މި ސްކީމަށް މިހާރު ފޯމު ހުށަހަޅާފައި ތިބި ހުރިހާ މީހުންގެ ޝަރުތު ހަމަވެއްޖެ ނަމަ، 4-5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރަން ޖެހޭނެ.
"ހިޔާވެހި" ސްކީމްގެ ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 ޖޫން 2025 - 12:18
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ލޯނު ދިނުމަށް ހައުސިން މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ.
އެ ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ މި ސްކީމަށް ފޯމު ހުށަހަޅާފައިވާ މީހުންގެ އަސާސީ ޝަރުތުތައް ހަމަވޭތޯ މިވަގުތު ބަލަމުން އަންނަ ކަމަށެވެ. އެއަށް ފަހު ފޯމުތައް އިވެލުއޭޓްކޮށް، ލޯނުގެ ކަންކަން ހަމަޖެއްސުމަށް ބީއެމްއެލަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް އަންނަ މަހު ބޭންކުތަކުން ފަށާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"ހިޔާވެހި" ސްކީމްގެ ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ވެސް މި ލޯނު ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މުއްތަލިބް ވިދާޅުވީ މި ލޯނު ދޫކުރުމުގެ ތަޖުރިބާއަށް ބަލައި، އަންނަ އަހަރުގެ ކުރީކޮޅުގައި ދެވަނަ ބުރަކަށް ހުޅުވާލުމުގެ ވިސްނުން ވެސް ސަރުކާރުން ގެންގުޅޭ ކަމަށެވެ.
މި މަރުހަލާގައި ދިމާވާ ދަތިތައް ހައްލުކޮށްފައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެވަނަ ބުރެއް ވެސް ހުޅުވާލާނަން: މުއްތަލިބް، ހައުސިން މިނިސްޓަރު
"އެއްވެސް ސްކީމަކީ ޕާފެކްޓުކޮށް އެގްޒެކިއުޓް ކުރެވޭ ސްކީމަކަށް ނުވެދާނެ. އެހެންވީމަ، މި މަރުހަލާގައި ދިމާވާ ދަތިތައް ހައްލުކޮށްފައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެވަނަ ބުރެއް ވެސް ހުޅުވާލާނަން، މި ބުރުގެ ތަޖުރިބާއަށް ބަލައިފައި، 2026 ވަަނަ އަހަރުގެ ކުރީކޮޅުގައި،" މުއްތަލިބް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ "ހިޔާވެހި" ސްކީމްގެ ލޯނުތައް ބީއެމްއެލް އިން ދޫކުރާނީ އިސްލާމިކް ފައިނޭންސިންގެ އުސޫލުތަކުގެ ދަށުން ކަމަށެވެ. އަދި މި ލޯނު ދޫކުރަނީ އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި ލޯނު ދޫކުރާ އެންމެ ކުޑަ ރޭޓުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީއާއެކު މިއަދު ހެދި އެއްބަސްވުމުގެ ދަށުން، ލޯނު އެޕްލިކޭޝަންތައް އެ ބޭންކަށް ލިބުމުން މަދުވެގެން ދެ ހަފުތާގެ ތެރޭގައި އިވެލުއޭޝަން ނިންމައި އަނބުރާ މިނިސްޓްރީއަށް ފޮނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ ޖުލައި މަހުގެ ތެރޭގައި ލޯނު ދޫކުރެވޭ ވަރު ކުރުން: ޝަރީފް، ބީއެމްއެލްގެ ސީއީއޯ
"އަޅުގަނޑުމެންގެ އުއްމީދަކީ ޖުލައި މަހުގެ ތެރޭގައި ލޯނު ދޫކުރެވޭ ވަރު ކުރުން،" ޝަރީފް ވިދާޅުވި އެވެ.
"ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ލޯނަށް އެދި 2،256 މީހަކު ހައުސިން މިނިސްޓްރީއަށް ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ތިން ކެޓަރީއަކުން ދޭ ލޯނަށެވެ.
• ރަށްވެހި: ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ މި ލޯނަށް 1،329 މީހަކު ފޯމު ހުށަހެޅި.
• ސަހަރު: އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ މި ލޯނަށް 586 މީހަކު ފޯމު ހުށަހެޅި.
• ފަހިމާލެ: މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ މި ލޯނަށް 341 މީހަކު ފޯމު ހުށަހެޅި.
މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، މިހާރު ފޯމު ހުށަހަޅާފައި ތިބި ހުރިހާ މީހުންގެ ޝަރުތު ހަމަވެއްޖެ ނަމަ، މި ސްކީމްގެ ދަށުން މި ބުރުގައި ޖުމްލަ 4-5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރަން ޖެހޭނެ އެވެ.
"ހިޔާވެހި" ސްކީމްގެ ދަށުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ. އަދި އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ މީހުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.
ނަމަވެސް، އާބަން ސަރަހައްދުތަކުގެ ލޯނު ނަގާ މީހުން އިކުއިޓީއަށް ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ މީހުން އިކުއިޓީގެ ގޮތުގައި 10 ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ވައުދު ފުއްދުވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އަދި މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސިމް ރިޒާ
25 June 2025
ރައްޔިތުންގެ ބޯހިޔާވެހިކަމަށް އެއްމެ ފަހުން ހައްލު ލިބިގެން މިދަނީ.
މާލެ ބުރިބުރިއަށް ނަގަން ލޯނު ނުދީބަލަ
25 June 2025
ލޯނު ދެނީ މިހާރު ގޯ ތި ދީފައި ތިބި މީޙުން ކޮންތަނެއް ބިނާކުރަންތޯ ނޫނި އެއްވެސް ގޯއްޗެއް ނެތް މީހުންނަށްތޯ ގޯތި ފަޅިއެއް އޮވެގެން. މާޅޭގައި ގޯތި ފަޅިއެއް ބުރި ބުރިއަށް ހަދަން ލޯނު ދިނުމަށްވެރު އެމީހުންގެ ކޮންމެ އާއިލާއަކަށް ބިން ދީފައި ގޯތި ފަޅި ދައުލަތަށް ނަގަ ޕާކެއް ހެދިޔަސް ރަގަޅުވާނެ.
ބަބްސް
25 June 2025
އިންޓްރަސްޓް ނަގާ ލޯނު ހަލާލު ވާނެގޮތްތަށް ކޮންމެވެސް މީހަކު ކިޔާލަދީބަލަ.
ފިތުރޯނު
24 June 2025
އިންސާފު ވެރި ކަމާއެކު ތިޔަ ލޯނުގެ ކަންތައް ދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ފުރަތަމަ ކަމަކަށް ތިޔަ ލޯނާ ގުޅޭގޮތުން މަޢުލޫމާތެއް ސާފުކޮށްލަން ޢާޢްމު ރައްޔިތަކަށް ހައުސިން މިނިސްޓްރީއަށް ގުޅިޔަސް ފޯނުވެސް ނުނަގައެވެ.
ސިޔާދު ގާސިމް
25 June 2025
ވަރަށް ބޮޑަށް މިލޯންތަކަށް މައުލޫމާތް ދިން. ކޮންމެ ކަމެއް ސިޔާސީ ކުރަން ނޫޅުއްވާ. ހެޔޮ ނުވާނެ
އޭކު ސަވާލް
24 June 2025
ތިޔަ ލޯނު ލިބޭނީ ސިޔާސީ ގޮތުން މިސަރިކާރުގެ ނުފޫޒު ގަދަ މީހުންނަށް ހެއްޔެވެ؟
ޑައިޖިން
24 June 2025
ވަރުގަދަ މެގަ ޕްރޮޖެކްޓެއް ނިންމާލީ އިނގޭ! ނޫނޭ ގަދަ ބައެއް!
ނޫރާ އިސްމާއިލް
25 June 2025
މިޔަށް ވުރެ ބޮޑު މެގޮ ޕްރޮޖެކްޓެއް ނޯންނާނެ. މިދައްކަނީ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ހައްލު ލިބޭނެ ކަމެއްގެ ވާހަކަ. 3000 އާއިލާގެ
ސަރގް
24 June 2025
ބެންކަށްވެސް ސިޔާސީމީހެއް ލައިގެން އަވަހަށް ތިތަންވެސް ފުޑާލާ
ޢަލީ ކުރުސީ
24 June 2025
ކުރިންވެސް އެއްބަސްވެފައި އޮތް ކަމެއް، ދެން ކޮންމެވެސް އެއްޗެކޭ ކިޔާފައި ފޮޓޯއެއް ނަގާލާ، ޞުރުޙީ އައް އަރާލަންވާނެތާ ދޯ؟ ތިޔައީ އެއަރޕޯޓުގެ ޓަރމިނަލް އަށް ފެންހޮޅިއެއް ގުޅާފައި ރަސްމިއްޔާތު ބޭއްވި ބައެއްނު!
މާޝް ހަމީދު
24 June 2025
މި ހަބަރު ފެނިފައި ބައްޕަ ހުރީ ނިކަން އުފަލުން. ނުހެދި ހުރި ގެ ހެދޭނެ ކަން ޔަގީން ވެގެން މިދިޔައީ.
ސުހާނާ ސައީދު
24 June 2025
މީގެ ސަބަބުން ބޯހިޔާވެހިކަމަށް ނުހަނު ބޮޑު ހައްލެއް ލިބިގެން ދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް. މީ ސަރުކާރަކުން ކުރާނެ އެއްމެ ރަނގަޅު އެއްކަމަށް ވާނެ.