ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ފުނޑުފުނޑުވެފައި: ސިފައިންނާ ދެކޮޅަށް އަދިވެސް ހަމަލާތައް ދަނީ ބަދަލުކުރަމުން
20 މާޗް 2017 - 08:15
ސީރިޔާގެ ވެރިރަށް ދިމިޝްގުގެ އިރުމަތީ ސަރަހައްދުގައި ހަނގުރާމަވެރިން ކުއްލިއަކަށް އިއްޔެ ދިން ހަމަލާތަކާ އެކު ވަރުގަދަ އަށް ހަނގުރާމަ ހިނގަމުން އެބަ ދެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޖޮބާރުން ފޮނުވާލި ރޮކެޓާއި ބޮޑުބަޑީގެ އުއްޑަތައް ދިމިޝްގެ މެދުތެރެއަށް ވަނީ އަމާޒުވެފަ އެވެ. އެއާ އެކު ސަރުކާރު ސިފައިން ވަނީ، ހަނގުރާމަވެރިންގެ މަގާމުތަކަށް ވައިގެ ހަމަލާތައް ދޭން ފަށައިފަ އެވެ.
މިއީ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު ނެގި ހަނގުރާމަވެރިންގެ ފަރާތުން ފެނުނު ހައިރާންކުރުވަނިވި އަމަލެއް ކަމަށް، މީޑިއާތަކުން ބުނެ އެވެ.
ހަނގުރާމަވެރިން ބުނާ ގޮތުގައި އިއްޔެ ހަމަލާތައް ފުރަތަމަ ފެށީ ކާރު ބޮމާއި އަމިއްލަ އަށް މަރުވެގެން ގޮއްވާލި ބޮންތަކާ އެކު އެވެ. ސަރުކާރުން ބުނަނީ ބިމު އަޑިން ކޮނެފައިވާ ހޮރުތައް ބޭނުންކޮށްގެން ވެސް ހަމަލާތައް ދީފައިވާ ކަމަށެވެ.
އެކަމަކު ސިފައިން ބުނާ ގޮތުގައި އެ ހަމަލާތަކަށް ރައްދު ދީ، ހަނގުރާމަވެރިން ފަހަތަށް ޖެއްސުވި އެވެ.
ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ފަރާތްތަކާ ގުޅުން ހުރި ޖަމާއަތްތަކުން ބުނާ ގޮތުގައި ވައިގެ ސިފައިން 30 މަގާމަކަށް އިއްޔެ ހަމަލާދިނެވެ.
ސީރިޔާގެ ހާލުގައި ޖެހިފައިވާ ބަޔަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެނީ
ސީރިޔާގެ ބޮޑު ބައެއް މިހާރު އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެކަމަކު ވެރިރަށުގެ ބައެއް ހިސާބުތައް އަދިވެސް އޮތީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެގޮތުން ޖޮބާރަކީ ދިމިޝްގެ މެދުތެރެއާ އެންމެ ކައިރީގައި އޮތް ހަނގުރާމަވެރިންގެ ސަރަހައްދެވެ.
ވެރިރަށުގައި ކުއްލިއަކަށް މި ފެށި ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދެއް ނޭނގެ އެވެ.
ދިމިޝްގައި ހުރި އޭއެފްޕީގެ ރިޕޯޓަރަކު ބުނި ގޮތުގައި ހަމަލާތައް ފެށުމާ އެކު، ވެރިރަށުގެ އެންމެ މުހިންމު ހިސާބުތަކަށް ދާން އޮންނަ މަގުތައް، ސިފައިން ވަނީ ބަންދުކޮށްފަ އެވެ.
ދިމިޝްގުގައި ހުރި ސަރުކާރުގެ މައި މަރުކަޒަކަށް މިދިއަ ބުދަދުވަހު ދިން ބޮމުގެ ހަމަލާއެއްގައި 31 މީހުން މަރުވި އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަ މިކުރީ، ހަނގުރާމަވެރިން ކޮންޓްރޯލްކުރާ ބައެއް ސަރަހައްދުތަކަށް މި ފަހުން ސިފައިން ދޭން ފެށި ހަމަލާތައް ވަރުގަދަވުމުން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
ސީރިޔާގެ އެތެރޭގެ ހަނގުރާމަ ފެށުނުތާ މިހާރު ހަ އަހަރު ވަނީ އެވެ. މި ހަނގުރާމައިގައި މަދުވެގެން 200،000 މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލާ މީހެއް
20 March 2017
ހަނގުރާމަ ނިންމަން ދިޔައީ ފަހުވަގުތުގައި، ބަޔަކު ކާމިޔަބު ކޮށްފަނެހެން ހީވީމާ އެމެރިކާ ގެ ލަޝްކަރެއް : މިހާރު މިވީ ކިހިނެއްބާ . އިތުރަށް ވަރުގަދަ ވެގެން މިއައީ.