16 ޖޫން 2025 - 08:21
ޕަސަޑޭނާ (ޖޫން 16) - ފީފާ ކްލަބް ވޯލްޑް ކަޕުގައި ރޭ ނިއުޒީލެންޑްގެ އޮކްލެންޑް ސިޓީއާ ވާދަކޮށް 10-0 އިން ޖަރުމަނުގެ ބެޔާން މިއުނިކް މޮޅުވި އިރު، ޔޫރަޕުގެ ޗެމްޕިއަން، ފްރާންސްގެ ޕީއެސްޖީން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 4-0 އިން ފުރިހަމަ މޮޅެއް ހޯދައިފި އެވެ.
ސިންސިނާޓީގެ ޓީއެލްކިއު ސްޓޭޑިއަމްގައި ސެމީ ޕްރޮފެޝަނަލް ކްލަބާ ވާދަކޮށް ބެޔާންގެ ފަސް ކުޅުންތެރިއެއް ސްކޯޝީޓުން ޖާގަ ހޯދި ނަމަވެސް، މެޗުގެ ފުރަތަމަ 60 މިނިޓު ކުޅުނު ފޯވާޑް ހެރީ ކޭންގެ ލަނޑެއް މި މެޗުގައި ފެނިފައެއް ނުވެ އެވެ.
ޖަމާލް މުސިއާލާ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކުރި އިރު، ކިންގްސްލީ ކޯމަން، މައިކަލް އޮލީސޭ އަދި ތޯމަސް މުލާ، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ މީގެ އިތުރުން ސާޝާ ބޯއޭ ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.
ބެޔާނާއި އޮކްލޭންޑް ސިޓީ ހިމެނެނީ އާޖެންޓީނާގެ ބޮކަ ޖޫނިއާސް އާއި ޕޯޗުގަލްގެ ބެންފީކާއާ އެކު ގުރޫޕް ސީގަ އެވެ. މި ދެ ޓީމު މިރޭ ދަންވަރު 3 ޖަހާއިރު ބައްދަލުކުރާނެ އެވެ.
ރޯސް ބައުލް ސްޓޭޑިއަމްގައި 80،600 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ޕީއެސްޖީން އެތުލެޓިކޯއާ ދެކޮޅަށް ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅެފައި ވާއިރު ފުރަތަމަ ހާފުގައި ލަނޑުތައް ޖަހައިދިނީ ފަބިއަން ރުއިޒް އާއި ވިޓީނިއާ އެވެ.
މެޗުގެ 78 ވަނަ މިނިޓުގައި އެތުލެޓިކޯގެ ޑިފެންޑަރު ކްލެމެން ލޯންލޭ އަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެން އެކަކު މަދުކޮށް ބާކީ ބައި ފުރިހަމަ ކުރަން ޖެހުނު އެތުލެޓިކޯ ކޮޅަށް ފަހު ވަގުތު ޕީއެސްޖީން ލަނޑުތައް ޖަހައިދިނީ ސެނީ މަޔޫލޫ އާއި ލީ ކަންގް-އިން އެވެ.
މޮޅުވި ނަމަވެސް ހޫނުގެ ސަބަބުން ޕީއެސްޖީގެ އަސްލު ޓެމްޕޯގައި މެޗު ނުކުޅެވުނު ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ފާހަގަ ކުރި އެވެ.
"ކުޅުންތެރިން ދެއްކި ކުޅުމާ މެދު އަހަރެން ފަހުރުވެރިވޭ. މެޗު ފެށިގެން ނިމެންދެން ކޮންޓްރޯލް ކުރީ. ހޫނުގެ ސަބަބުން އަސަރު ކުރި އެކަމަކު އެކަމަށް ހޭނިގެން އަހަރެމެންގެ ފޯކަސް ގެއްލުވާ ނުލައި ކުރިއަށް ދިޔައީ،" އެންރީކޭ ބުންޏެވެ.
"އަހަރެންނަށް އެއްވެސް ޝައްކެއް ނެތް، އަހަރެމެންނަކީ މި މުބާރާތް ކާމިޔާބު ކުރާނެ ފޭވަރިޓުން."
ޕީއެސްޖީ އާއި އެތުލެޓިކޯ އާއެކު ގުރޫޕް ބީގައި ހިމެނެނީ ބްރެޒިލްގެ ބޮޓަފޮގޯ އާއި އެމެރިކާގެ ސީޓްލް ސައުންޑާސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy