ސްވައިދާގައި 350 މީހުން މަރުވި. ސީރިއާ ސިފައިން އެތަނުން ފައިބަން މިހާރު ވަނީ ނިންމާފައި
އިޒްރޭލުން ހިފާފައިވާ ގޯލާންގެ ބޯޑަރު ފެންސް ކައިރިއަށް ދްރޫޒް ކޮމިއުނިޓީގެ ބަޔަކު ޖަމާވެފައި: ދްރޫޒުންގެ ހިމާޔަތުގައި ކަމަށް ބުނެ އިޒްރޭލުން ދަނީ ސީރިއާއަށް ވަރުގަދަ ހަމަލާ ދެމުން. -- ފޮޓޯ: އޭއެފްޕީ
17 ޖުލައި 2025 - 09:15
އިޒްރޭލުން ސީރިއާއަށް ދިން ހަމަލާތަކުގެ ސަަބަބުން ހާލަތު އޮޅުންބޮޅުންވެ ނާމާންވެފައިވާ ކަމަށާއި އެކަމަކު އެމެރިކާ އާއި އަރަބިންނާއި ތުރުކީން މިކަމުގެ ތެރެއަށް ވަދެ ސަރަހައްދީ ބޮޑު މުސީބާތަކުން ސަލާމަތްކޮށްދީފި ކަމަށް ސީރިއާގެ ލީޑަރު އަހްމަދު އަލް ޝަރާ މިއަދު ވިދާޅުވެއްޖެ އެވެ.
ސީރިއާގައި ދްރޫޒް ދީނުގެ މީހުން އުޅޭ ސްވައިދާ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވަން ސީރިއާ ސިފައިން ވަނުމާ އެކު އެކަން ހުއްޓާލަން އިންޒާރުދީ އިޒްރޭލުން އިއްޔެ ވަނީ ސީރިއާ ސިފައިންގެ މަރުކަޒާއި ޑިފެންސް މިނިސްޓްރީ އާއި މުހިންމު އެކި ތަންތަނަށް ބޮން އަޅައި ބޮޑެތި ގެއްލުންތައް ދީފަ އެވެ.
މިދިޔަ އަހަރު ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންގެ ލީޑަރު ޝަރާ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބުކުރައްވަމުން ވިދާޅުވީ އާންމުންނާއި ސަރުކާރުގެ އިމާރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކުން ނުކުމެދާނެ ނަތީޖާ ބުނަން ވެސް ނޭނގޭ ކަމަށެވެ.
އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވަމުން އޭނާ ވިދާޅުވީ ލަފާކުރަން ވެސް ނޭނގޭ ހާލަތަކުން ސަލާމަތްކުރުމަށް އެމެރިކާ އާއި އަރަބިންނާއި ތުރުކީން މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި އެ ގައުމުތަކަށް ޝުކުރު ހައްގު ކަމަށެވެ.
އިޒްރޭލުން ހިފާފައިވާ ގޯލާންގެ ބޯޑަރު ފެންސް ކައިރިއަށް ދްރޫޒް ކޮމިއުނިޓީގެ ބަޔަކު ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ
އޭނާ ވިދާޅުވީ "މިކަމުގެ ސަބަބުން ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މައްސަލަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެގެން ދިޔަ" ކަމަށެވެ. އެކަމަކު "އެމެރިކާ، އަރަބި އަދި ތުރުކީން އެކަށީގެންވާ ގޮތުގައި ނުފޫޒު ބޭނުންކޮށް، މި ސަރަހައްދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުން ސަލާމަތްކޮށްފި" ކަމަށް ވިދާޅުވި އެވެ.
ސީރިއާގެ ސުންނީ ބަދަވީންގެ ގަބީލާތަކާއި ދުރޫޒުންގެ ހަނގުރާމަވެރިންނާ ދެމެދު ފެށިގެން އުޅޭ ކުރިމަތިލުންތައް ހުއްޓުވަން ސީރިއާ ސިފައިން ސްވައިދާއަށް ވަނުމާ އެކު އިޒްރޭލުން ހަމަލާ ދިނީ ދްރޫޒުންނާ "ނުބެހި ދޫކޮށްލަން" އިންޒާރު ދިނުމަށް ފަހުގަ އެވެ. ހަމަނުޖެހުން ހުއްޓުވުމުގެ ނަމުގައި ސީރިއާ ސިފައިން ދްރޫޒުން މަރަމުންދާ ކަމަށް އިޒްރޭލުން ބުނެ އެވެ.
ދުރޫޒުންނަކީ ހުޅަނގު އޭޝިއާގެ ބައެއް ގައުމުތަކުގައި ދިރުއުޅޭ މައިނޯރިޓީ ވަކި ދީނެއްގެ ބައެކެވެ. ޝިޔާއީންގެ އިސްމާއީލީން މަޒުހަބާ ވަކިވެގަނެގެން އުފެއްދި މި ދީން ބިނާކުރީ މުސްލިމުންގެ ފިކުރާއި ކްރިސްޓިއަނުންގެ ފިކުރު މަސްހުނިކޮށްގެންނެވެ. މި ދީނަށް އުޅޭ މީހުން އާބާދީ ދެ މިލިއަނަށް އަރައެވެ. ދުރޫޒުން އެންމެ ގިނައީ ސީރިއާ އާއި ލުބްނާން އަދި އިޒްރޭލުގަ އެވެ.
ސީރިއާ ސަރުކާރުން ބުނި ގޮތުގައި ދްރޫޒުންގެ ސަރަހައްދުން ސިފައިން ބާލަން ނިންމައި އެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މިއީ އެމެރިކާގެ އެދުމުގެ މަތިން ނިންމި ނިންމުމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މި ދެތިން ދުވަހުގެ ހަމަނުޖެހުންތަކުގައި ސްވައިދާއިން 350 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެކި ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިކޮއެ/ހުޅުމާލެ
17 July 2025
މި ޝަރާއަކީ ޔަހޫދީންގެ ޕަޕެޓެއްދެއްތޯ؟ މިއީ ދިވެހިން ވަރައް ތާއީދުކުރާ އެޗުޓީއެސްތަ؟
އިސްމާލި
17 July 2025
ތާހިރެއްނު. މި ކަލޭގެއަކީ އެމެރިކާ އިޒްރޭލުން ފައިސާދީގެން މުސްލިމުންގެ ބޯ ކަނޑަމުން ދުވި މީހެއް. އެމީހުންގެ ބާރުގައި ސީރިއާ ވެރިކަމަށް އަރާ އެ ހުރީ ސީރިޔާ ފުނޑާލައި ތަބަކަށް ލާފައި އިޒްރޭލަށް ދޭން ނިންމައިގެން. އެގޮތަށް ދަނީ އަމަލު ކުރަމުން. ދެން މޮޅެތި ވާހަކަ ދައްކައެއްނު އެބަ.
ކުރީމްޖެހި ބަނަސް
17 July 2025
އިސްލާމުންގެ ތެރޭގައި ބައިބައިވުން އުފެދި އެއްގަލަކަށް ނޭރިގެންމިއުޅެނީ އިސްލާމުންނޭ ކިޔަސް މީގެތެރޭގައި އެއްބަޔަކު އަނެއްބަޔަކު ކާފަރުކުރާ ފަސްދޮޅަހަކަށް ވަކިވަކި ދީން އުޅޭތީއެވެ. މި ކުޑަކުޑަ ގައުމުގައިވެސް އިސްލާމްދީނުގެ ހައެއްކަ ދީން އެބައުޅެއެވެ. ފާޅުގައި އެއްބަޔަކު އަނެއްބަޔަކު ކާފަރުކުރުމުގައެވެ. މުސްލިމުންނާ ދެކޮޅުކޮންމެކަމެއްގެ އަޑީގައި މިއޮންނަނީ އެއްކަލަ ހާދިމުލް އެވެ.
ޖުހާ.
17 July 2025
މޭޑިން ސައުދީ.
މުލޭ
17 July 2025
ކަލޭމެންގެ ގައުމުގެ ކޮންޓްރޯލް ވެސް އިޒްރޭލަށް ދޫކޮށްލީތާދޯ. ކަލޭމެންނަށް އިޒްރޭލު ދަސްނުވޭދޯ އަދިވެސް.
ދަ އެނަލިސްޓް
17 July 2025
ބައްޝާރުގެ ވެރިކަން ވެއްޓުނުފަހުން އިޒްރޭލުން ސީރިއާއަށް ދިން ހުރިހާ ހަމަލާތަކަކީ އަހްމަދު އައްޝަރްޢާގެ ރުހުމާއެކު ދިން ހަމަލާތަކެއް. އިޒްރޭލުން ސީރިއާގެ ރަސްމީ ސިފައިންގެ ގިނަ ތަންތަން ހަލާކުކޮށް ސިފައިންގެ އެތައް ބައިވަރު ހަތިޔާރަކާ ސިފައިން މެރިއިރު މީނާ ހުރީ އެކަމަށް ވާގިވެރިވެ މަދަދުދޭން. އިޒްރޭލުގެ ހަމަލާތައް ކުށްވެރި ކުރާއިރު މީނާއަކީ ޚުދު އިޒްރޭލާ އެމެރިކާގެ ޕަޕެޓެއް.
ދަ އެނަލިސްޓް
17 July 2025
އަހްމަދު އައްޝަރްޢާ ނުވަތަ އަބޫ މުހައްމަދު އަލް ޖޫލާނީ އަކީ މުޅި މެދުއިރުމަތި ހަލާކު ކުރުމަށް އިޒްރޭލާ އެމެރިކާއިން އުފެއްދި މީހެއް. އައިސިސް އުފައްދައިގެން އެތައް ބަޔަކު މެރުމަށްފަހު ނުސްރާ ފްރަންޓް ކިޔާ ޖަމާއަތެއް އުފައްދައިގެން އެމެރިކާއާ އިޒްރޭލުގެ މަދަދާއެކު ސީރިއާގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަ ކުރި މީހާ. މީނާ ސީރިއާއޭ ކިޔައިގެން އަނގަ ހުވާއިރު ސީރިއާގެ ރައްޔިތުންގެ ތާއީދެއް އޮތް ސީރިއާގެ ރައްޔިތުން ހޮވާފަހުރި މީހެއްވެސް ނޫން.
ދެފރގރ
17 July 2025
އެހެންތެ
ލެއްގިކޮމިޝަނަރ
17 July 2025
ކަލޭމެން ކިތަންމެ ރުޅިއަޔަސް ބައްސާރުގެ ޒަމާންވީ ހުދުމުހުތާރު އަނިޔާވެރި ވެރިކަން ވައްޓާލާފަ އޮންނާނީ. ރަސިޔާއާ އިރާނާ ހިޒްބުއްﷲ ބައްސާރުގެ ދިފާއުގަ ހަނގުރާމަ ކުރަމުންދަނިކޮށް އޭނާގެ ވެރިކަން ވަްްޓާލާފަ އެމެރިކާއާ ޔޫރަޕާ ތުރުކީއާ އަރަބިންނާ އަދި ސީރިޔާގެ މެޖޯރިޓީ ސުންނީން ބޭނުންވާ މީހަކު ވެރިކަމަށްގެނެސް ސަރުކާރެއް އެވަނީ ގާއިމު ކުރެވިފަ. ތިބުނާ ވަރުގަދަ ރަސިޔާއާ އިރާނަށް ކުޅިބަލަން ތިބުންނޫންގޮތެއް މިހާރަކުނެތް ދަ އެނަލިސްޓަށް ވަރަށްސަލާމް