ދުނިޔެ / ރަޝިއާ

ރަޝިޔާ އަށް ލީބިޔާ މައްސަލަ ހައްލު ކުރެވޭނެތަ؟

ލީބިއާގައި އައިއެސްއާ ދެކޮޅަށް ސަރުކާރު ސިފައިން ހަރަކާތްތެރި ވަނީ: ލީބިޔާއަށް ސުލްހަ ގެނައުމުގެ ނަމުގައި ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުން. --ފޮޓޯ:އޭއެފްޕީ

ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި މީގެ އަހަރުތަކެއް ކުރިން ރަޝިޔާ ގެންގުޅުނު ސިޔާސަތު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެމެރިކާ އާއި ނޭޓޯ ސިފައިން އިރާގަށް އަރައިގަތް އިރު، ރަޝިޔާ އޮތީ ދުރުގައި ކުޅި ބަލާށެވެ. ލީބިޔާއާ ދެކޮޅަށް އެމެރިކާ އިން ހަނގުރާމަ އިއުލާންކުރި އިރު ވެސް ރަޝިޔާގެ މާ ބޮޑު ދައުރެއް ނެތެވެ.

ނަމަވެސް މިއަދު ރަޝިޔާގެ ސިޔާސަތު ބަދަލުވެފައިވަނީ، ކުޅި ބަލަން އޮތުމުގެ ބަދަލުގައި ކުޅިފަސް އަތުލުމަށް މަސައްކަތް ކުރުމަށެވެ. ސީރިޔާގެ ހަނގުރާމައިގައި ރަޝިޔާ ސިފައިން އަމަލީ ގޮތުން އަންނަނީ ބައިވެރިވަމުންނެވެ. ލީބިޔާގެ ހަނގުރާމައިގައި ވެސް ރަޝިޔާގެ އަސްކަރިއްޔާގެ ދައުރު ވަރަށް ބޮޑެވެ.

ލީބިޔާ ހަނގުރާމައިގައި ރަޝިޔާގެ ބައިވެރިވުން ފެނިގެން ދަނީ، ލީބިޔާގެ ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ޚަފްތަރަށް ވާގިވެރިވުމުގަ އެވެ. ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ގައުމުގެ އަސްކަރިއްޔާ ވެސް ވަރަށް ބޮޑަށް ބައިބައިވެފައި ވުމުގެ އިތުރުން، ހަތިޔާރު އެޅި އަސްކަރީ ޖަމާއަތްތައް ވަނީ އުފެދިފަ އެވެ. އޭގެ ތެރެއިން ވެސް ރަޝިޔާގެ މަދަދާއި އެހީތެރިކަން ލިބެމުން އަންނަނީ ޖެނެރަލް ޚަލީފާ ހަފްތަރަށް ވަފާތެރި ސިފައިން އެކުލަވާލާފައިވާ ލަޝްކަރަށެވެ.

އެ ގޮތުން ރަޝިޔާގެ އެންމެ ބޮޑު އަމާޒަކީ، ލީބިޔާގެ އަސްކަރީ ޖަމާއަތްތަކާ އެކު ރަނގަޅު ގުޅުމެއް އުފައްދައިގެން އުތުރު އެފްރިކާގައި ރަޝިޔާގެ ފައިތިލަ ހަރުކުރުމެވެ. އެހެން ނަމަވެސް ރަޝިޔާގެ ސިފައިން ލީބިޔާ އަށް ނުފޮނުވާނެ ކަމަށް ރަޝިޔާ އިން ބުނެ އެވެ.

ރަޝިޔާ އިން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތްތައް ސުލްހަ ކުރުމަށްޓަކައި މެދވެރިއެއްގެ ދައުރު އަދާ ކުރުމަށެވެ. އޭގެ ބޭނުމަކީ ހުޅަނގުގެ ނޫފޫޒާއި އަލަށް އުފެދިގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނުފޫޒުގެ ދަށަށް އުތުރު އެފްރިކާ ސަރަހައްދު ދިޔަ ނުދީ، އެ ސަރަހައްދުގައި ރަޝިޔާގެ ސިޔާސީ ބާރު ފެތުރުމެވެ.

ނަމަވެސް މި ކަމުގައި ރަޝިޔާ އަށް އަދާ ކުރެވެން އޮތް ދައުރު ވަރަށް ހަންޏެވެ. ސަބަބަކީ ލީބިޔާގެ އަސްކަރީ ޖަމާއަތްތަކަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހީތެރިވުމުގެ ފުރިހަމަ ގާބިލުކަން މިވަގުތު ރަޝިޔާގައި ނެތުމެވެ. ރަޝިޔާގައި ހަތިޔާރު ނެތިގެންނެއް ނޫނެވެ. އިގްތިސާދީ މައްސަލަތަކާ ހުރެ، އެ ފަދަ ޚަރަދުތައް ކުރެވެން ނެތީމަ އެވެ.

ޖެނެރަލް ޚަލީފާ ހަފްތަރުގެ ސިފައިން މިދިޔަ ހަފުތާގައި ވަނީ ލީބިޔާގެ ދެ ތެޔޮ ބަނދަރު ކަމަށްވާ ރައުސުލް އަނޫފް އާއި އައްސިދާރް ހިފައިފަ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ބަނދަރުގެ ސަލާމަތީ ކަންތައް ކަށަވަރުކުރުމުގައި އެހީތެރިވެދެނީ ރަޝިޔާގެ އަމިއްލަ އަސްކަރީ ކުންފުންޏަކުންނެވެ. ނަމަވެސް ރަޝިޔާގެ ރަސްމީ އިދާރާތަކުން އެކަން ދޮގު ކުރެ އެވެ.

ލީބިޔާގައި މިހާރު ދެ ސަރުކާރެއް އުފެދިފައިވާ އިރު، ގިނަ ގައުމުތަކުން ބަލައިގެންފައިވަނީ އދ.ގެ ވެސް ތާއީދާ އެކު، ބޮޑުވަޒީރު ފަޔާޒް ސައްރާޖު އެކުލަވައިލައްވާފައިވާ ސަރުކާރެވެ. ނަމަވެސް ޖެނެރަލް ހަފްތަރު ހަނގުރާމަ ކުރަމުން ދަނީ ބޮޑުވަޒީރު ފަޔާޒްގެ ސަރުކާރާ ދެކޮޅަށެވެ.

މި ދަނޑިވަޅުގައި ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަމުން ދަނީ، ލީބިޔާގެ އިދިކޮޅު ހުރިހާ ވާދަވެރިން ވެރިކަމުގައި ބައިވެރިވާ ފަދަ ސިޔާސީ ހައްލެއް ހޯދޭތޯ އެވެ. އޭގެ ތެރޭގައި ހަރުކަށި އިސްލާމީ ޖަމާއަތްތައް ވެސް ހިމެނެ އެވެ.

ނަމަވެސް މިފަދަ ސަރުކާރެއް ގާއިމުކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެންމެ ވަރުގަދަ އިދިކޮޅު ޖަމާއަތް ކަމުގައިވާ ޖެނެރަލް ހަފްތަރުގެ ލަޝްކަރުން އެކަމަށް ދެކޮޅު ހެދުމެވެ. ޖެނެރަލް ހަފްތަރަށް އޮތް އެންމެ ބޮޑު ހަމަޖެހުމަކީ ރަޝިޔާގެ އިތުރުން، މިސްރާއި އެމިރޭޓްސް އަދި ފަރަންސޭސި ވިލާތުގެ ތާއީދު އޭނާ އަށް އޮތުމެވެ.

ޖެނެރަލް ހަފްތަރަށް އެންމެ ފުރަތަމަ ތާއީދު ކުރި ފަރާތަކީ މިސްރު ސަރުކާރެވެ. ރަޝިޔާ އަކީ މިސްރާ އެކު ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. މިކަން މިހެން އޮއްވައި، މިސްރާއި މެދުއިރުމަތީގައި އައިއެސްގެ ނުފޫޒު ފެތުރުނަ ނުދިނުމަށް މިސްރާ އެކު ރަޝިޔާ އިން މަސައްކަތް ފެށި ދުވަސްކޮޅު، ޖެނެރަލް ހަފްތަރު ވެސް ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރީ އެވެ.

އެހެންކަމުން ރަޝިޔާ އަށް ޖެނެރަލް ހަފްތަރު ފެނުނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި މުހިންމު ބައިވެރިއެއްގެ ގޮތުގަ އެވެ. ސަބަބަކީ ލީބިޔާގެ އަސްކަރިއްޔާ ބައިބައިވެގެން އުފެދުނު ތަފާތު އަސްކަރީ ޖަމާއަތްތަކުގެ ތެރެއިން އެންމެ ވަރުގަދައީ ޖެނެރަލް ހަފްތަރުގެ ލަޝްކަރު ކަމަށްވާތީ އެވެ.

ނަމަވެސް ސުވާލު އުފެދެނީ ލީބިޔާ ހަނގުރާމައިގައި ރަޝިޔާ އަދާކުރަމުންދާ ދައުރުގެ ތެރެއިން ރަޝިޔާ ބޭނުންވާ މަގްސަދު ހާސިލު ކުރެވިދާނެ ހެއްޔެވެ؟ އެއީ އުތުރު އެފްރިކާގައި ރަޝިޔާގެ ނުފޫޒު ކަށަވަރު ކުރުމެވެ؟

ލީބިޔާގެ އަސްކަރީ ޖަމާއަތްތަކުގެ އަމާޒަކީ، އެހެން ހުރިހާ ޖަމާއަތްތަކުގެ މައްޗަށް ގަދަވެގަތުމަށް ފަހު، އެއިން ކޮންމެ ބަޔަކު ލީބިޔާގެ ވެރިކަމަށް އައުމެވެ. ޖެނެރަލް ހަފްތަރުގެ އަމާޒަކީ ވެސް އެއީ އެވެ. ނަމަވެސް އޭގެ ތެރެއިން ވަކި ބަޔަކަށް ވެރިކަން ހޯދައިދިނުމަކީ ރަޝިޔާގެ އަމާޒެއް ނޫނެވެ. ރަޝިޔާ ބޭނުންވަނީ، އުތުރު އެފްރިކާ ސަރަހައްދުގައި އޮތް ހުޅަނގުގެ ނުފޫޒުގެ މައްޗަށް ރަޝިޔާގެ ނުފޫޒު ކުރި ހޯދުމެވެ؟

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 63%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454