އިރާނުގެ ހަމަލާ އަމަޡުވި ސަރަހައްދުގައި އިޒްރޭލުގެ ރެސްކިއު ޓީމު ހަރަކާތްތެރި ވަނީ --- ފޮޓޯ: އޭޕީ
22 ޖޫން 2025 - 12:32
އިޒްރޭލުގެ ސްޓްރެޓެޖިކް މުހިންމު 10 ތަނަކަށް އިރާނުން މިއަދު ވަރުގަދަ ހަމަލަތަކެއް ދީފި އެވެ.
އިޒްރޭލުން ވެސް ބުނީ، އެ ހަމަލާތައް އަމާޒުވެ 13 މީހުން ޒަހަމް ވެފައިވާ ކަމަށެވެ އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލު ނޫހުން ބުންޏެވެ.
އިރާނުން އެންމެ ފަހުން ދިން ހަމަލާތައް އަމާޒު ކުރީ އިޒްރޭލްގެ ބެންގޯރިއަން އެއާޕޯޓަށާއި އަސްކަރީ ކޮމާންޑް ސެންޓަރަކާއި އަސްކަރީ ދިރާސާ ކުރާ މަރުކަޒުތަކަށް ކަމަށް އެ ގައުމުން ބުންޏެވެ. އެކަމަކު، ހަމަލާތައް އަމާޒުވީ ކޮން ތަންތަނެއް ކަމެއް އިޒްރޭލަކުން ނުބުނެ އެވެ. ޓައިމްސް އޮފް އިޒްރޭލުން ބުނީ 10 ތަނަކަށް ހަމަލާ އަމަާޒުވި ކަމަށެވެ.
އިރާނުގެ ތަސްނިމް ނިއުސް އެޖެންސީން ބުނީ، އިޒްރޭލްގެ އަސްކަރީ ކޮމާންޑް ސެންޓަރަކާއީ އަސްކަރިއްޔާ އަށް އެކި އެހީތައް ފޯރުކޯށްދޭ ސެންޓަރަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ. ހަމަލާތައް އަމާޒު ކުރި ސިޓީތަކަކީ ހައިފާ އާއި ތެލްއަވީވް އަދި ކާމަލް އެވެ.
އިރާނުން ހަމަލާ ދިނީ ތަފާތު ދެ ވަސީލަތަކުންނެވެ. އެއީ މިސައިލާއި ތޫނު ވިހަ ދިޔާ ގޭސް ފޮނުވާލާ ވަސީލަތަކުންނެވެ.
އިޒްރޭލްގެ ހައިފާގައި އިރާނުގެ ހަމަލާ އަމާޒުވި ސަރހައްދުގައި އާންމުންގެ ބަޔަކު ހަރަކާތްތެރި ވަނީ --- ފޮޓޯ: އޭޕީ
އަލްޖަޒީރާއިން ބުނިގޮތުގައި، މީގެ ކުރިން އިރާނުން ފޮނުވާލާ މިސައިލްތަކަށް ފަހު ދެވަނަ ހަމަލާއެއް ދިނުމަށް އެއްގަޑިއިރު ހޭދާވެ އެވެ. އެކަމަކު އެންމެ ފަހުން ދިން ހަމަލާތަކުގައި ދެވަނަ ހަމަލާ އަށް އަމާޒުވީ 30 މިނިޓަށް ވުރެ ވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް އުރުދުންގައި ތިބޭ އަލްޖަޒީރާގެ ނޫސްވެރިން ބުންޏެވެ.
ކޮންމެ ހަމަލާއެއްގައި ފުލުފުލުގައި ގިނަ މިސައިލްތަކެއް ފޮނުވާލަ އެވެ.
އިޒްރޭލުން ބުނީ އިރާނުން ފޮނުވާލި ހަމަލާތަކުގެ ތެރެއިން 90 ޕަސަންޓް މިސައިލް އިޒްރޭލުގެ ދިފާއީ އައްޑަނަތަކުން ހުއްޓުވި ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނާގޮތުގައި އިރާނުން ފުރަތަމަ "ރާޅުގައި" ފޮނުވާލީ 22 މިސައިލެވެ. ދެވަނަ "ރާޅު" ގައި ފޮނުވާލީ ފަސް މިސައިލެވެ.
ހުކުރު ދުވަހުގެ ރޭ ދިން ހަމަލާތަކުގައި ވެސް އިރާނުން ވަނީ އިޒްރޭލްގެ ބެންގޯރިއަން އެއާޕޯޓަށް ހަމަލާ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy