ރާއްޖޭގައި 2021 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ކުރީގެ ގައުމީ ކޯޗް އަލީ ސުޒޭން އާއި ޓީމުގެ ކުޅުންތެރިން މެޗަށް ފަހު ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އަތް ޖަހަނީ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ޖޫން 2025 - 10:35
ރާއްޖޭގެ ފުޓްބޯޅަ އޮތީ ފުން އަނދަވަޅަކަށް ވެއްޓިގަ އެވެ. ދިވެހި ފުޓްބޯޅައިގެ މައި އިދާރާގެ އެތެރޭގައި ކުރީގެ ލީޑާޝިޕުން ހިނގިކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި މަނީލޯންޑަރިންގެ އަމަލުތަކާ އެކު އެ އެސޯސިއޭޝަން އޮތީ ބަނގުރޫޓްވުމާ ކައިރީގަ އެވެ. ދަރަނި އިންތިހާ އަށް އޮތީ މައްޗަށް ގޮސްފަ އެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި އެފްއޭއެމްގެ ދަރަނި 150 މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ.
ރަސްމީ ފުޓްބޯޅަ ސީޒަނުގެ ތެރެއިން އެއްވެސް މުބާރާތެއް ނެތެވެ. ރަސްމީ މުބާރާތެއް ބާއްވާނެ ހުއްދައެއް ވެސް ފީފާ އަކުން ނުދިނެވެ. ފުޓްބޯޅައިގެ ސީނިއާ ލެވަލްގައި ޑޮމެސްޓިސް އެއްވެސް ހަރަކާތެއް ނެތި މުޅި މިދިޔަ އަހަރު ނިމިގެން ދިޔައީ އެވެ.
ޑޮމެސްޓިކް މުބާރާތެއްގެ އެއްވެސް މެޗެއް ކުޅޭނެ ފުރުސަތެއް ވެސް ނުލިބި ގައުމީ ސްކޮޑް އެކުލަވާލަން ޖެހުމަކީ ކޯޗަކަށް ހުންނަ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު ބޮލުގެ ރިހުމަށް ވާނެ އެވެ. އެ އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ގައުމީ ޓީމު ލީޑު ކުރީ ސުޒޭނެވެ. އެފްއޭމާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ކިތަންމެ ދަށް ހާލަތެއްގައި އޮތް ނަމަވެސް ބަހަނާއެއް ނުދައްކަ އެވެ. މެޗުން ބަލިވުމުން އެ ޒިންމާތައް ވެސް އޭނާ ބޮލުގައި އަޅަ އެވެ.
ގައުމީ ކޯޗުކަމުގައި އިއްޔެ އޭނާގެ މަސައްކަތް މިހާހިސާބުން ނިމުނީކަމަށް އިއުލާން ކުރުމުން، ދިވެހި ފުޓްބޯޅައިގެ އެންމެ އުނދަގޫ ދަނޑިވަޅުގައި ސުޒޭން އަދާކޮށްދިން "ގައުމީ ޒިންމާ" އަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފަ އެވެ.
ސުޒޭން ގައުމީ ޓީމުގައި
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ދިވެހި ޓީމަށް އެންމެ ބޭނުންވި ވަގުތު ސުޒޭން ކޮށްދިން ހިދުމަތް ފާހަގަ ކުރާކަމަށެވެ.
"ވަރަށް ހައްސާސް ދަނޑިވަޅެއްގައި ސީނިއާ ގައުމީ ޓީމަށް އަދާކޮށްދިން ޒިންމާ އާއި ދިގުދެމިގެންދާ ހިދުމަތަށް ކޯޗު އަލީ ސުޒޭން އަށް ޝުކުރު ދަންނަވަން،" ކުރިން ގައުމީ ޓީމުގެ ސީނިއާ ފިޒީޝަންގެ މަގާމު ވެސް އަދާކުރެއްވި މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
"ޓީމަށް އެންމެ ބޭނުންވި ދުވަސްވަރު ތިދެއްކެވި ޕްރޮފެޝަނަލިޒަމާއި ކޮމިޓްމަންޓަކީ އަގު ނުކުރެވޭ ވަރުގެ މަސައްކަތެއް."
ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ މުހިންމު ދަނޑިވަޅުގައި ސުޒޭންކޮށްދިން ހިދުމަތް ފާހަގަކޮށްފަ އެވެ.
އޭނާ ވިދާޅުވީ ދަތި ދުވަސްވަރެއްގައި ނަމަވެސް ރާއްޖެ އަށް ރީތި ނަމެއް ހޯދައި ދިނުމަށް ސުޒޭން މަސައްކަތް ކުރި ކަމަށެވެ. އެކަމަށްޓަކައި މަހްލޫފް ވަނީ ސުޒޭން އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ސުޒޭން
"ކުޅިވަރުގެ ހިދުމަތްތެރިންގެ ތެރެއިން އަލީ ސުޒޭނަކީ އެންމެ ކުރިން ނަން ކިޔޭނެ އެކަކަށް ވާނެ،" މަހްލޫފް ވިދާޅުވި އެވެ.
ކުރިން ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި މަހްލޫފް ވިދާޅުވީ އެންމެ ބޭނުންވާ ނަތީޖާ ނުނެރެދެވުމުން ކޯޗުކަމުގެ ޒިންމާއިން އެކަހެރިވުމަކީ ސުޒޭން ދައްކައި ދިން ރީތި މިސާލެއް ކަމަށެވެ.
"އެންމެ އުންމީދު ކުރި ނަތީޖާ ނުނެރެވުމުން، ކޯޗުކަމުގެ ޒިންމާއިން އެކަހެރިވެ ތިޔަ ދެއްކީ ވަރަށް ރީތި މިސާލެއް. ޓީމަށް އަދި ސުޒޭނަށް މުސްތަގުބަލުގައި ކާމިޔާބަށްއެދެން،" ސޯޝަލް މީޑިއާގައި މަހްލޫފް ލިޔުއްވި އެވެ.
ގައުމީ ޓީމުގައި ހިތްދަތި ތަޖުރިބާތަކެއް ވެސް ސުޒޭން ކުރިމަތިލި އެވެ. އޭނާގެ ކޯޗުކަމުގެދަށުން 23 އަހަރުންދަށުގެ ގައުމީ ޓީމު އޭޝިއާގެ 23 އަހަރުންދަށުގެ ކޮލިފައިން މުބާރާތަށް ތައްޔާރުވެފައި ވަނިކޮށް ޓީމު ޗައިނާ އަށް ދަތުރުކުރުމަށް ޓިކެޓް އެފްއޭއެމްގެ ކުރީގެ ލީޑާޝިޕަކަށް ހަމަޖައްސައެއް ނުދެވުނެވެ.
ރާއްޖެ އަށް ޖެހުނީ ލަދުވެތިކަމާ އެކު ކޮލިފައިންގެ އެ މުބާރާތުން ވަކިވާށެވެ. އެ ޓީމުގައި އޭރު ހިމެނުނު ކުޅުންތެރިޔެއްގެ ބަހުންނަމަ ހުރިހާ ކުޅުންތެރިންގެ ކަރު އެލިގެން ދިޔަ އެވެ. އެކަމަކު އެ އުނދަގޫ ދަނޑިވަޅުގައި ވެސް ހަމަ އެދުވަހު ސުޒޭން ނުކުތީ އަނެއްކާވެސް ގަލޮޅު ދަނޑަށެވެ. ގައުމީ ކޯޗެއްގެ ގޮތުގައި އޭނާގެ ޒިންމާ އަދާކުރުމަށެވެ. އެދުވަހު އަޅުގަނޑު ވެސް ދަނޑުގައި ހުރީމެވެ. ދަނޑުގައި އޭރު ކުރިއަށްދިޔަ މާޒިޔާގެ ޕްރެކްޓިސް ބަލަން އޭނާ ދަނޑަށް ހާޒިރުވި އެވެ. ކްލަބްތަކުގެ ޕްރެކްޓިސް ބެލުމަކީ ވެސް ގައުމީ ކޯޗެއްގެ ގޮތުގައި އޭނާ އަދާކުރާ އެއް މަސްއޫލިއްޔަތެވެ.
ގައުމީ ޓީމުގެ ޕްރެކްޓިހުގައި ސުޒޭން އިރުޝާދު ދެނީ
އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އަދި ކުރީގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) ބުނީ އޭނާގެ އެކުވެރިޔާ އަދި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މޮޅު އެއް ކޯޗު ސުޒޭނަކީ ދަނޑު ބޭރުގައި ވެސް އަދި ދަނޑުގެ އެތެރޭގައި ވެސް ޝައުގުވެރިކަމާއި ހިތްވަރާއި ކެތްތެރިކަމާ އެކު މަސައްކަތް ކުރާ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށެވެ.
"މިއަދު އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ގާތް ރަހުމަތްތެރިޔާ، އެކުގައި މަސައްކަތް ކުރި އެކުވެރިޔާ އަދި ދިވެހި ފުޓްބޯޅައިގެ އެންމެ މޮޅު އެއް ކޯޗުގެ އަގު ވަޒަންކުރަން ވަގުތުކޮޅެއް ހޭދަކޮށްލަން. ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް އޭނާގެ ޝައުގުވެރިކަމާއި، ހިތްވަރާއި ކެތްތެރިކަމާއި، ކެރުމަކީ ހަގީގަތުގައި ވެސް އިންސްޕިރޭޝަނަލް ކަމެއް،" ވިކްޓަރީގެ ހެޑް ކޯޗެއްގެ ގޮތުގައި މާއްޓޭ މަސައްކަތް ކުރި އިރު އޭނާގެ އިސް އެސިސްޓެންޓް ކޯޗުގެ މަގާމު އަދާކުރި ސުޒޭނާ ބެހޭގޮތުން މާއްޓޭ ހިޔާލުފާޅު ކުރި އެވެ.
މާއްޓޭ ބުނީ ސުޒޭނުގެ މުޅި ކެރިއަރުގައި ފަރުދާގެ ކުރިމަތިންނާއި ފަރުދާގެ ފުރަގަހުގައި ވިޔަސް އޭނާ އަކީ އަބަދުވެސް ފުޓްބޯޅައަށްޓަކައި ހުންނަ ޝަހުސިއްޔަތެއް ކަމަށެވެ.
"އޭނާ ވަނީ އެންމެ ކާމިޔާބު ދުވަސްވަރުގައި ވެސް ހިތްތިރިކަމާ އެކު މަސައްކަތްކޮށްފައި. ފުޓުބޯޅައަށް އޭނާގެ ޝައުގުވެރިކަން އޮތްވަރު ލަފުޒުތަކަކުން ހާމަނުކުރެވޭނެ،" ސޯޝަލް މީޑިއާގައި މާއްޓޭ ލިޔުނެވެ.
މާއްޓޭ ބުނީ ދިވެހި ފުޓްބޯޅައިގެ އެންމެ އުނދަގޫ ދަނޑިވަޅުގައި ކުޅުންތެރިންނާއި ފުޓްބޯޅަ އަށް ސުޒޭން އެހީތެރިވެ ދިނީ ނަމޫނާ ދައްކަމުން އިހްތިރާމާ އެކު ކަމަށެވެ.
އުނދަގޫ ދަނޑިވަޅުގައި ވެސް ސުޒޭން ދެމެހެއްޓި ހަރުދަނާ އުސޫލުތަކަށް ތައުރީފު ހައްގު ކަމަށް ވެސް މާއްޓޭ ބުންޏެވެ.
ގައުމީ ޓީމުގައި ސުޒޭން
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ދެ ވަނަ މެޗުގައި އިއްޔެ ޓިމޯ ލެސްޓޭ އަތުން 1-0 އިން ބަލިވި މެޗަށް ފަހު ގައުމީ ޓީމުގައި ސުޒޭންގެ މަސައްކަތް ވަނީ ނިމިފަ އެވެ.
އޭނާ ބުނީ އެންމެ ބޭނުންވާ ނަތީޖާ ނުނެރެދެވުމުން ދިވެހި ފުޓްބޯޅަ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
ފީފާގެ މިންގަނޑަށް ފެތޭ އެންމެ ދަނޑެއް ވެސް ނެތް ޓިމޯ ލެސްޓޭގެ ހޯމް މެޗުގެ ގޮތުގައި އެ މެޗު ކުޅުނީ އޮސްޓްރޭލިއާގަ އެވެ.
ސުޒޭން ބުނީ ދެން ގައުމީ ޓީމާ ހަވާލުވާ ކޮންމެ ކޯޗަކަށް އޭނާގެ އެއްބާރުލުމާއި ހެޔޮއެދުންތައް އޮންނާނެ ކަމަށެވެ. ގައުމީ ޓީމަށް ވެސް އެންމެ އުނދަގޫ ދުވަސްވަރު ޓީމު ލީޑް ކުރުމުގައި އޭނާ އަށް ބައިވެރިވެވުމަކީ ލިބުނު ޝަރަފަކާއި އުފަލެއް ކަމަށް ސުޒޭން ބުންޏެވެ.
"ދިވެހި ފުޓްބޯޅަ އުނދަގޫ ހާލަތެއްގައި އޮތް ދުވަހެއް [ދަނޑިވަޅެއް] ކަމުގައި ވީނަމަވެސް ގައުމީ ޓީމާ އެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާ އުފަލެކެވެ،" ސޯޝްލް މީޑިއާގައި ސުޒޭން ލިޔެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
12 June 2025
މޫނަށް ކަނދުރާއަށް ބަލައިގެން މީހުން ނަގަންވަނީ. 16 17 ގެ ކުދިން މިހާރުވެސް މާސަޅިކޮށް ކުޅޭނެ. އެކުދިންނަށް ބޭނުންވާނީ ފުރެންޑުލީ ވަރުގަދަ މެޗްތަކެއް. މިހާރު ތިކިޔާ ސީނިއާ ގައުމީ ޓީމަށްވުރެ ހާސް ބައި ރަގަޅަށް ކުޅޭނެ.
އައްމަޓީ
11 June 2025
ތި ސުޒޭނު ކިބައިން ގައުމީ ޓީމު ސަލާމަތްވެތޯ ގުނޫތު ކިޔަންވެއްޖެ މިހާރު. ސުޒޭނުމެންވެއްޖެ އެއްނު ދެން ގައުމީ ޓީމާ ނޫޅެން. ކިހާދެރަކަމެއް މީނަގެ އަމިއްލަ ތަރިކަތަ މީ؟ ނެއްޓެން ނޭނގިގެނމިއުޅެނީ؟؟ މިޒަމާނަކު ސުޒޭނުމެންނަކަށް ނުވާނެ. ދެން ގައުމީ ޓީމަށް ވައިވެސް ނޭޅޭތި! ދުއްޕާނެކޭ!!
ރަދީފްްއޮފިޝަލް
11 June 2025
ތޭންކްސް ސުޒޭން.
72658963.369
11 June 2025
ފީފާގެ މިންގަނޑަށް ފެތޭ އެންމެ ދަނޑެއް ވެސް ނެތް ޓިމޯ ލެސްޓޭގެ ހޯމް މެޗުގެ ގޮތުގައި އެ މެޗު ކުޅުނީ އޮސްޓްރޭލިއާގައެވެ. ކޮންމެ އާޓިކަލްއެއްގައި މިބައި ނެތަސް ޓިމޯ މީހުން މާޅޮ ދިވެހިންނަށް ވުރެން! ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރިޒޭ އިންނަން ޖެހެނީ ބެންޗްގައި ކަމުން ތިޔަ ކޯޗްގެ ފެންވަރު އަހަރުމެންނަށް ފެނޭ!