އީރާންގެ ހަމަލާއެއްގައި އިޒްރޭލުން ހަލާކުވި އިމާރާތެއްގެ ކައިރީ ސިފައިންގެ ބަޔަކު ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
24 ޖޫން 2025 - 12:27
އިޒްރޭލާއި އީރާނުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި ގޮތަށް އެއްބަސްވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވެސް ބުނެފި އެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ މިކަމާ ގުޅޭ ގޮތުން މިއަދުގެ ފަހުގެ ވަގުތެއްގައި ބަޔާނެއް ދޭނެ ކަމަށެވެ.
އިޒްރޭލުން އީރާންގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކާ އެމެރިކާއިން ބައިވެރިވެ އީރާނަށް ބޮން އެޅުމާ އެކު އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އެއާ އެކު ހަނގުރާމަ އިތުރަށް ފެތުރި ނުރައްކާ ވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.
އޭގެ ފަހުން ޓްރަމްޕު ވަނީ އީރާނާއި އިޒްރޭލުން ވެސް ހަމަލާތައް ހުއްޓާލަން އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ދެ ފަރާތުން ވަނީ ޖީއެމްޓީ ގަޑިން ރޭ 3:00 އިން ފެށިގެން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ކަމަށް ޓްރަމްޕު އިއުލާނުކުރެއްވި އެވެ.
ނަމަވެސް އީރާނުން ބުނެފައިވަނީ އެއްބަސްވުމެއް ނެތް ކަމަށާއި އެކަމަކު އީރާނަށް އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް އިޒްރޭލަށް ހަމަލާ ނުދޭނެ ކަމަށެވެ. އިސްވެ ހަމަލާދޭން ފެށީ ވެސް އިޒްރޭލުން ކަމަށާއި އެހެންވެ އީރާނަށް ހަމަލާ ދިނުން ހުއްޓާލައިގެން އޮންނަ ނަމަ އިޒްރޭލަށް ހަމަލާ ދިނުމުގެ ނިޔަތެއް ނެތް ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގާޗީ ވަނީ ވިދާޅުވެފަ އެވެ.
އޭނާ މިހެން ވިދާޅުވި ފަހުން އީރާނުން ވަނީ އިޒްރޭލަށް ފަސް ފަހަރެއްގެ މަތިން މިއަދު ހަމަލާ ދީފަ އެވެ. އެކަމަކު އެއީ ހަމަލާ ދިނުން ހުއްޓާލުމަށް ކަނޑައެޅި ކަމަށް ބުނާ ވަގުތުގެ ކުރިންނެވެ. އީރާންގެ ގައުމީ ޓީވީން ފަހުން ބުނި ގޮތުގައި އެއީ ހަމަލާތައް ހުއްޓާލުމުގެ ފަހު މިސައިލްތަކެވެ. އެ ހަމަލާތަކުގައި އިޒްރޭލުން ގަތަރު މީހަކު މަރުވެފައިވެ އެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި ހަމަލާތައް ހުއްޓާލުމުގެ މަރުހަލާ 24 ގަޑިއިރަށް ދެމިގެންދާނެ އެވެ. އަދި އިޒްރޭލާއި އީރާން ސުލްހަވެ އެގޮތުގައި އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހަފުތާއެއް ވަންދެން އީރާނަށް ދިން ހަމަލާތަކުގައި އަސްކަރީ ވެރިންނާއި ނިއުކްލިއާ ސައިންސްވެރިންގެ އެތައް ބަޔަކު އަވަހާރަކޮށްލާފައި ވާއިރު މަރުވި ޖުމްލަ އަދަދު 400 އަށް އަރަ އެވެ. އީރާންގެ ހަމަލާތަކުގައި އިޒްރޭލުން ވެސް ތިރީހަކަށް މީހުން މަރުވި ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހމނ
24 June 2025
ޢަރަބި ހުރިހައިޤައުމަކާއިކުޅުނަސް އީރާނަކާނުކުޅެވޭނެ. ޢަރަބީންގެތެރޭގައި ހިތްވަރުގެގޮތުން ގަދަބާރެއް. ފިސާރި ހަނދާންހުންނަވަރުގެ ލަގާއެއްނުދޭނެކަމަށް ތޮޅެގެނެއްނުވާނެކަން ޓުރަންޕަށް ނުވިސްނުނަސް އިޒްރާއީލަށް ވިސްނޭނެ.
ޙާމަނާއީ
24 June 2025
ސުންނީ ޤައުމަކަށް ނުކެރުން މިވަރަށް އިރާނުން އިޒްރޭލަށް ޙަމަލާދިން އިރު ފަލަސްތީނުގެ ޙައްޤުގައި އެންމެ މިސައިލެއްވެސް ފޮނުވާލާކަށް.. އިޒްރޭލަށް ފޮނުވާ މިސައިލްތައް ވައިގެތެރެއިން ގޮއްވާލަން އެހީތެރިވީ.. ކޮންމެހެން އިރާން އަކަށް އެކަންޔެއް ނުޖެހޭ ފަލަސްތީނު މިނިވަންކުރަން ހަނގުރާމަކުރާކަށް..
ރަދީފްއޮފިޝަލް / ބަތަންޔާހޫގެ އޮފީސް
24 June 2025
މީގަ މޮޅީ އިރާނުގެ ޓެކްޓިކްސްކަން މިއޮތީ ދުނިޔެއަށް ފެންނަން. ނަތަންޔާހޫ ތޯ ދެން ތެއިހެއި މީހުންނާއެކީ ސަންދޯކް ޖަހަގަނު.
ކިއްލި
24 June 2025
ހަދާނެއެއްޗެއް ހަދާފާ އިޒްރޭލުވެސް ބިމާ ހަމަވީމާ، އީރާނުންވެސް ވާނެ ހަމަލާތައް ހުއްޓާލަން އެއްބަސްވާން. އެއިރުންތާ ހަމަހަމަވާނީ. އިޒްރޭލުގާވެސް ހުރެގެން ނުވާނެ ކޮޅަށްހުރި އެންމެ އިމާރާތެއްވެސް. ފަލަސްތީނާ ގާޒާއަށް ކުރަމުންދާ ކަންކަން ހަމަޔަކަށް އެޅި އިޒްރޭލުން ބައިލައްކަމީހުން މަރާނުލެވެނީސް ތިޔަ ހަނގުރާމަ ހުއްޓާނެކަމެއްނެތް.
ޢަލީބެ
24 June 2025
ޙަމާސް އާއެކީވެސް ތިގޮތަށް ހުއްޓާލި. ރިލޯޑުކުރަން ފުރުސަތު ހޯދަނީ
ފެކްޓްް
24 June 2025
އެއްބަސް ނުވާތި! އެއުޅެނީ ހުރިހާ ބޮންތަކާ މިސައިލްތަކާ ބަޑިތަކަށް ވަޒަނާ ޖެޓުތަށް މަރާމާތުކުރަން ވަގުތު ހޯދަން. ތިގޮތަށް ކިތައްފަހަރު މިހާރު ފަލަސްޠީނުގައިވެސް ހުއްޓާލާފައޭ ބުނެފި. ތިއީ ޔަހޫދީން، އަހުދެއްވެއްޖެނަމަ އެއާ ޚިލާފުވާނެކަމަށް އަންގަވާފާވޭ. މިކަން ފަހުމުނުވަނީ ވެރިކަމާ ނަސަބާ އިއްޒަތަށް މިއުޅޭ "އެމެރިކާވަންތަ ސުންނީންނަށް". ވެދުން
އަހުމިއްޓޭ
24 June 2025
ތިޝީޢީންވެސް ހަމަ އެހެން. އެހެންނޫންނަމަ ގާޒާ މިނިވަންކުރީސް ތިއީރާނުން.