އިސްލާހީ ގިނަ ފިޔަވަޅުތަކާ އެކު، ހަރަދުތައް 10 ޕަސެންޓު ވަނީ ކުޑަކޮށްފައި ކަމަށް އެމްއެމްޕީއާރުސީން ބުނި.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު
03 ޖުލައި 2025 - 15:37
އެމްއެމްޕީއާރުސީގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ހަތަރު އަހަރުގެ ތެރޭގައި އަމަލުކުރި ގޮތް ކަމަށާއި އެކަމަކު މި ސަރުކާރު ވެރިކަމާ ހަވާލުވެ، އިސްލާހީ ފިޔަވަޅުތައް އަޅައި ހަރަދުތައް 10 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓެއްގައި އެ ކުންފުނީގެ މާލީ ހާލަތާއި ގެއްލުމާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ފާހަގަކޮށް ރިޕޯޓެއް ނެރުމާ ގުޅިގެންނެވެ.
ރާއްޖޭގެ ޓޫރިޒަމް މާކެޓު ކުރުމަށް 2010 ގައި އުފެއްދި ކުންފުނިން ބުނީ، ހަތަރު އަހަރު ވެސް ގެއްލުންވެފައިވާއިރު، ޖުމްލަ ގެއްލުމުގެ އަދަދު 200 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ކަމަށެވެ.
އެމްއެމްޕީއާރުސީން ބުނީ، ޓޫރިޒަމް ދާއިރާގައި ރާއްޖެ މާކެޓްކުރާ ކުންފުނީގެ ހައިސިއްޔަތުން، އެ ކަންބޮޑުވުންތައް ސީރިއަސްކޮށް ބަލައިގަނެ، ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވަމުން ގެންދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ، މަޖިލީހުގެ ރިޕޯޓު ބިނާވެފައިވަނީ މިދިޔަ ހަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށް ކަމަށާއި މިދިޔަ އަހަރުގެ ތެރޭގައި އެ ކޯޕަރޭޝަންގެ ހިންގުން އިސްލާހު ކުރުމާ އެކު، ހަރުދަނާކޮށް މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ނަތީޖާއަކީ އެމްއެމްޕީއާރުސީން ބުނިގޮތުގައި، މިހާރު ހިނގަމުންދާ ހަރަދުތައް 10 ޕަސެންޓު ކުޑަކުރުމެވެ.
"އެގޮތުން މި ކޯޕަރޭޝަނުން ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ފުރިހަމަ އެސެސްމެންޓެއް ހަދައ،ި ޕާފޯމަންސް ރިވިއުގެ މައްޗަށް ބިނާކޮށް ޕީއާރް އެޖެންސީތަކުގެ އަދަދު 21 އިން 6 އަށް ކުޑަކުރެވިފައި ވެ އެވެ. ހަމައެކަނި މި މަސައްކަތުގެ ސަބަބުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވެ އެވެ،" އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.
އެމްއެމްޕީއާރްސީން ބުނިގޮތުގައި، ކުރިން އެ ކޯޕަރޭޝަނުގެ ބަޖެޓުގެ ގާތްގަނޑަކަށް 80 ޕަސެންޓް ބޭނުންކުރަމުން އައީ ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށެވެ. އެކަމަކު މިހާރު އެކަމަށް ކުރާ ހަރަދުގެ 34 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށް ބުންޏެވެ. އެއާ އެކު އެވްރެޖުކޮށް ދެ މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށް ބުންޏެވެ.
އެމްއެމްޕީއާރްސީ އިން ބުނިގޮތުގައި، ކާމިޔާބު ކެމްޕެއިންތަކެއް މި އަހަރުގެ ތެރޭގައި ހިންގިއިރު އިންޑިއާ މާކެޓަށް ހަތަރު ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ. އިންޑިއާއަކީ އެމްއެމްޕީއާރްސީން އެންމެ ބޮޑު އިސްކަމެއް ދީގެން ރާއްޖެ ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ހިންގުމުންދާ އެއް މާކެޓެވެ. ސިޔާސީ ގޮތުން ދެގައުމުގެ ދެމެދުގައި ހިނގައިދިޔަ ނުތަވަސް ކަމާ ގުޅިގެން މިދިޔަ އަހަރު އިންޑިއާ މާކެޓު ވަނީ 39 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.
"މިކޯޕަރޭޝަނުން މިހާރު ތައްޔާރުވަމުން މިދަނީ ލިވަޕޫލް އެފްސީއާ އެކު ތާރީހީ ބައިނަލްއަގުވާމީ ކެމްޕޭނެއް ފެށުމަށެވެ. މިއާއެކު އެކި ބާވަތުގެ ބޮޑެތި ވީޑިއޯ އެކްޓިވޭޝަންތަކާއި ބްރޭންޑް ކޮލަބޮރޭޝަންތައް ވެސް ކުރިއަށް ގެންދިޔުމަށް ރާވާފައިވެ އެވެ،" ބަޔާނުގައި ވެ އެވެ.
"ގްލޯބަލް އެމްބެސެޑަ ޕްރޮގްރާމް ވެސް ފުޅާކުރުމުގެ ގޮތުން މިހާރު 4 އެމްބެސެޑަރުން އައްޔަންކުރެވިފައިވާ އިރު ޖެނެރޭޝަން ޒީގެ ދަތުރުފަތުރުގެ ޓްރެންޑް ކަނޑައަޅާ ފަރާތްތަކާއި ބައިނަލްއަގުވާމީ ޕްރޮޑަކްޝަން ހައުސްތަކާ އެކު އިތުރަށް ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރަމުން ގެންދެވެ އެވެ."
އެމްއެމްޕީއާރްސީއަށް މިދިޔަ އަހަރު ވަނީ 28 މިލިއަން ރުފިޔާ ގެއްލުން ވެފަ އެވެ. އެ ކުންފުނީގެ ޖުމްލަ އެކުމިއުލޭޓެޑް ގެއްލުން 213 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ. އެމްއެމްޕީއާރުސީން 2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން ކުރިމަތިވަތި ހާލަތުން އަރައިގަތުމަށް އެމްޕީއެލް މެދުވެރިކޮށް 4.6 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި 86 މިލިއަން ރުފިޔާގެ ލޯނެއް ނެގި ނަމަވެސް އެއްބަސްވި ގޮތަށް ފައިސާ ނުދައްކަ އެވެ. ފަނަރަ އަހަރުން ދައްކާ ގޮތަށް ނެގި އެ ލޯނަށް 2022 ވަނަ އަހަރުގެ ދެ ވަނަ ކުއާޓާއިން ފެށިގެން ފައިސާ ދައްކާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
05 July 2025
އެމްއެމްޕީއާރސީ ބަނގުރޫޓުވީޔޭ؟... ކުރީސަރުކާރު، ކުރީސަރުކާރު. ހަނިމާދޫ އެއަރޕޯޓު ވިއްކާލަނިއްޔޭ؟... ކުރީސަރުކާރު، ކުރީސަރުކާރު. ވެލާނާ ވީއައިޕީޓާމިނަލް ވިއްކާލަނިއްޔޭ؟....ކުރީސަރުކާރު،ކުރީސަރުކާރު..
ޑރ ވާންޗޯ
05 July 2025
ތިޔައީ ކޮންމެސަރުކާރެއްގަވެސް ބަލަދުއަރާފަތިބޭ އާއިލާތަކެއް މުއްސަނދިވެ ތަން ބަނގުރޫޓުވާން އޮންނަތަނެއް. ޕްރޮފެސަނަލް އޮޑިޓެއް ނުކުރާނެ ބިތުފަންގި ހަމައެކަނިނެގޭނެތީކީނޫން. މުޅިބިއްގަނޑުވެއްަޓި ފަލީހަތްވާނެތީ!!!!.
ރަމަ
05 July 2025
ކަލޯމެން ވެރިކަމަށް ކުފޫހަމަނުވީމާ ދެންވާނެ ހަތަރެއްޗެއްވެމިނިމެނީ ލަދުންބޯހަލާކު.
