ހޫތީންގެ އަސްކަރީ ތަރުޖަމާން: ޔަހްޔާ ސަރެއާ: ރަތް ކަނޑުން ދަތުރު ކުރާ އެމެރިކާގެ ބޯޓްތަކަށް ހަމަލާ ދޭން އެ ގުރޫޕުން ތައްޔާރު ވެއްޖެ --- ފައިލް ފޮޓޯ: ރޮއިޓަސް
22 ޖޫން 2025 - 23:19
ރަތް ކަނޑުން ދަތުރުކުރާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކާއި އެ ގައުމުގެ އެހެން ބޯޓުތަކަށް ހަމަލާ ދޭން ޔަމަނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލްކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން ތައްޔާރުވެއްޖެ އެވެ.
މިއަދު ހެނދުނު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ، އިރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް ބޮން އަޅައިފަ އެވެ. އެމެރިކާއިން އިރާނަށް ހަމަލާ ދީފިނަމަ، އެމެރިކާގެ ބޯޓްތަކަށް ހަމަލާ ދޭން ކަމުގެ އިންޒާރު ހޫތީ ގުރޫޕުން ކުރިން ވެސް އޮތީ ދީފަ އެވެ.
އެމެރިކާ އާއި ހޫތީންނާ ދެމެދު މިދިޔަ މަހު ހަމަލާ ނުދިނުމުގެ އެއްބަސްވުމެއް ގާއިމު ކުރި އެވެ. އެ އެއްބަސްވުމުގައި ވަނީ ދެ ފަރާތުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ނުދިނުމަށް އެއްބަސް ވެފަ އެވެ. ހޫތީންނާ އެކު ގާއިމު ކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ބޯޓްތަކަށް ހަމަލާ ދިނުން ހޫތީން އޭރު ހުއްޓާލި އެވެ.
އެކަމަކު ހޫތީން ބުނީ އެ ގުރޫޕަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ އިރާނަށް އެމެރިކާއިން ހަމަލާ ދީފިނަމަ ސުލްހައިގެ އެއްބަސްވުން ދެމި ނޯންނާނެ ކަމަށެވެ.
"އެހެންކަމުން ވައުދުވެފައިވާ ފަދައިން ރަތް ކަނޑުން ދަތުރުކުރާ އެމެރިކާގެ ބޯޓުތަކާއި އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށްގެން ހަމަލާ ދިނުމަށް ތައްޔާރަށް ތިބުމަށް (ހޫތީން) ގެ ސިފައިނަށް އަންގާފައިވާކަން ކަށަވަރުކޮށްދެން،" މިއަދު އެމެރިކާއިން އިރާނަށް ހަމަލާ ދިނުމުން ނެރުނު ބަޔާނުގައި ހޫތީން ބުންޏެވެ.
އެ ގުރޫޕުން ބުނީ އިރާނުގެ ސުލްހަވެރި ނިއުކްލިއަ ޕްރޮގްރާމްގެ ދަށުން ތަރައްގީކޮށްފައިވާ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ އެމެރިކާއިން ފާޅުކަން ބޮޑު ގޮތެއްގައި ހަނގުރާމަ އިއުލާން ކުރުން ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދޭން ފެށުމުން، ފަލަސްތީނުގެ ރައްޔިތުންނާ އެކު ވާކަން ހާމަކުރުމަށް ކަމަށް ބުނެ ހޫތީންގެ ގުރޫޕުން ވަނީ އިޒްރޭލަށް މުދަލާއި އެހެނިހެން ތަކެތި ފޮނުވާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ބޯޓްތަކަށް ހަމަލާ ދީފަ އެވެ.
ރަތް ކަނޑަކީ ދުނިޔޭގެ އިގްތިސޯދުގެ 15 ޕަސަންޓް ކާގޯގެ ދަތުރުތައް ކުރާ ކަނޑެވެ. އެ ކަނޑު އޮންނަނީ ޔަމަނުގެ ކަނޑުގެ އައްސޭރިއާ ވެސް އެކުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރޯރަދީފް
23 June 2025
ޔަމަނުގެ ހޫތީންނާ އެމެރިކާއާ 2 ބައިމީހުން ހަމަލާ ބަދަލުކުރުން ހުއްޓާލި އެއްބަސްވުމުގަ ވަނީ އެއްބަޔަކު އަނެއްބަޔަކަށް އިސްވެ ހަމަލާ ނުދޭހާހިދަކު މި އެއްބަސްވުން ދެމިއޮންނަގޮތަށް. އިރާނަށް އެމެރިކާއިން ހަމަލާދިނޫމަކީ އެއްބަސްވުން ބާތިލުވާނެ ކަމެއްނޫން. އެފަދަ ހާލަތެއްގަ ހޫތީން އެމެރިކާއަށް ހަމަލާ ދީފިނަމަ އޭގެން އެގިހާމަވާނީ އިރާނަކީ މެދުއިރުމަތީ ޓެރެރިސްޓް ގުރޫޕްތަކަށް ހަރަދުކުރާ ސްޓޭޓް ޑެރެރިޒަމް ދައުލަތެއްކަން.
ހޫތިންބޭ
23 June 2025
ކަލެޔަށް ނުފެނޭ ދޯ ފަލަސްތީނުގެ އެތައް ހާސް މީހުންނާއި ކުޑަކުދިން އެމެރިކާގެ ހަތިޔާރާއި އެމީހުންގެ ސަޕޯޓާއި އެކީ އިޒްރޭލުން މަރަމުންދާ ތަން؟ އެކަމާއި ދެކޮޅަށް އީރާނުން އަދި ހޫތީން ކުރާ ހަނގުރާމައިގައި އިޒްރޭލާއި އެމެރިކާ އެމީހުންނަށް ހަމަލަދެނީ. މުސްލިމުންނަކީ 1 ހަށިގަނޑެއްގެ މިސާލެއް. އެމިސާލު ބަލައިގެން އުޅެނީ އީރާނާއި ހޫތީ މުސްލިމުން. ދެން މިތިބި ސުންނީން ތިބެނީ ދުރުގަ މަންޒަރު ބަލަން އަދި އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާން.
1206
23 June 2025
އެމެރިކާ އަދި އިޒްރާއީލް ހަލާކުވެ ދިޔުމުން ނޫން ގޮތަކަށް ދުނިޔެއަށް ހަމަޖެހުމެއް ނެތް.
ޑެޑް
22 June 2025
ސާބަހޭ ހޫތީން.. މިފަހަރު ވާނެ މަނަވަރުތައް ފައްތާލާ ޓްރަމްޕޭ ކިޔާ ހހ ކުލަވަރު ދައްކާލަން..