އީރާންގެ ގައުމީ ޓީވީން އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހިތާބު ދައްކަނީ
26 ޖޫން 2025 - 16:39
އިޒްރޭލާއި އީރާނާ ދެމެދު ކުރި ހަނގުރާމައަށް ފަހު އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފި އެވެ.
އީރާންގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްވި ބަޔާނުގައި ޚާމަނާއީ ވިދާޅުވީ އިޒްރޭލާއި އީރާނާ ދެމެދު ބަދަލުކުރި ހަމަލާތަކުގެ ތެރެއަށް އެމެރިކާ ވަދެ އީރާނަށް ހަމަލާ ދިނީ ޒަޔަނިސްޓް ދައުލަތް އެކީ ނެތި ހިނގައިދާނެ ކަމުގެ ބިރަށް ކަމަށާއި އެމެރިކާއަށް މި ހަނގުރާމައިން ލިބުނު އެއްވެސް މޮޅެއް ނެތް ކަމަށެވެ.
"މި ހަނގުރާމައިން އެމެރިކާއަށް ލިބުނު އެއްވެސް މޮޅެއް ނެތް،" ހަނގުރާމަ ކާމިޔާބުކުރީ އީރާނުން ކަމަށް އިއުލާނުކުރައްވަމުން ޚާމަނާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހަނގުރާމަ އަކީ އެމެރިކާގެ މޫނުމަތީގައި ޖެހުނު ވަރުގަދަ އެތިފަހަރެއް ކަމަށެވެ.
އެމެރިކާއިން އީރާނަށް ބޮން އަޅައިގެން ލިބުނު ކަމަށް ބުނާ ގެއްލުންތަކުގެ ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވާއިރު އެއީ މިނަށްވުރެ ބޮޑުކޮށްލައިގެން ދައްކަވާ ވާހަކަތަކެއް ކަމަށް ވެސް ޚާމަނާއީ ވިދާޅުވި އެވެ.
"އެމެރިކާގެ ރައީސް ގެންދަވަނީ ހަމަލާތަކުގެ ނަތީޖާ ކަމަށް ވިދާޅުވެ އާދަޔާ ހިލާފް ގޮތްގޮތަށް ވާހަކަ ދައްކަވަމުން. މިކަމުން އެނގެނީ މިނަށްވުރެ މިކަން ބޮޑުކޮށްލައިގެން އުޅޭކަން،" އިޒްރޭލާއި އީރާނުން 12 ދުވަހަށް ފަހު ހަމަލާތައް ހުއްޓާލިތާ ދެ ވަނަ ދުވަހު ދެއްވި ބަޔާނުގައި ޚާމަނާއީ ވިދާޅުވި އެވެ.
ހަނގުރާމައިން އެމެރިކާއަށް ލިބުނު މޮޅެއް ނެތް ކަމަށް ވިދާޅުވެ ޚާމަނާއީ ވަނީ ނިއުކްލިއާ ފެސިލިޓީތަކަށް ވެސް ފާހަގަކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ނުވާ ކަމަށް ވިދާޅުވެފަ އެވެ.
"އީރާނުން ކާމިޔާބީ ހޯދައިފި. އީރާންގެ ރައްދު ހަމަލާ އަކީ އެމެރިކާގެ މޫނުމަތީގައި ޖެހުނު ވަރުގަދަ އެތިފަހަރެއް،" ގަތަރުގައި އެމެރިކާއިން ގާއިމުކޮށްފައިވާ، މެދުއިރުމަތީގައި ހުންނަ އެ ގައުމުގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާއަށް އިޝާރާތްކުރައްވަމުން ޚާމަނާއީ ވިދާޅުވި އެވެ.
އީރާންގެ ހަމަލާތަކުގެ ސަބަބުން ޔަހޫދީ ދައުލަތް "ގާތްގަނޑަކަށް ފުނޑުފުނޑު ވެފައި" ވާ ކަމަށް ވިދާޅުވެ ޚާމަނާއީ ވަނީ މުޅި އީރާނަށް މަރުހަބާ ވިދާޅުވެފަ އެވެ.
އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާއިން ދިން ހަމަލަތަކާ އެކު ފެށުނު ހަނގުރާމައިގެ ކާމިޔާބީ ޚާމަނާއީ އިއުލާނުކުރެއްވި އިރު އިޒްރޭލުން ވެސް ވަނީ ކާމިޔާބުވީ އެ މީހުންނަށް ކަމަށް ބުނެފަ އެވެ. އީރާންގެ ނިއުކްލިއާ މަޝްރޫއު އެތައް އަހަރެއް ފަހަތަށް ޖައްސާލެވިފައިވާ ކަމަށާއި އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު ނުހޯދޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުާދު
27 June 2025
ދެން ގާޒާ މިނިވަން ވެއްޖެތަ؟
މަތީނު
27 June 2025
ފުރަތަމަ ކަމަކަށް، ގާޒާއެއް ނޫން. ޣައްޒާ. ދެވަނަ ކަމަކަށް، އީރާނުން ޙަމަލާ ބަދަލުކުރީކީ ޣައްޒާ މިނިވަންކުރާކަށް ނޫން. އަމިއްލަ ދިފާޢުގަ. ތިންވަނަ ކަމަކަށް، ޣައްޒާ އާ މާ ކައިރީގައި ސުންނީ މުސްލިމް ޤައުމުތަކުން ކީއްތަ ކުރަނީ. ޣައްޒާ މިނިވަންކުރުމަކީ، ޝިޢައީ އީރާނުގެ އެކަނި ޒިންމާއެއްތަ؟
ދެރަވޭ ވަރަށް
27 June 2025
އީރާނުން އިޒްރޭލައް ފުނުވާލި މިސައިލްތައް ވަރަށް މަދު އަހަރެން އުންމީދުކޮށްގެން ހުރީ 2000 މިސައިލުގެ ރާޅެއް ކޮންމެ 15 ގަޑިއިރަކުން ވީއްލާނެކަމަށް.. އިޒްރޭލްގެ ހުރިހާ އެއަޕޯޓްތަކާއި ،ލެބޯޓަރީ،ވިޔަފާރި ބަނދަރުތަކާއި،ކާގޯ ޝިޕްތަކާއި،އަސްކަރީ މަރުކަޒުތަކާއި، ސިފައިންގެ ސީނިއަރ މީހުންގެ ގެތަކާއި ހުރިހާތަނެއް ގޮއްވާލަންޖެހޭނީ. އެވަރު އީރާނުން ނުކުރީމަ ކަޑަ
އެޑްވައިޒަރު2
27 June 2025
ހަނގުރާމައަކީ ސްޓްރެޓެޖިކް އެތައް ގޮތަކުން ވިސްނައިގެން ކުރާ ކަމެއް. އެމެރިކާގެ ބޭސްތަކަށް ހަމަލާ ދިނުމުގެ ކުރިން ނޮޓިފައި ކޮށްފައިވަނީވެސް ސްޓްރެޓެޖިކް ގޮތުން. ހިސާބަށްވުރެ ބާރަށް ދުއްވައިގަނެފިނަމަ އަނގަވަތަށް ބަންޑުން ވެއްޓިދާނެ. ޙަޤީޤަތަކީ އެމެރިކާއަކީ އީރާނަށްވުރެ މިލިޓަރީގޮތުން އެތައްގުނަ ބާރުގަދަ ބައެއް. އެކަން ދެނެތިބެގެން އީރާނުން ހަނގުރާމަކޮށްފައިވަނީ. އެއީ ނޭފަތު ކުރިއަށް ވިސްނައިގެން ކުރާ ކަމެއް ނޫނޭ، މރ. އެޑްވައިޒަރ.
އެޑްވައިސަރ
27 June 2025
އެމަރިކާ އީރާނައްވުރެ ވަރުގަދަ ނުވާނެ ހަނގުރާމަ ކޮއްފިއްޔާ އެމަރިކާ ޒަމާންދާނެ މެދުއިރުމަތިން
ލެއްގިކޮމިޝަނަރ
26 June 2025
މަބުނާނެ އެއްޗެއްނެތް! ތިހަނގުރާމައިގަ ބަލިވިބަޔަކުނެތް. އިރާނުގެ 500ހާމީހުން މަރުވި. ސީނިއާ ރޭންކުގެ އެތަކެއްޖެނެރަލުންނާ ނިއުކުލިއަ ސައިންޓިސްޓުން މަރުވެއްޖެ. އިޣުތިސާދަށް ހީނުކުރާވަރުގެ ގެއްލުންވެއްޖެ. އިޒްރާލުގެ 30 މީހުންމަރާލާ ހައިފާއާ ތެލްއަވީވްގެ އިމާރާތްތައް ބިމާހަމަކޮށްލާ، ޤަތަރުގަހުރި އެމެރިކާގެ އެއާބެސްއަށް އެއްމިސެއިލް ފޮނުވާލެވުނީމަ ތިލިބުނީ ވަރަށްބޮޑު ކާމިޔާބެއް. މަރުހަބާ ޚާމަނާއި
ޙެހެހެ
27 June 2025
ރަސޫލު ޒަމާނުގަ ކުރި ހަނގުރާމަތަކިގަވެސް ނަޞްރުލިބޭ ބަޔަކީ އެންމެ ގިނަ މީހުން މާރާލެވުމުނު ބަޔަކަށް ލިބޭ އެއްޗެއް ގޮތަށް އޮންނަ އެއްޗެއް ނޫން..
ފަރުހާދު11
27 June 2025
ދޮންކަލޯމެން ހޭލާތިބެގެން ތިޔަބަލާ ފުޓްބޯޅަ މެޗްތަކުގައިވެސް ނަތީޖާ މުހިއްމީ. ތިމާގެ ޓީމަށް ގެއްލުން ލިބި، ރަތްކާޑު ދެއްކިވަރެއްނޫން. 2 ރަތް ކާޑާއެކުވެސް ތަށި އުފުލާ ލެވިއްޖެއްޔާ އެ މޮޅުވީ. ހަނގުރާމައަކީ ދެފަރާތަށްވެސް ގެއްލުންވާނެ އެއްޗެއް. ނެރެން ބޭނުންވި ނަތީޖާ ނެރެވުނީ އިޒްރޭލަށްތޯ އިރާނަށްތޯ އިރާނު އައިއޭއީއޭގެ މުހާހަދާއިން ވަކިވަނީ. ދެން ބަތާނަބައި ދައްކާކަށެއް ނުޖެހޭނެ. ގައްޒާ ހަނގުރާމަ 2 ހަފްތާ ފަހުން ނިންމަން އެންމެފަހުން އެއްބަސްވީ
ލެއްގިކޮމިޝަނަރ
27 June 2025
ޚެހެހެއަށް އަދިވާނުވާ ނޭންގިދާނެ. ރަސޫލާގެ ހަޔާތުގައި ކުރި ހަނގުރާމަތަކުގަވެސް ބަލިވުމާއި މޮޅުވުން ކަނޑައަޅަނީ ހަނގުރާމައިގަ މަރުވިމީހުނާ ލިބުނު ގެއްލުމުގެ މައްޗަށް. އުހުދު ހަނގުރާމައަކީ މުސްލިމުން ބަލިވި ހަނގުރާމައެއް. މަރުވި މީހުންގެއަދަދާ ލިބުނު ގެއްލިމަށް ބަލާއިރުވެސް މުސްލިމުން ބަލިވީކަމަށް ރަސޫލާވެސް ހަދީޝްކުރައްވާފައިވޭ. ޚާލިދުބިން ވަލީދަކީ ދުވަހަކުވެސް ހަނގުރާމައަކުން ބަލިވި މީހެއްނޫންކަމަށް ރަސޫލާގެ ސިޔަރަތުން ސާބިތުވެސްވޭ
އަބޫޖަހުލު
27 June 2025
މަރުވާ މީހުނަށް އެކަނި ބަލައިގެން މޮޅުވާ މީހުން ނިންމޭނީ ދެބައިމީހުންގެ މޯޓިވް އަކީ އެއީ ކަމަށް ވާނަމަ. ކަނޑިހިފައިގެން އެކަކު އަނެކަކު ގަތުލުކޮށް މޮޅުވާމީހާ ކަނޑައަޅަން މީ އުހުދު ހަނގުރާމައެއްނޫން. ސްޓްރެޓީޖިކް ވިސްނުމެއްގައި ދެފަރާތުން ހަމަލާ ބަދަލު ކުރީ. އިޒްރޭލުން ހަނގުރާމަފެށި ސަބަބުތަކާއި ބޭނުންވި އެއްވެސް ކަމެއް ހާސިލްލުނުވި.
ޑައުންޑައުން
26 June 2025
އެމެރިކާ ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން ޑައުން
ރަދީފްއޮފިޝަލް / އިރާން ޒިންދާބާދް
26 June 2025
ސާބަހޭ ރޫހީ ލީޑަރު.