"މޮއާނާ 2"ގެ ޕޯސްޓަރެއް.
22 ޖޫން 2025 - 06:01
ޑިޒްނީގެ ކާޓޫން "މޮއާނާ 2" އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "ޑެޑްލައިން" އިން ރިޕޯޓްކުރި ގޮތުގައި، ނިމުނު ހަފުތާގައި "މޮއާނާ 2" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއާ އެކު، އެ ފިލްމަކީ އެވަރުގެ އާމްދަނީއެއް ލިބުނު 59 ވަނަ ފިލްމަށް ވަނީ ވެފަ އެވެ.
މިދިޔަ އަހަރު ނޮވެމްބަރު 27 ގައި ޕްރިމިއާކުރި "މޮއާނާ 2"އަކީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
އެމެރިކާގެ އެކްޓަރު ޑުވޭން ޖޯންސަން (ރޮކް) އާއި އެކްޓްރެސް އައުލީއީ ކްރަވާލިއޯ އަޑުއަޅާފައިވާ "މޮއާނާ 2"އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. "މޮއާނާ"ގެ ފުރަތަމަ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު، އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބުނީ 643 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.
މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އެހެން ފިލްމުތަކުގެ ތެރޭގައި 2023 ވަނަ އަހަރު ރިލީޒްކުރި ގްރޭޓާ ގާވިގްގެ "ބާބީ" އާއި ޑިޒްނީގެ "ފްރޯޒެން 2" ވެސް ހިމެނެ އެވެ.
ދުނިޔޭގެ ބޮކްސް އޮފީހުގައި 2.92 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން އަދިވެސް އެންމެ ކުރީގައި އޮތީ 2009 ވަނަ އަހަރު ގެނެސްދިން ސައިންސް ފިކްޝަން ފިލްމު "އެވެޓާ" އެވެ. ދެވަނައިގައި، 2.79 ބިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އޮތީ 2019 ވަނަ އަހަރު ގެނެސްދިން "އެވެންޖާސް: އެންޑްގޭމް" އެވެ. އަދި ތިންވަނައިގައި އޮތީ 2022 ވަނަ އަހަރު ގެނެސްދިން "އެވަޓާ"ގެ ދެވަނަ ބައި ކަމަށްވާ "ދަ ވޭ އޮފް ވޯޓާ" އެވެ. އެ ފިލްމަށް ވަނީ 2.32 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖޭހ
22 June 2025
ހާސް ކަނޑާލާ. ނަހުއްކޮ ގެ "ސޮރީ" 2 ބިލިއަން ހަމަ ކުރާނެ!