"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޕޯސްޓަރެއް.
15 ޖޫން 2025 - 07:23
ނެޓްފްލިކްސް އިން ގެނެސްދޭ ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ދެ މިނެޓުގެ އެ ޓްރެއިލާއަށް މިހާތަނަށް ވަނީ 6.5 މިލިއަނަށް ވުރެ ގިނަ ވިއުސް ވެސް ލިބިފަ އެވެ.
އެ ޓްރެއިލާ މި ގެނެސްދިނީ ފަހު ސީޒަން ސްޓްރީމްކުރަން ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. "ސްކުއިޑް ގޭމް"ގެ ފަހު ސީޒަން ސްޓްރީމް ކުރަން ފަށަނީ މި މަހު 27 ގަ އެވެ.
ފަހު ސީޒަންގައި ޖުމްލަ ހަ އެޕިސޯޑު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ނެޓްފްލިކްސް އިން ވަނީ "ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ހަ އެޕިސޯޑް ތައްޔާރުކުރުމަށް 68.9 މިލިއަން ޑޮލަރު ވެސް ހަރަދުކޮށްފަ އެވެ. މިއީ މިހާތަނަށް މި ސީރީޒްގެ ސީޒަނަކަށް ކުރި އެންމެ ބޮޑު ހޭދަ އެވެ.
"ސްކުއިޑް ގޭމް"ގެ ފުރަތަމަ ސީޒަންގައި ނުވަ އެޕިސޯޑު ގެނެސްދިން އިރު، މިދިޔަ އަހަރު ގެނެސްދިން ދެވަނަ ސީޒަންގައި ހިމެނެނީ ހަތް އެޕިސޯޑެވެ. އެކަމަކު، ދެވަނަ ސީޒަންގެ އެޕިސޯޑުތަކުގެ ދިގުމިން ފުރަތަމަ ސީޒަނަށް ވުރެ ބޮޑެވެ.
އެ ސީރީޒްގެ ފުރަތަމަ ދެ ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
"ސްކުއިޑް ގޭމް"ގެ ލީޑު ރޯލު ކުޅެނީ ދެކުނު ކޮރެއާގެ އެކްޓަރު ލީ އުންޖޭ އެވެ. ފުރަތަމަ ސީޒަންއާ ހިލާފަށް ދެވަނަ ސީޒަންގެ ކާސްޓުގައި ވަނީ ދެކުނު ކޮރެއާގެ ވަރަށް މަޝްހޫރު ތަރިންނެއް ހިމަނައިފަ އެވެ. އޭގެ ތެރެއިން ބައެއް ތަރިން ފަހު ސީޒަންގައި ވެސް އުޅޭނެ އެވެ.
ފުރާނައަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، މި ސީރީޒްވީ ބޮޑު ހިޓަކަށެވެ. ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ސީރީޒަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy