ބޯޓު ވެއްޓުނު ތަނުގައި ރެސްކިއު ޓީމުތައް ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
12 ޖޫން 2025 - 20:00
މިއަދު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން އެކަކު ސަލާމަތްވެފައިވާ ކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ.
"ސީޓް 11އޭ އިން ފުލުހުންނަށް ވަނީ ފުރާނަ ހުރި މީހަކު ފެނިފައި،" އޭއެންއައި އިން ފުލުހުންގެ އިސް އޮފިސަރަކާ ހަވާލާދީ ބުނެފައިވެ އެވެ.
އޭނާ ވިދާޅުވީ އެ މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި މަރުވި މީހުންގެ އަދަދާ މެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
ފުލުސް އޮފިސަރު ވިދާޅުވީ ބޯޓު ވެއްޓުނީ މީހުން އުޅޭ ތަނަކަށް ކަމަށްވާތީ، އިތުރު މީހުން މަރުވެފައިވުން އެކަށީގެންވާ ކަމަށެވެ.
One miracle survivor on the flight — on seat 11A. He is Vishwas Kumar Ramesh pic.twitter.com/Vzzz7QzBRo
— Aman Sharma (@AmanKayamHai_) June 12, 2025
ފްލައިޓް އޭއައި171 ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް އާންމުވެފައި ވާއިރު ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ. ބޯޓު ވެއްޓިފައިވަނީ ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށްވާ ގޮތަށެވެ. ބޯޓުގެ ބައެއް ބައިތައް އެ އިމާރާތުގެ ތެރޭގައި ވެސް އެބަހުއްޓެވެ.
އަހްމަދުއާބާދުން ލަންޑަނަށް ދާން ފުރިތަނާ ވެއްޓުނު ބޯޓުގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހެކެވެ.
ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. މިއީ މި މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy