18 ޖޫން 2025 - 15:28
ރާއްޖޭގައި ބާއްވާ ފުރަތަމަ "ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް" މުބާރާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން މިއަދު ސޮއިކޮށްފި އެވެ.
އަންނަ އޮގަސްޓް 19-25 އަށް އއ. ތޮއްޑޫގައި ބާއްވާ އެ މުބާރާތަކީ އެ ރަށުގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތެވެ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (ޓީއެލްއޭސީ) އާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީ (އައިޓީޓީއޭ) އާ ގުޅިގެން އިންތިޒާމްކުރާ މި މުބާރާތުގައި ޖަރުމަނާއި ޗައިނާ އާއި ސްޕެއިނާއި އިންޑިއާ އާއި އިނގިރޭސި ވިލާތާއި އަދި އެމެރިކާ ހިމެނޭ ގޮތަށް ވިއްސަށް ވުރެ ގިނަ ގައުމުން 130 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ އެވެ.
އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މަގްސަދަކީ ތޮއްޑޫގެ ލޯކަލް ކޮމިއުނިޓީ އަށް އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ޓޭބަލް ޓެނިސް އިތުރަށް ކުރިއެރުވުމެވެ.
އެ މުބާރާތާ ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ބާއްވާ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރު ތަރައްގީ ކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި އެ މުބާރާތުގެ ސަބަބުން ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ވާނެ ކަމަށް މިރުޝާން ވިދާޅުވި އެވެ
ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، އެ ތާރީހީ މުބާރާތް ތޮއްޑޫގައި ބޭއްވުމަކީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި އެ ރަށް ޕްރޮމޯޓްވެ، ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ. ލޯކަލް ޓޫރިޒަމް ކުރިއަރުވައި، މުޖުތަމައުގެ ތެރޭގައި ކުރިއަގެންދާ މި ފަދަ ހަރަކާތްތަކަށް ދިރާގުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރެއްވި އެވެ.
މި މުބާރާތް އިންތިޒާމް ކުރާ އިހާ އެކެޑެމީގެ ފައުންޑަރު އިބްރާހިމް ލަތީފް ވަނީ އެއީ ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އަހަރުތަކެއް ވަންދެން ކުރަމުން އައި ބުރަ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށް ވިދާޅުވެފަ އެވެ.
ދިރާގުން އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy