11 ޖޫން 2025 - 10:29
އިޓާލިއަން ލީގުގެ މެޗެއް އޮސްޓްރޭލިއާގައި ކުޅެން މަޝްވަރާތައް ފަށައިފި އެވެ.
މިކަން ހަގީގަތަކަށް ވެއްޖެ ނަމަ، މި މެޗު ވެގެންދާނީ ޔޫރަޕުން ބޭރުގައި ކުޅޭ އެ ބައްރުގެ ގައުމެއްގެ ލީގު ފުރަތަމަ މެޗަށެވެ.
އިޓާލިއަން ލީގުން ރާވަމުން އަންނަނީ، އޭސީ މިލާނާއި، ކޯމޯގެ މެޗު އޮސްޓްރޭލިއާގެ ޕާތުގެ އޮޕްޓަސް ސްޓޭޑިއަމުގައި އަންނަ ފެބްރުއަރީ މަހު ކުޅޭށެވެ.
މި މެޗަކީ، މިލާނުގެ ސެންސީރޯގައި ކުޅެން ހަމަޖެހިފައިވާ މެޗެކެވެ. އެކަމަކު ވިންޓާ އޮލިމްޕިކްސް އަށް އެ ސްޓޭޑިއަމް އެ ދުވަސްވަރު ބޭނުންކުރާނެތީވެ، ސެންސީރޯގައި އެ މެޗު ކުޅެވެން ނެތެވެ.
އެކަމަކު އެއީ މި މެޗު އިޓަލީން ބޭރުގައި ކުޅެން ޖެހޭ ސީދާ ސަބަބެއް ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިޓާލިއަން ލީގުން މި މެޗު އެ ގައުމުން ބޭރުގައި ކުޅެން ރާވަނީ، ކުރީއްސުރެ އެފަދަ ޕްލޭނެއް ގެންގުޅޭތީވެ އެވެ. މީގެ ކުރިން ސްޕެނިޝް ލީގާއި، އިނގިރޭސި ޕްރިމިއާ ލީގުން ވެސް ވަނީ އެމެރިކާގައި ބައެއް މެޗުތައް ކުޅެން ވިސްނާ ކަމަށް ބުނެފަ އެވެ.
ފީފާ އިން ކުރިން އޮތީ މިކަން މަނާކޮށްފަ އެވެ. ނަމަވެސް މިހާރު އަންނަނީ އެ ފުރުސަތު ދެވޭނެ ގޮތެއްވޭތޯ ބަލަމުންނެވެ.
ފައިސާ ހޯދުމުގެ ގޮތުންނާއި، މާކެޓްކުރުމުގެ ބޭނުމުގައި އިޓަލީ އާއި ސްޕެއިނުން މިހާރު ވެސް އަންނަނީ ސުޕަ ކަޕް ގައުމުން ބޭރުގައި ބާއްވަމުންނެވެ. އެގޮތުން ޗައިނާ، ސައޫދީ އަރަބިއްޔާ، ގަތަރު، އަދި އެމެރިކާގައި މެޗުތައް ބާއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy