ވިޔަފާރި / އެމްއެމްއޭ

ލަންކާގެ ކޮމާޝަލް ބޭންކާއި ޗަމްޕާގެ ޓްރީޓޮޕް ގުޅިގެން ހަދާ ބޭންކަށް ވިޔަފާރިކުރުމުގެ ހުއްދަ ދީފި

ސްރީ ލަންކާގެ އެންމެ ބޮޑު އަމިއްލަ ބޭންކުން ރާއްޖޭގައި ބޭންކެއް ހިންގުމުގެ ހުއްދަ އަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެދުނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީޓޮޕް އިންވެސްޓްމަންޓާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުންފުންޏެއްގެ ހިއްސާ އޮވެގެން އުފައްދާ ފުރަތަމަ ބޭންކެވެ.

ލަންކާގެ ކޮމާޝަލް ބޭންކުގެ ބްރާންޗެއް: އެ ބޭންކުން ވަނީ ރާއްޖޭގައި ބޭންކެއް ހުޅުވަން ނިންމާފައި.

ސްރީ ލަންކާގެ އެންމެ ވަރުގަދަ އަމިއްލަ އެއް ބޭންކް، ކޮމާޝަލް ބޭންކާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓް ގުޅިގެން އުފައްދާ ބޭންކަށް ވިޔަފާކުރުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދީފި އެވެ

މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުންފުންޏަކާ ގުޅިގެން ހިންގަން ފަށާ ފުރަތަމަ ބޭންކެވެ.

މަރުކަޒީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ބޭންކެއް ހިންގަން އެ ދެ ފަރާތުން ގުޅިގެން ހުށަހެޅި ޕްރޮޕޯސަލް ދިރާސާކުރުމަށް ފަހު، "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް"ގެ ނަމުގައި ބޭންކެއް ހިންގުމުގެ ހުއްދަ އެމްއެމްއޭގެ ބޯޑުން މިއަދު ދީފައިވާ ކަމަށެވެ.

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގައި ޓްރީ ޓޮޕްގެ 45 ޕަސެންޓް ހިއްސާވާއިރު 55 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރަނީ ކޮމާޝަލް ބޭންކް އޮފް ސްރީ ލަންކާއިންނެވެ.

ޓްރީ ޓޮޕް އިންވެސްޓްމަންޓަކީ ޗަމްޕާ އަފީފާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުންގެ އިތުރުން ކްރައުން ކޮމްޕެނީ އަދި ކާސާ ހޯލްޑިންގްސް ހިއްސާވެގެން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ހުޅުމާލޭގައި 600 އެނދުގެ ހޮސްޕިޓަލެއް ވެސް އަޅަމުންނެވެ.

އެމްއެމްއޭ އިން ބުނީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އަށް ހުއްދަ ދިނީ ވިޔަފާރި ބޭންކަކުން ދޭ ހުރިހާ ހިދުމަތެއް ދިނުމަށް ކަމަށެވެ. އަދި އެ ބޭންކުން އަންނަ ސެޕްޓެމްބަރު 15ގައި ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ. ނަމަވެސް ފަށައިގަންނައިރު އެ ބޭންކުގެ ރައުސުލްމާލަކީ ކިހާ މިންވަރެއް ކަމެއް އެ އޮތޯރިޓީން ހާމަކޮށްފައެއްނުވެ އެވެ.

އެމްއެމްއޭ އިން ބުނެފައި ވަނީ އާ ބޭންކެއް ރާއްޖޭގައި ހުޅުވުމަކީ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީކުރުމަށާއި އެ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ލަންކާގެ ކޮމާޝަލް ބޭންކުން ރާއްޖޭގައި ބޭންކެއް ހިންގުމުގެ ހުއްދަ އަށް އެދުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ބޭންކުގެ ގޮތްޕެއް 2003 އިން ފެށިގެން ބަންގްލަދޭޝްގައި އަދި މިދިޔަ އަހަރުގެ ޖޫން މަހު ވަނީ މިޔަންމާގައި ރެޕްރެޒެންޓޭޓިވް އޮފީހެއް ހިންގަމުންނެވެ.

ރާއްޖޭގައި މިވަގުތު ހިންގަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުރުން ލަންކާގެ ގައުމީ ބޭންކް، ބޭންކް އޮފް ސިލޯން، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ހަބީބް ބޭންކް، އެޗްއެސްބީސީ، މޮރިޝަސް ކޮމާޝަލް ބޭންކެވެ.

ކޮމާޝަލް ބޭންކުން މިދިޔަ އަހަރު ބުނެފައި ވަނީ ރާއްޖޭގައި ފުރަތަމަ ފަށާނީ އެއް ބްރާންޗުން ކަމަށާއި އެކަމަކު ފަސް އަހަރު ތެރޭގައި ތިން ބްރާންޗް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އޭޓީއެމްގެ ހިދުމަތް މުހިންމު ތަންތަނުގެ ދިނުމުގެ އިތުރުން ޓެކްނޮލޮޖީގެ ބޭނުންކުރެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި ކުރާނެ ކަމަށް ވެސް ކޮމާޝަލް ބޭންކުން ބުނެފައިވެ އެވެ.

އެ ބޭންކުން ބުނީ ޕާސަނަލް ބޭންކިން އާއި ކޯޕަރޭޓް ބޭންކިންގެ އިތުރުން ރާއްޖޭގެ ތަފާތު އެކި ވައްތަރުގެ ހިދުމަތްތައް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސޭވިން އަދި ކަރަންޓް އެކައުންޓްގެ ހިދުމަތާއި ފިކްސްޑް ޑިޕޮސިޓާއި ޕާސަނަލް ލޯނާއި ހައުސިން ލޯން، ކްރެޑިޓް ކާޑް، އޯވަ ޑްރާފްޓް، ކޮމާޝަލް ލޯން، ޓްރޭޑް ފައިނޭންސިން ސާވިސަސްގެ އިތުރުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އާއި ރެމިޓެންސް އަދި ބޭރު ފައިސާގެ މުއާމަލާތްކުރުން ވެސް ހިމެނޭނެ ކަމަށް ކޮމާޝަލް ބޭންކުން ބުނެފައިވެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454