ކްރިމިނަލް ކޯޓު: ޓެސްޓުކުރަން ފޮނުވީ އަތުން ފެނުނު ޑްރަގްކަން ޔަގީން ނުވުމުން އުމުރު ދުވަހުގެ ހުކުމަކުން ވަނީ ސަލާމަތްވެފައި --
16 ޖޫން 2025 - 14:01
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ފުލުހުންގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުކޮށް އޮތުމުން، އެ މަސްތުވާތަކެއްޗަކީ ދައުވާލިބޭ މީހާގެ އަތުން ފެނުނު ތަކެތިކަން ސާބިތުކޮށްނުދެވޭތީ އެ މީހާގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން 2023 ވަނަ އަހަރު ވިލިމާލެއިން ފުލުހުން ހުއްޓުވި މީހެއްގެ އަތުން 40 ގްރާމްގެ ކެނެބިސް ފެނިފައިވާ ކަމަށް ބުނެ، ދައުލަތުން އެ މީހާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ.
އެ ދައުވާއަށް އެ މީހާ އިންކާރުކޮށް، އޭނާގެ އަތުން ފެނުނު ކަމަށް ބުނާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދާފައިވެ އެވެ. ޗެއިން އޮފް ކަސްޓަޑީއަކީ މަސްތުވާތަކެތި ފުލުހުން ހިފެހެއްޓުމަށްފަހު ލެބޯޓްރީއާ ހަމައަށް ގެންދެވެންދެން އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ރިޕޯޓެވެ.
މަސްތުވާތަކެތި ހިފެހެއްޓި ފުލުހުންގެ އޮފިސަރު ދިން ހެކިބަހުން އެނގޭ ގޮތުގައި މަސްތުވާތަކެތި ފެނުނު ދަޅު ހިފެހެއްޓުމަށްފަހު ވިލިމާލެ ފުލުހުންގެ މަރުކަޒުގެ ކައުންޓަރުގައި ގާތްގަނޑަކަށް ތިން ގަޑިއިރު ބަހައްޓާފައި ހުއްޓެވެ. އަދި ކައުންޓަރުގައި އެ ތަކެތި ހުރީ ފުލުހުންގެ އެހެން ދެ އޮފިސަރެއްގެ ބެލުމުގެ ދަށުގައި ކަމަށް ބުނި ނަމަވެސް، އެކަން ޗެއިން އޮފް ކަސްޓަޑީން އެނގޭކަށް ނެތެވެ.
"އެ މުއްދަތުގައި މި ތަކެތި ހުރި ހާލަތާއި އެ ތަކެތި ރައްކާތެރިކަމާ އެކު ބެލެހެއްޓިފައިވާ ކަމާއި އެ ތަކެތި ހުރީ ކާކުގެ ބެލުމުގެ ދަށުގައިކަން ދައުލަތުގެ ހެކިންގެ ހެކިބަހުގެ އަލީގައި ކަށަވަރުކޮށްދެވިފައެއް ނުވޭ،" އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައިވެ އެވެ.
ހުކުމްގައި ބުނީ ކުށުގެ ތުހުމަތާ ގުޅިގެން އަތުލެވޭ މަސްތުވާތަކެތި ތަހުލީލުކޮށް ހެކީގެ ގޮތުގައި ބޭނުންކުރަން އެދޭނަމަ، ފުލުހުންގެ ލެބޯޓްރީއާ ހަވާލުކުރި މަސްތުވާތަކެއްޗަކީ ތުހުމަތު ކުރެވޭ މީހާގެ އަތުން އަތުލެވުނު ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.
އެކަން ސާބިތުކޮށްދެވޭނެ އަސާސަކީ ޗެއިން އޮފް ކަސްޓަޑީ ކަމަށާއި ނަމަވެސް، ޗެއިން އޮފް ކަސްޓަޑީއާ މެދު އުފެދިފައިވާ ސުވާލަށް އެކަށީގެންވާ ގޮތެއްގައި ދައުލަތަށް ޖަވާބުދާރީވެވިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ލެބޯޓްރީން ތަހުލީލުކުރި މަސްތުވާތަކެއްޗަކީ ދައުވާލިބޭ މީހާގެ އަތުން ފުލުހުން އަތުލި ތަކެތި ކަމާ މެދު އެކަށީގެންވާ ޝައްކު އުފެދިފައިވާ ކަމަށް ހުކުމްގައި ބުންޏެވެ.
"ދައުލަތުން އެ ޝައްކު ފިލުވާދެވިފައިވާ ކަމަށް ބަޔާންކުރާ ފަދަ އެކަށީގެންވާ ސަބަބުތަކެއް ހުށަހަޅާފައި ނުވާތީ، މި ކުށާއި ގުޅޭ މާއްދީ ރުކުން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކަނޑައަޅަމެވެ. އެހެންކަމުން މި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަމެވެ،" ހުކުމްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
17 June 2025
ރާއްޖޭގެ އަލަށް ގެނައި ގާނޫނުލް އުގޫބާތަކީ ދެކޮޅުނުޖެހޭ އެއްޗެއް. އޭތި ަލުން އިސްލާހު ކޮށްގެން ނޫނީ ދެން ކުރިޔަށް ދެވޭކަށް ނެތް.
ޗޫޤީ
17 June 2025
ޗެއިންއޮފް ކަސްޓަޑީ ފުރިހަމަނުކޮށް ދައުވާކުރަން ފޮނުވާ މީހުންނަށް އެޅޭނެ ފިޔަވަޅެއްވެސް ގާނޫނުގައި ނޯވޭތަ؟ އެހާވެސް ޒިންމާދާރުކަން ކުޑަކޮށްތަ ފުލުހުން ރައްޔިތުންނަށް ޚިދުމަތްކުރަނީ؟ ފުލުހުންގެ މުއައްސަސާއެއް އޮތުމުގެ ބޭނުމެއްނެތްހެން ހީވަނީ. ހުރިހާ ފުލުހުން ޖެމްކިއުގައި ގުރިޑު ޖައްސަން ތިބެނީދޯ. އޯކޭ، އެހެންވީމާ ގުރިޑު ޖެއްސުމަކީ ގައުމީ ޚިދުމަތެއްކަމަށް ބަލައިފިން.
ނާޑުވާ
17 June 2025
މުއައްސަސާތަކުގެ ނުވަތަ އެތަނުގަ ތިބޭ ބައެއްގެ އިހުމާލުން ކުއްވެރިން ދޫވަމުން ދާއިރު އިހުމާލު ވި ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭނަމަ ތިޔަކަން ތަކުރާރު ވަމުން އަދި ގަސްތުގަ ތަކުރާރު ކުރަމުން ދާނެ. ވެރިޔެއް ވިޔަސް އަދި ސިވިލް ސާވަންޓެއް ވިޔަސް އިހުމާލުވީމަ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމް ކުރެވެންޖެހޭ. ކުށެއް ހިނގައިފި ނަމަ ކޮންމެވެސް އެކަކު ކުއްވެރި ވާން ޖެހޭ. ކުއްކުރި މީހާ ސަލާމަތއ ވި ނަމަ އޭނަ ސަލާމަތްކުރަން އިޖުރާއަތްތަށް މުގުރާލި މީހާ ކުއްވެރި ވާންޖެހޭ.
ފަނޑިޔާރު
17 June 2025
ހަމަ ގަސްތުގައި ކުރާކަމެކެވެ.
ބަޑިތަކުރު
17 June 2025
މީ ހަމަ ރާވައިގެން ހިންގާ ޖަރީމާ. ބޭނުންވާ ވަކި ބަޔަކު ސަލާމަތް ކުރުމުގެ ބޭނުމުގައި ހަދާފައިވާ އިޖްރާއަތުގެ ޤާނޫނަކީ ނާޖާއިޒް ފައިދާ ކުށްވެރިންގެ ކިބައިން މިކަމުގައި އުޅޭ ފަރާތްތަކާއި މައްސަލަ ބަލާ މީހުން ނެގުމަށް ހުޅުވާލާފައިވާ ދޮރެއް. މިގައުމުން މިފަދަ ކުށްތައް މަދުކުރަން ބޭނުންނަމަ ފުރަތަމަ ވެސް އިޖްރާއަތުގެ ގާނޫނު އުވާލަންވީ. ނޫނީ އިސްލާހުކުރަންވީ.
ާފާސިގާ އަލީ
17 June 2025
މީހަކު މަރާލިޔަސއ ތިޔަ ޗެއިން އޮފް ކަސްޓަޑީ ގޯސްވެއްޖިއްޔާ އެމީހަކު ނުމަރާކަމަށް ދޯ އެވާނީ؟؟ ތިކަހަ ތާކުން ތާކުނުޖެހޭ ގަވައިދު ހެދީމަ އިންސާފު ނުލިބި ގެއްލިދަނީ.
މޮހޮނު ސަރ
17 June 2025
ޕޮލިހުން ފެއިލްވެފަ...ދެން ޕުރޮމޯދީ ފެއިލް ވި ޕޮލިހުންނަށް!! މިކަހަލަ ކިތަށް ކޭސް!! އެންމެފަހުގެ ޖެންޒީ ކޭވެސް!! ވ. ސަލާމް
ބަބޫ
17 June 2025
މައްސަލައަކީ ޕޮލިހުނެއް ނޫން. މައްސަލަ އަކީ ކުއްވެރިން ހިމާޔަތް ކުރަން ގާނޫނު އަސާސީ ހަދާފަ އޮތުން. ފިއްޔެއްގައި މައްސަލައެއް އުޅެގެން އަދި ޕްރޮސެސްގަ ދިމާވާ ކުޑަ މައްސަލައަކުން ކުއްވެރިޔާ ދޫވެގެން ނުވާނެ. ގާނޫނު އަލުން ރިވިއު ކުރަންވީ.
އަބުދުލް ޤާދިރު
17 June 2025
ތި ބުނާ ކަސްޓަޑީއެއް ފުރިހަމަވާނީ ފުލުހުން ޖަލުގައި ބަހައްޓަން ބޭނުންވާ މީހާގެ. އެ ނޫން މީހުންގެ ފުރިހަމައެއް ނުވާނެ.
އަހް
17 June 2025
މީހަމަ ގަސްތިގައި ހިންގާ ކަންކަންބާ! ފުލުހުން މިކަމުގައި ނުހިމެނޭބާ!
ތެފައާސާ.
17 June 2025
މި ޚަބަރު ކިޔާފައި ކޮމެންޓެއް ކުރަން ހިތަށްއަރާފައިވެސް ވެފައިވާ ފޫއްސަކާއި މާޔޫސްކަމެއްގެ ބޮޑުކަމުން ކޮމެންޓެއް ކުރުމުގެ ޚިޔާލު ދޫކޮށްލައިފިން!!!