އަސް
04 July 2025
ތީ އުވާލަން ޖެހޭ ތަނެއް،
ކުރީސަރުކާރު
04 July 2025
އަައި ވޯންޓް ދީސް ގައިސް ރިއެލެކްޓެޑް، ޖަސްޓް އެންޖޯއި ލިސެނިން ޓުދެމް ބްލޭމިން ކުރީފަސްއަހަރު.
ރާވެރިބެ
04 July 2025
ގަޯސް ކަމެއް ވިއްޔާ ކުރީ ސަރުކާރު. އެކަމަކު ކުރީ ސަރުކާރުން ނިންމަމުން އައި ޕްރޮޖެކްޓް ތަކުގެ ރިބަން ކަޑަންވީމަ އެވަނީ ލަފާފުޅާ އިރުޟާދުގެ ދަށުން ނިންމާ މެގަ ޕްރޮޖެކްޓަށް.
އޯކިޑްމުންޑު
04 July 2025
ކުރީސަރުކާރޭކިޔައިގެންނޫނީ މިއިންއެކަކަށްވެސް ވަޒީފާގަދެމިހުރެވޭކަމަކަށްނުވޭ.
ކުރީ ސަރުކާރު ގެ ބޫތު
04 July 2025
ކުރީ ސަރުކާރު ގޯސްވެގެން ރައްޔިތުން ކަލޭމެންނާ ޙަވާލުކޮށްގެން 2 އަހަރު ަމުން ދާއިރުވެސް ތި ބަހަނާ ދެއްކުން ނޫން ކަމެއް ނެތް. ދެން އަންނަ ސަރުކާރަކުން (މި ސަރުކާރު އަނބުރާ ނާންނާނެކަން ޔަޤީން)، މި ސަރުކާރަށް ކިޔާނީ، "ކުރީ ސަރުކާރުން ސަލާމަތްނުވި ކުރީ ސަރުކާރު" . އެއިރެއްގަ އޮންނަ ސަރުކާރުން ކުރީ ސަރުކާރު ބަދުނާމުކުރުމަކީ ތިމާމެންނަށް ކަންކަން ނުކުރެވުނީމަ ދެރަ ނުވާން ބުނެލާ ބަހަކަށް މިހާރު މިއޮތީ ވެފަ. ކުރީ ސަރުކާރު ގެންނަ ހިސާބަށް ތިދަނީ މިހާރު
ކުރީ ސަރުކާރު ނުނިމޭތަ
04 July 2025
ކުރީ ސަރުކާރުން ހުރިހާކަމެއް ކުރީ ގޯހުން ގޯހަށް. ހަމަ ރަނަގަޅު އެއްކަމެއްވެސް ނުކުރޭ 5 އަހަރުވަންދެން ހުސްގޯސް. މިހާރުގެ ސަރުކާރުގެ ނާޤާބިލުކަމާ އިޝްރާފު އަދު ރޭުންތެރިކަމާ ހިންގުންތެރިކަން ނެތުން ފޮރުވުމަށް ބަހަނާއަކަށް ހުރިހާ ދާއިރާއެއްގެ ސިޔާސީ ބޯވަތަށް ބޭނުންކުރާ ހަތިޔާރަކީ "ކުރީ ސަރުކާރު". ހިތާވިލެއް ބޮޑުކަމުން ހަނދާން ނައްތާނުލެވުނު ކުރީގެ ލޯބިވެރިޔަކީ "ކުރީ ސަރުކާރު". ތިއޮތީ ވެރިކަމުގެ 3 ބާރުވެސް މުށުތެރޭގަ. ޝަކުވާނުކޮށް ހިންގާލަބަލަ
ހައްގުބަސް.
04 July 2025
ހަގީގަތުގަވެސް ކުރީގެ ސަރުކާރުން ހެދި ވަރައް ބޮޑެތިގޯސްތަ އެބަހުރި ފެންނަން. އެމްއެމްޕީއަރުސީގެ ހިޔާނައްތެރިން މިނިވަންކުރި..