލުންނެވެ. ދަރިންގެ ދައުރެއްނޯވެއެވެ. ނަމަވެސް ބައެއް މައިން ބަފައިން ފުރާވަރައް އަރަމުން ދާދަރިންގެ ނާޖައިޒް ފައިދާ ނެގުމުން އެދަރިންގެ ހަތަރު އުދަރެސް ފެނުޖެހިގެން ދެއެވެ. މިސަބަބާހެދި ދަރިންނަށް ގޮތްހުސްވެ ދާނެދިމާނިންމަނީ އެންމެ އަޅާލާ ލޯބިދޭފަރާތާދިމާލަށެވެ. މިކަމުގެ ސަބަބުން ބީވެދާން ޖެހޭ މަންމަ ބައްޕަ އެދަރިންގެ ނާޖައިޒު ފައިދާ ނަގަން އުޅުމުން ދަރިން ގޮތްހުސްވެ ދެވިފަވުރީ ގޯސްމަގުން ނެވެ.