ޣައްޒާ ހިސާރުކޮށްފައި އޮތުމާ ދެކޮޅަށް ފެށި ހިނގާލުމުގައި ތޫނިސް އިން ބައިވެރިވި މީހަކު ކެމެރާއަށް ބަލަހައްޓައިގެން: މިއަދު މިސްރުން ވަނީ މި އެކްޓިވިސްޓުން ޣައްޒާގެ ބޯޑަރަށް ދިއުން ހުއްޓުވާފައި. -- ފޮޓޯ: އޭއެފްޕީ
14 ޖޫން 2025 - 20:13
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނާތީ އެކަމާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓުން މިސްރު މަގުން ޣައްޒާގެ ބޯޑަރު ކައިރިއަށް ދާން ކުރި މަސައްކަތަށް މިސްރުގެ ސަލާމަތީ ބާރުތަކުން މިއަދު ހުރަސްއަޅައި ހުއްޓުވައިފި އެވެ.
މި ގްލޯބަލް މާޗްގައި ބައިވެރިވާން ދިޔަ މީހުން އިސްމާއިލިއްޔާއަށް ދާން އުޅެނިކޮށް ހުއްޓުވީ މިސްރުގެ ވެރިރަށް ގާހިރާގެ ބޭރުން ކަމަށް މި ހިނގާލުން އިންތިޒާމްކުރާ މީހުން ވަނީ ބުނެފަ އެވެ.
ގިނަ އެކްޓިވިސްޓުންނާ އެތައް ގަޑިއިރެއް ވަންދެން ސުވާލުކުރުމަށް ފަހު ބަސްތަކުގައި ގާހިރާއަށް ފޮނުވާލާފައިވާ ކަމަށާއި އަނެއް ބަޔަކު އަދިވެސް ތިބީ ހިފަހައްޓާފައި ކަމަށް ވެސް ބުންޏެވެ.
"އަހަރެމެން ހަ ގަޑިއިރު ވަންދެން ހިފެހެއްޓުމަށް ފަހު، ސަލާމަތީ ބާރުތަކުން ވަނީ އަނިޔާވެރިކަމާ އެކު މި އެއްވުން ރޫޅާލާގައި މީހުން ފޮނުވާލާފައި،" ހިނގާލުން އިންތިޒާމްކުރުމުގައި އުޅޭ މީހަކު ބުންޏެވެ.
އެއްވުމުގައި ބައިވެރިވާން މިސްރަށް ދިޔަ މީހުންގެ ތެރެއިން އެކަކު ވަނީ ޑީޕޯޓް ވެސް ކޮށްފަ އެވެ. އަދި އެތައް ބަޔަކަށް ވަނީ ގައުމަށް ވަނުމުގެ ހުއްދަ ވެސް ނުދީ ފޮނުވާލައިފަ އެވެ.
މި ކަންކަމާ ބެހޭ ގޮތުން މިސްރު ސަރުކާރުން ވާހަކައެއް ނުދައްކަ އެވެ.
ތޫނިސް އިން ފަށައިގެން ކުރިއަށް ގެންދާ ހިނގާލުމުގައި ޣައްޒާގެ ހިސާރު ފޫވައްޓާލާނެ ކަމަށް ބުނުމާ އެކު އިޒްރޭލުން ވަނީ އެކަން އެހެން ނުކުރެވޭނެ ކަމަށް ބުނެ މިސްރުން މި ހިނގާލުން ހުއްޓުވަން ބުނެފަ އެވެ. މިސްރުން ބުނީ ޣައްޒާ ހިސާރުކޮށްފައި އޮތުމާ އެ ގައުމު ދެކޮޅު ކަމަށާއި އެކަން ނިމުމަކަށް ގެންނަން އިޒްރޭލަށް ޕްރެޝަރުކުރުމަކީ މިސްރުން ވެސް ބޭނުންވާ ގޮތް ކަމަށެވެ. އެކަމަކު ރަފަހް ބޯޑަރު ސަރަހައްދަށް ބޭރުގެ އެއްވެސް ބަޔަކު ދާ ނަމަ ކުރިން ހުއްދަ ހޯދަންޖެހޭކަން ފާހަގަކުރި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއައު
14 June 2025
މުނާފިގުން ފާޅުވެ ހާމަވާނީ ހަނގުރާމައިގެ ވަގުތުގާ. އެކަން މިދަނީ ހާމަވަމުން
މާލު
15 June 2025
100ގެ ވާހަކައެއް، ގައްޒާހަނގުރާމަޔަކީ މުސްލިމުނަށް ހެޔޮ ހަނގުރާމައަކަށް ވެއްޖެ، ބަދުރުގެ ދުވަހުގައި މަދީނާގެ މުނާފިގުންގެ ބައްޕަ(އަބްދުﷲ ބުނި އުބައްޔު) ފާޅުވި ފަދައިން މުނާފިގުން ބޭޒާރުވެއްޖެ، އަހަރެމެން އަބަދުމެ ދެނެ ތިބެންވީ މި މުނާފިގުންގެ ފަރާތުން މުސްލިމުންނަށް ހެވެއް ނާންނާނެކަން، އަދި މި ވެރިކަންތަށް ބަލިކޮށްގެން ނޫނީ ފަލަސްތީން މިނިވަން ނުވާނެކަން