އިންޑިއާގައި ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވި ދުވަސްވަރު، އާންމުން އެ ބަލިން ރައްކާތެރިވުމަށް މާސްކް އަޅައިގެން: މިހާރު ފެތުރެމުންދާ ކޮވިޑްގެ ވެރިއަންޓުން މާބޮޑުވަރު ނުވާ ކަމަށާއި ކަންބޮޑުވާންޖެހޭ ހާލަތެއް ނެތް ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
09 ޖޫން 2025 - 11:35
ކޮވިޑްގެ އާ ވެރިއަންޓެއްގެ ސަބަބުން އެ ބަލީގެ ކޭސްތައް އެކި ގައުމުތަކުގައި އިތުރުވަމުން ދާއިރު އިއްޔެގެ ނިޔަލަށް އިންޑިއާއިން 5،700 އަށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށާއި އެންމެ ގިނައިން ބަލި ފެންނަމުންދަނީ ކެރެލާ ސްޓޭޓުން ކަމަށް އެ ގައުމުގެ ހެލްތު އެންޑް ފެމިލީ ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.
އިއްޔެގެ ނިޔަލަށް އިންޑިއާއިން ވަނީ ކޮވިޑްގެ 5،755 ކޭސް ފެނިފަ އެވެ. އޭގެ ތެރެއިން 1،806 ކޭސް ފެނިފައިވަނީ ކެރަލާއިންނެވެ. މީގެ އިތުރުން، ގުޖަރާތުން 717، ދިއްލީން 665، ވެސްޓް ބެންގަލް އިން 622 ކޭސް ފެނިފައިވެ އެވެ.
މަހާރާޝްތުރާއިން މިހާތަނަށް 577 މީހުން ޕޮޒިޓިވްވެފައިވާއިރު، ކަރްނާޓަކާ އަދި އުއްތަރަ ޕްރަދޭޝްއިން ވަނީ 444 ކޭސް އަދި އުއްތަރު ޕްރަދޭޝްއިން 208 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. ޓެމިލް ނާޑޫއިން 194 މީހުން، ޕުޑުޗެރީއިން 13 މީހުން، ހަރިޔާނާއިން 87 މީހުން، އަންދްރަ ޕްރަދޭޝްއިން 72 މީހުން، މަދްޔަ ޕްރަދޭޝްއިން 32 މީހުން އަދި ގޯއާއިން ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އިންޑިއާގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ފުރަތަމަ 2020 ވަނަ އަހަރު ފެނުނު ނުރައްކާތެރި ވައިރަހުގެ ސަބަބުން ފާއިތުވި ހަފުތާތަކުގެ ތެރޭގައި 59 މީހަކު އިންޑިއާއިން ވަނީ މަރުވެފަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހަތަރު މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މަދްޔަ ޕްރަދޭޝް އިން 45 އަހަރުގެ އަންހެނަކާއި ޓެމިލް ނާޑޫ އިން 79 އަހަރުގެ ފިރިހެނެކެވެ. އަނެއް ދެ މީހުން މަރުވެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނިކޮށް ކަމަށް ވިޔަސް އެއީ މި ބަލީގައި މަރުވި މީހުން ކަމަކަށް އަދި ނުނިންމަ އެވެ.
ކޮވިޑް ފެތުރެމުން ދާތީ ސްޓޭޓްތައް އެލާޓުގައި އޮތް ނަމަވެސް އޮފިޝަލުން ވަނީ ކޮރޯނާވައިރަހުގެ މި ކޭސްތަކުގައި ބޮޑުވަރު ނުވާ ކަމަށާއި ބަލީގެ ހާލަތާ މެދު ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ.
އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އިން ބުނީ ހުޅަނގާއި ދެކުނުގެ ސަރަަހައްދުތަކުން ނެގި ސާމްޕަލްތަކުގެ ޖީނޯމް ސީކުއެންސިންއިން އެނގުނު ގޮތުގައި އާ ވޭރިއަންޓްތަކަކީ 2022 ވަނަ އަހަރު އިންޑިއާގައި ކޮވިޑްގެ ބޮޑު ރާޅެއް އުފެދުނު އޮމިކްރޯންގެ ސަބް ވޭރިއަންޓްތަކެއް ކަމަށެވެ. އައިސީއެމްއާރުގެ ޗީފް ޑރ. ރަޖީވް ބެހްލް ވިދާޅުވި ގޮތުގައި ފާހަގަކުރެވުނު ވޭރިއަންޓްތަކަކީ އެލްއެފް.7، އެކްސްއެފްޖީ، ޖޭއެން.1 އަދި އެންބީ.1.8.1 އެވެ.
ނަމަވެސް މިވަގުތު އިންފެކްޝަންގެ ސީރިއަސްކަން އާންމުގޮތެއްގައި ވަރަށް ކުޑަ ކަމަށާއި ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޭސްތައް އިތުރުވާ ކޮންމެ ފަހަރަކު ތިން ކަމެއް ބަލަން. ފުރަތަމަ ކަމަކީ ވައިރަސް ފެތުރޭ މިންވަރު އަދި ކޭސްތައް އިތުރުވަމުން ދަނީ ކިހާ އަވަހަކަށްތޯ. މީގެ ކުރިން އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި ދެ ދުވަސް ތެރޭ ކޮވިޑް-19 ގެ ކޭސްތައް ދެގުނަ އަށް އިތުރުވެގެން ދިޔަ. ނަމަވެސް މިފަހަރު ކޭސްތައް އެހާ ހަލުވިކަމާއެކު އިތުރުވަމުންނެއް ނުދޭ،" ޑރ. ބެހްލް ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ ކޮވިޑްގެ އާ ވެރިއަންޓެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކަމަށް ބުނެފަ އެވެ. އެ އިދާރާއިން ވަނީ މިއީ މޮނިޓަރިންގެ ހާލަތުގައި ވާ ވޭރިއަންޓެއްގެ ގޮތުގައި ގިންތިކޮށް، މިހާރު ހުރި ވެކްސިން ވެސް އާ ވޭރިއަންޓާ ދެކޮޅަށް ބޭނުންކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އާންމު ސިއްހަތުގެ ބޮޑު ނުރައްކަލެއް އާ ވޭރިއަންޓުގެ ސަބަބުން ނެތް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy